29 ޑިސެމްބަރ 2017 - 11:07

މޮންރޮވިއާ، ލައިބީރިއާ (ޑިސެމްބަރު 29) – ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް 1995 ވަނަ އަހަރު ހޯދި އޭސީ މިލާނުގެ ކުރީގެ ފޯވާޑް ޖޯޖް ވިޔާ ލައިބީރިއާގެ ރިޔާސީ އިންތިހާބުގައި ކުރި ހޯދައި އެ ގައުމުގެ ރައީސްގެ މަގާމަށް އިންތިހާބުވެއްޖެ އެވެ.
މިއީ މަތީ ފަންތީގައި ފުޓްބޯޅަ ކުޅެފައިވާ ކުޅުންތެރިޔަކު ގައުމެއްގެ އެންމެ މަތީ މަގާމާ ހަވާލުވާ ފުރަތަމަ ފަހަރެވެ.
ބީބީސީން ރިޕޯޓްކޮށްފައިވާ ގޮތުގައި ވިޔާ ވަނީ އަންގާރަ ދުވަހު ބޭއްވި އިންތިހާބުގައި މިހާތަނަށް ގުނާފައިވާ 98.1 ޕަސެންޓް ވޯޓުގެ 61.5 ޕަސެންޓް ކާމިޔާބުކޮށްފަ އެވެ. ފުޓްބޯޅަ ކެރިއަރަށް ފަހު ސިޔާސީ ދާއިރާއަށް ނުކުތް ވިޔާ މިހާތަނަށް ހުރީ ސެނެޓުގެ މެމްބަރެއްގެ ގޮތުގަ އެވެ.
ވިޔާ ވަނީ ލައިބީރިއާގެ ދެ ވަނަ އަހުލީ ހަނގުރާމަ ނިމުމާ އެކު 2005 ވަނަ އަހަރު ވެސް ރައީސް ކަމަށް ކުރިމަތިލައިފަ އެވެ. އެ ފަހަރު ދެ ވަނަ ބުރަށް ހޮވުނު ނަމަވެސް އެ ބުރުގައި ނާކާމިޔާބުވީ އެވެ. އެ ފަހަރު ވިޔާ އަށް ކުރިމަތިިވި އެންމެ ބޮޑު ގޮންޖެހުމަކީ އޭނާގެ ތައުލީމީ ފެންވަރާއި ހިންގުމުގެ ތަޖުރިބާ ނެތުުމުން ކުރިމަތިވި ފާޑުކިޔުންތަކެވެ.
އުމުރުން 51 އަހަރުގެ ވިޔާ ވިދާލީ އާސެނަލްގެ މިހާރުގެ ކޯޗު އާސެން ވެންގާގެ ކޯޗުކަމުގެ ދަށުން މޮނާކޯ އަށް ކުޅުނު ދުވަސްވަރެވެ. އޭގެ ފަހުން ޕީއެސްޖީ އަށް ބަދަލުވެ އެ ކްލަބާ އެކު ފްރާންސް ލީގު ހޯދި އެވެ. އަދި 1995 ވަނަ އަހަރު އޭނާ ވަނީ ފީފާ އިން ހޮވި ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމް އަދި ޔޫރަޕުގެ މޮޅު ކުޅުންތެރިޔާއަށްދޭ ބެލޮންޑިއޯ އެވޯޑް ހާސިލްކޮށްފަ އެވެ. ވިޔާ އަކީ އެ ދެ އެވޯޑް މިހާތަނަށް ކާމިޔާބުކުރި އެފްރިކާގެ ހަމައެކަނި ކުޅުންތެރިޔާ އެވެ. ފީފާ އެވޯޑް އޭނާ ހާއްސަކުރަނީ ވެންގާ އަށެވެ. އެ ފަހަރު ވިޔާ ބުނީ އޭނާ ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިޔަކަށް ބަދަލުވުމުގެ ޝުކުރު ހައްގުވަނީ ވެންގާ އަށް ކަމަށެވެ.
ޕީއެސްޖީ އަށް ފަހު 1995 އިން 2000 އޭސީ މިލާނަށް ކުޅެ ރޮބާޓޯ ބާޖިއޯ ފަދަ ކުޅުންތެރިންނާ އެކު އެ ޓީމުގެ ފޯވާޑް ލައިނުގައި މޮޅު ކުޅުމެއް ދެއްކި އެވެ. އެ ޓީމާ އެކު އޭނާ ވަނީ އިޓާލިއަން ލީގު ދެ ފަހަރު ހާސިލްކޮށްފަ އެވެ. އޭނާ ވަނީ މިލާނުގެ ލޯނެއްގެ ދަށުން ޗެލްސީ އަށް އަދި ފަހުން ދާއިމީ ކޮންޓްރެކްޓެއްގެ ދަށުން މެންޗެސްޓާ ސިޓީ އަށް ވެސް ކުޅެފަ އެވެ. ދުވެލި ބާރު އަދި ގޯލް ޖެހުމުގައި ތަފާތު ހުނަރެއް ދެއްކި ވިޔާ ވަނީ ލައިބީރިއާ ގައުމީ ޓީމަށް 1987 އިން 2003 އަށް 60 މެޗު ކުޅެދީ 22 ގޯލް ޖަހައިފަ އެވެ.