ޑިފެންސް މިނިސްޓަރު އިންޑިއާ ސަފީރާ ބައްދަލުކުރައްވައިފި
ޑިފެންސް މިނިސްޓަރު އިންޑިއާ ސަފީރާ ބައްދަލުކުރައްވައިފި

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނަރު އަކިލޭޝް މިޝްރާ އާއި ރާއްޖޭގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު އިއްޔެ ބައްދަލު ކުރައްވައިފި އެވެ.

ސަރުކާރުގެ މިނިސްޓަރަކު މިޝްރާއާ މި ބައްދަލުކުރެއްވީ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ގޯސްވަމުން ދާ ކަމުގެ އަޑުތަކެއް ފެތުރެމުން ދަނިކޮށެވެ. އެކަމަކު ޑިފެންސް މިނިސްޓްރީގައި ބޭއްވި މި ބައްދަލުވުމުގެ އެއްވެސް ތަފްސީލެއް އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެ އެވެ.

އެކި ބޭފުޅުންނާ ބައްދަލުކުރެއްވުމަށް ފަހު ފޭސްބުކްގައި އެކަން އިއުލާންކުރެއްވުމުގެ އާދަ ގެންގުޅުއްވާ މިޝްރާ އޭނާގެ އެފްބީގައި ފޮޓޯތަކާ އެކު ލިއުއްވާފައި ވަނީ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފާ ބައްދަލުކުރެއްވުމުން ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ. އަދި ދިވެހި ޖުމްލައެއްގެ ގޮތުން ލިއުއްވީ "ވަރަށް ބޮޑަށް ޝުކުރިއްޔާ މަނިކުފާނު" މިހެންނެވެ.

ދާދި ފަހުން ގއ. އަތޮޅު ކައުންސިލަރުން، އިންޑިއާ ސަފީރާ ބައްދަލުކުރެއްވުމުން ހުރިހާ ކައުންސިލަރުން މިހާރު ވަނީ ސަސްޕެންޑްކޮށްފަ އެވެ. އަދި ސަރުކާރުގެ ހުއްދަ ނެތި، ބޭރުގެ ޑިޕްލޮމޭޓުންނާއި އެންޖީއޯތަކުގެ މީހުންނާ ބައްދަލުކުރުން ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން މަނާ ވެސް ކުރި އެވެ. އެކަމަކު އިއްޔެ އެލްޖީއޭ އިން ކައުންސިލްތަކަށް އެންގީ ސަރުކާރާ ގުޅިގެން އެހީ ދޭ ޖަމާއަތްތަކުގެ މީހުންނާ، ކުރިން ހުއްދަ ނެގުމަކާ ނުލާ ބައްދަލުކުރެވޭނެ ކަމަށެވެ.

ޗައިނާއާ އެކު ރާއްޖެ އިން މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކުރުމުން އެކަމާ އިންޑިއާ ވަރަށް ބޮޑަށް ހިތްހަމަނުޖެހޭ ކަމުގެ އަޑުތައް ވެސް އޮތީ ފެތުރިފަ އެވެ. އެކަމަކު ރާއްޖެ އިން ބުނެފައި ވަނީ އިންޑިއާއާ އެކު އަބަދުވެސް ގާތް ގުޅުމެއް އޮންނާނެ ކަމަށެވެ.

ސަރުކާރާ އެކު ވާހަކަ ދައްކަން އިންޑިއާގެ މަތީ ފެންވަރުގެ ވަފުދެއް ވަރަށް އަވަހަށް ރާއްޖެ އަންނަ ގޮތަށް ވެސް މިހާރު ވަނީ ހަމަޖައްސައިފަ އެވެ.

އިންޑިއާގެ ބައެއް ސަރަހައްދުތަކުގައި ދިރިއުޅޭ ބައެއް ދިވެހިންނަށް ވިސާ ލިބުމުގައި ކުރިން ދިމާނުވާ ކަހަލަ ދަތިތަކެއް މިހާރު ކުރިމަތިވާކަމުގެ ޝަކުވާތަކެއް މި ފަހުން ފެތުރުނެވެ.