31 ޑިސެމްބަރ 2017 - 06:44

މެދު އުމުރުގެ މީހުންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުންގެ ހިތާއި ސިކުނޑިއާ ގުޅިފައިވާ އާޓްރީޒްތައް ބެދިފައި ހުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސައިންސްވެރިން ބުނެފި އެެވެ. ބަރުދަން އެކަށީގެންވާ ވަރެއްގައި ހުރި ދުންފަތުގެ އިސްތިއުމާލު ނުކުރާ އަދި ހަކުރުބަލި ނެތް މީހަކަށް ވިޔަސް އެ މައްސަލަ ދިމާވެދާނެ ކަމަށާއި މެދު އުމުރަށް އެޅުމުން ކޮންމެ މީހަކުވެސް ގަވާއިދުން ކޮލެސްޓްރޯލް ލެވެލް ހުރި ވަރެއް ޓެސްޓްކުރަން ސައިންސްވެރިން އިލްތިމާސްކުރެ އެވެ.
އެލްޑީއެލް ނުވަތަ ބޭޑް ކޮލެސްޓްރޯލް މަތިވުމަކީ ސިއްހަތު ރަނގަޅު މެދު އުމުރުގެ މީހުންނަށް ވެސް ކުއްލިއަކަށް ހާޓް އެޓޭކާއި ސްޓްރޯކް ޖެހެން މެދުވެރިވާ ސަބަބެއް ކަމަށް ޖާނަލް އޮފް ދަ އެމެރިކަން ކޮލެޖް އޮފް ކާޑިއޮލޮޖީ (ޖޭއޭސީސީ)ގައި ޖެހި ރިޕޯޓްގައި ބުނެ އެވެ.
މެދު އުމުރު ކަމަށް ބަލާފައި ވަނީ އުމުރުން 40 އަހަރާއި 54 އަހަރާ ދެމެދުގެ މީހުންނެވެ.
އާ ރިޕޯޓު ބިނާ ކޮށްފައިވަނީ ހާޓް އެޓޭކާއި ސްޓްރޯކް ޖެހުމުގެ ނުރައްކާ އެއްވެސް ވަރަކަށް ނެތް ކަމަށް ބެލެވިފައިވާ 1،800 މީހެއްގެ މައުލޫމާތުތަކުގެ މައްޗަށެވެ.
ސިއްހީ އެއްވެސް މައްސަލައެއް ހުރި ކަމުގެ ނިޝާނެއް ނުފެނުނަސް އާޓްރީޒްތައް ހަރުވާން ފަށައިފިކަން އަންގައިދެނީ އެލްޑީއެލް ކޮލެސްޓްރޯލް މަތިވާން ފެށުމުންނެވެ.
"ލޭގެ ޕްރެޝަރާއި ހަކުރާއި ޓޯޓަލް ކޮލެސްޓްރޯލް އާދައިގެ ވަރަކަށް ހުންނަ މީހުންގެ ވެސް އެލްޑީއެލް-ސީ މަތިވުމުން މައްސަލަތައް ދިމާވާކަން ފާހަގަކުރެވިފައިވޭ،" ސައިންސްވެރިން ބުނެ އެވެ.
އެމެރިކާގެ ނެޝެނަލް ކޮލެސްޓްރޯލް އެޑިއުކޭޝަން ޕްރޮގްރާމުން ހަމަޖައްސާފައިވަނީ އެލްޑީއެލް-ސީގެ މިންވަރު 160އެމްޖީ/ޑީއެލް އަށް ވުރެ މަތީގައި ހުރުމަކީ އެ ބައި މަތިވުން ކަމަށެވެ. އަދި 130އެމްޖީ/ޑީއެލް އިން 159އެމްޖީ/ޑީއެލްއާ ދެމެދު ހުރި ނަމަ ބަލަނީ "ބޯޑަލައިން ހައި" ކަމަށެވެ.
ސައިންސްވެރިން ބުނެފައިވަނީ އާންމު ސިއްހަތު ރަނގަޅު ކުރުމަށްޓަކައި އެލްޑީއެލް ކޮލެސްޓްރޯލް ދަށްކުރަން ތަޖުރިބާކާރުން މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ.
"ކުރިން ނުރައްކަލެއް ނެތް މީހުން ކަމަށް ބަލާ މީހުންނަށް ވެސް އެ ހާލަތުގައި ހާޓް އެޓޭކާއި ސްޓްރޯކް ޖެހޭ،" ސައިންސްވެރިޔަކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސިއްހަތު ރަނގަޅު މީހުންގެ ވެސް އެލްޑީއެލް މަތިވާކަމަށް ބަލާ މިންގަނޑަށް ބަދަލުގެންނަން ޖެހޭނެ ކަމަށެވެ.