ރަހުމަތްތެރިންގެ ގޮތުގައި 60 އަހަރު، ދެން އެނގުނީ ދެބެންކަން!
ރަހުމަތްތެރިންގެ ގޮތުގައި 60 އަހަރު، ދެން އެނގުނީ ދެބެންކަން!

އެމެރިކާގެ ހަވާއީ މީހަކު އޭނާގެ ބައްޕަ ހޯދުމުގެ މަސައްކަތް ކުރަނިކޮށް ހީވެސް ނުކުރާ ކަހަލަ ކަމެއް ދިމާވެއްޖެ އެވެ. ކުޑައިރުއްސުރެ އޭނާގެ ގާތް ރަހްމަތްތެރިޔަކީ އޭނާގެ އެއްބަނޑު މީހެއްކަމެވެ.

ވޯލްޓާ މެކްފާލޭން، 74، އަށް ދުވަހަކު ވެސް އޭނާގެ ބައްޕަ ފެނިފައެއް ނެތެވެ. އަދި އެއީ ކާކުކަމެއް ވެސް ނޭނގެ އެވެ. އެހެންވެ ބައްޕަ ހޯދުމުގެ މަސައްކަތް އޭނާ އޮންލައިން ވެބްސައިޓެއް މެދުވެރިކޮށް ފެށި އެވެ. އެކަން އެހާ ކާމިޔާބުވާ ގޮތް ނުވުމުން ޑީއެންއޭ މެޗިން ވެބްސައިޓެއްގެ ބޭނުން ހިފަން ފެށި އެވެ.

ޑީއެންއޭ މެޗްކުރާ ވެބްސައިޓް އެންސެސްޓްރީ ޑޮޓް ކޮމްގައި އޭނާގެ ޑީއެންއޭއާ މެޗުވާ މީހަކު ހޯދަން މެކްފާލޭން ކުރި މަސައްކަތުން "ރޮބީ 737" ކިޔާ މީހެއްގެ ޑީއެންއޭއާ މެޗުވި އެވެ.

އެއީ ކާކުތޯ އޮޅުންފިލުވިއިރު އެމީހަކީ އޭނާގެ ޒަމާންވީ ރަހުމަތްތެރިޔާ އެލަން ރޮބިންސަން، 72، އެވެ.

ކުރީގެ ޕައިލެޓެއް ކަމަށްވާ އެލަން ވެސް އޭރު މަސައްކަތް ކުރަމުން ދިޔައީ އޭނާގެ އާއިލާގެ މީހުންނަކީ ކޮބައިކަން ހޯދާށެވެ.

އެލަންގެ އަސްލު މައިންބަފައިންނަކީ ކޮން ބައެއް ކަމެއް ނޭނގެ އެވެ. އޭނާ ގެންގުޅެ ބޮޑުކުރީ އެހެން ބައެކެވެ. އޭނާގެ އުފަން މަންމައަކީ ކޮބައިކަން ދުވަހަކު ވެސް ނުހޯދޭނެ ކަމަށް އެލަން ހުރީ ގަބޫލުކޮށްގެންނެވެ.

މެކްފާލޭން އާއި އެލަންގެ ޑީއެންއޭ މެޗު ވަނީ މަންމަގެ ފަރާތުންނެވެ. ޑީއެންއޭ މެޗުވި ކަންކަމުގެ ތެރޭގައި އެ މީހުންގެ އެކްސް ކްރޮމޮޒޯމްސް އެއް އަންހެނެއްގެ ފަރާތުން ވާރުތަވެފައި ވުން ހިމެނެ އެވެ. އެހެންކަމުން އެއީ އެއް މަންމައެއްގެ ދަރިންނެވެ.

މެކްފާލޭން ބުނި ގޮތުގައި މިއީ ވަރަށް ބޮޑު ހައިރާންކަމެކެވެ. އެލަން ވެސް ބުނީ އޭނާއަށް ލިބުނީ ވަރަށް ބޮޑު ހައިރާންކަމެއް ކަމަށެވެ.

މި ދެ މީހުން އުފަންވީ ވެސް އަދި އުޅެ ބޮޑުވީ ވެސް ހަވާއީގަ އެވެ. ދެ މީހުންގެ އުމުރުގައި އުޅެނީ 15 މަހުގެ ތަފާތެވެ. އެމީހުން ބައްދަލުވީ ގްރޭޑް ހައެއްގައި އެއް ކްލާހެއްގައި ކިޔެވިއިރު އެވެ. އޭރުއްސުރެ ދެ މީހުންގެ ދެމެދު އޮތީ ވަރަށް ގާތް އެކުވެރިކަމެކެވެ.

މެކްފާލޭނަށް ދުވަހަކު ވެސް އޭނާގެ ބައްޕަ ފެނިފައެއް ނުވެ އެވެ. އެލަން ބޮޑުކުރީ އެހެން ބައެއް ކަމުން އޭނާގެ އަސްލު މަންމަ އާއި ބައްޕަ ވެސް ނުދެކެ އެވެ.

މެކްފާލޭން އުފަންވީ 1943 ގައި ހޮނުލުލޫގަ އެވެ. އޭނާގެ މަންމަ ޖީނީވީވް އޭރު ވެސް ނިންމައިގެން ހުރީ ވިހާފައި ދަރިފުޅު އެހެން ބަޔަކަށް ދޭށެވެ. ނަމަވެސް އެކަން އެނގުމުން އޭނާ ގެންގުޅެ ބޮޑުކުރީ ޖީނީވީވްގެ މައިންބަފައިން ނުވަތަ މެކްފާލޭންގެ މަންމަ ފަރާތުގެ މާމަ އާއި ކާފަ އެވެ.

އެލަން އުފަންވީ އޭގެ 15 މަސް ފަހުންނެވެ. އަދި އުފަންވުމާ އެކު އެހެން ބަޔަކާ ހަވާލުކުރި އެވެ.