"ބިގް ބޮސް"ގެ ވަރުގަދަ އަދި ރީތި އަޑުގެ ވެރިޔާ
"ބިގް ބޮސް"ގެ ވަރުގަދަ އަދި ރީތި އަޑުގެ ވެރިޔާ

"ބިގް ބޮސް"ގެ ރީތި އަދި ވަރުގަދަ އަޑުގެ ވެރިޔަކީ ކާކުކަން އެނގޭ މީހުން މަދެވެ. ނަމަވެސް "ބިގް ބޮސް" ގެ 11 ސީޒަން ވެސް މި އަޑާ ނުލާ ފުރިހަމަ ނުވާނެ ކަމަށް ޝޯގެ އެކި ސީޒަންތަކުގައި މިިހާތަނަށް ބައިވެރިވި މީހުންނާއި ޝޯ ބަލާ މީހުން ވެސް ގަބޫލުކުރެ އެވެ. އަދި ޝޯގެ ހުރިހާ ސީޒަނެއްގައި ބައިވެރިވި ހަމައެކަނި މީހަކީ ވެސް އޭނާ އެވެ.

"ބިގް ބޮސް" ގެ އަޑުއަޅައިދޭ ފަންނާނަކީ އަތުލް ކަޕޫރެވެ. އޭނާ އަކީ ވަރަށް ގިނަ މީހުންގެ އޮޑިޝަން ހެދުމަށް ފަހު ހޮވުނު ވަރަށް ކުޅަދާނަ ވޮއިސް އާޓިސްޓެކެވެ. ޝޯގެ ހޯސްޓް ސަލްމާން ޚާން އޭނާގެ 52 ވަނަ އުފަން ދުވަސް ފާހަގަކުރިތާ އެއް ދުވަސް ފަހުން އަތުލް ވަނީ އޭނާގެ 51 ވަނަ އުފަން ދުވަސް ޝޯގެ ކުރޫންނާ އެކު ފާހަގަކޮށްފަ އެވެ. ނަމަވެސް ޝޯގެ ބައިވެރިންގެ ގޮތުގައި މިހާރު ތިބި މީހުންނަކަށް 'ބިގް ބޮސް' އުފަން ދުވަސް ފާހަގަކުރިކަމެއް ނޭނގެ އެވެ.

"ބިގް ބޮސް"ގެ ގޭގައި އެކި ފަހަރު މަތިން ތިބި އެންމެން ވެސް ޝޯ ދޫކޮށްލާފައި ދާއިރު އެންމެ ބޮޑަށް ދެރަވަނީ ބިގް ބޮސްގެ އަޑު ނީވޭތީ އެވެ. އެހާވެސް ބިގް ބޮސްގެ އަޑުގެ ބާރު ގަދަ އެވެ.

ބިގް ބޮސްގެ ގޭގައި ތިބޭ ބައިވެރިންނަށް އެކި މަސައްކަތްތައް ފުރިހަމަކުރާނެ ގޮތް ކިޔައިދިނުމުން ފެށިގެން އެ ގޭގެ ގަވާއިދުތައް ހަނދާން ކޮށްދިނުމާއި ބައެއް ބައިވެރިން މާ ވިޔާނުދާކޮށް އުޅޭ ނަމަ އެމީހުންނަށް އެއްޗެތި ގޮވުމަކީ ވެސް ބިގް ބޮސް އަށް ކުރަން ޖެހޭ ކަންކަމެވެ. ބިގް ބޮސް ރުޅިއައިސްގެން އެއްޗެކޭ ބުނާ ކޮންމެ ފަހަރަކު ހުރިހާ ބައިވެރިން ވެސް ވަރަށް ބިރުގަނެ އެވެ. އެހާވެސް އެ އަޑުގެ ވަރު ގަދަ އެވެ. އެކި އެނައުންސްމަންޓްތައް ބިގް ބޮސް ދޭއިރު ވެސް ހުރިހާ ބައިވެރިން ވަރަށް ސަމާލުވެ އަޑު އަހަން ތިބެ އެވެ.