30 ޑިސެމްބަރ 2017 - 07:02

ރާނީ މުކަރުޖީ އަލުން ފިލްމީ ދުނިޔެއަށް އެނބުރި އައުން ފާހަގަކުރާ ފިލްމު "ހިޗްކީ"ގެ ޕްރޮމޯޝަން މަސައްކަތްތައް މިހާރު ވަނީ ފަށައިފަ އެވެ. "ހިޗްކީ" އަކީ އުކުނޑިކޮއްޓުމެވެ. ފިލްމަށް މި ނަން ދިފައިވަނީ މި ފިލްމުގައި ރާނީ ކުޅޭ ކެރެކްޓާ ކަމަށްވާ ނައިނާ އަކީ އާގަންނަ މީހަކަށް ވާތީ އެވެ.
ރާނީ ބުނި ގޮތުގައި އޭނާގެ ވިއްސަކަށް އަހަރުގެ ފިލްމީ ކެރިއަރުގައި ބައެއް ފަހަރު "އުކުނޑިކޮއްޓުމާ" ކުރިމަތިލާން ޖެހުނެވެ.
އިންޑިއާ ޓައިމްސް އަށް ފޯނުން ދިން އިންޓަވިއުއެއްގައި ރާނީ ބުނީ ކޮންމެ އެކްޓަރަކަށް ވެސް ކޮންމެވެސް ވަރަކަށް 'އުކުނޑިކޮއްޓުމާ' ކުރިމަތިވުމަކީ ވަރަށް އާދައިގެ ކަމެއް ކަމަށެވެ. ބައެއް ފަހަރަށް މިފަދަ އުނދަގޫތައް ދިމާވަނީ ޒާތީ ދިރިއުޅުމުގަ އެވެ. އަނެއް ބައި ފަހަރަކަށް ޕްރޮފެޝަނަލް ގޮތުންނެވެ.
"ހިޗްކީ" އަކީ ހަތަރު އަހަރުގެ މެދުކެނޑުމަކަށް ފަހު ރާނީ ކުޅޭ ފުރަތަމަ ފިލްމެވެ. ސިދާރްތު ޕީ. މަލްހޯތުރާ ޑައިރެކްޓްކުރާ މި ފިލްމު އަންނަ އަހަރުގެ ފެބްރުއަރީ 23 ވަނަ ދުވަހު ރިލީޒްކުރަން ވަނީ ހަމަޖެހިފަ އެވެ.
މިއީ "ބްލެކް"ގައި ރާނީ ކުޅުނު މިޝޭލް މެކްނެލޭގެ ރޯލަށް ފަހު އޭނާ މިހާތަނަށް ކުޅޭ އެންމެ ފުރިހަމަ ރޯލު ކަމަށް ބުނެވެ އެވެ. މި ފިލްމުގައި ރާނީ އަށް ވާހަކަ ދައްކަން ޖެހެނީ އަޅައަޅައިގެންފައި ވާހަކަ ދެއްކޭ މީހަކު ވާހަކަ ދައްކާ ގޮތަށެވެ.
ރާނީ ބުނި ގޮތުގައި ކޮންމެ ކެރެކްޓާ އެއްވެސް ކުޅެން ކޮންމެވެސް ވަރަކަށް އުނދަގޫވާނެ އެވެ. ސަބަބަކީ އޭނާއަށް ރާނީ މުކަރުޖީގެ ކެރެކްޓާއިން ނުކުމެ އެހެން ކެރެކްޓާއަކަށް ވާން ޖެހޭތީ އެވެ.
"ހިޗްކީ" ޕްރޮޑިއުސްކުރަނީ ރާނީގެ ފިރިމީހާ އަދި ޔާޝް ރާޖް ފިލްމްސްގެ އިސް ވެރިޔާ އަދިތުޔާ ޗޯޕްރާ އެވެ.
ފިލްމުގެ ޓްރެއިލާ މިހާރު ދައްކަން ފަށާފައިވާއިރު ވަރަށް ގިނަ ބޮލީވުޑް އެކްޓަރުން ވެސް ފިލްމުގެ އިޝްތިހާރަށް ތައުރީފުކޮށް ޓުވީޓް ކޮށްފައިވެ އެވެ. އޭގެ ތެރެއިން ވެސް އަމީތާބު ބައްޗަން ކޮށްފައިވާ ޓުވީޓް ފާހަގަކޮށްލެވެ އެވެ.
އަމީތާބު ލިޔެފައިވާ ގޮތުގައި މިޒަމާނުގެ މީހުން ތަފާތު ކަންތައްތައް، ތަފާތު މަސައްކަތްތައް ކޮށް ތަފާތު ކަންކަން ހާސިލުކުރަނީ ތާރީފު ހައްގު ގޮތަކަށެވެ. އަދި 'ހިޗްކީ'އަކީ ވެސް އެފަދަ ތަފާތު މަސައްކަތެއް ކަމަށް ބުނަމުން ރާނީ އަށާއި ޑައިރެކްޓަރަށް އަމީތާބު ވަނީ މަރުހަބާ ކިޔައިފަ އެވެ.