ބިގް ބޮސް: ޝިލްޕާ ޝިންޑޭ ފައިނަލަށް ހިނގައްޖެ
ބިގް ބޮސް: ޝިލްޕާ ޝިންޑޭ ފައިނަލަށް ހިނގައްޖެ

ވަރަށް ގިނަ ފޭނުންގެ އުންމީދާ އެއްގޮތަށް ޝިލްޕާ ޝިންޑޭ "ބިގް ބޮސް 11"ގެ ފައިނަލަށް ހިނގައްޖެ އެވެ.

"ބާބީ ޖީ ގަރް ޕަރް ހޭ"ގެ ބަތަލާ ފައިނަލަށް ދިޔައީ "ގަރް އާޔޭ ގަރް ވާލޭ" ޓާސްކުން ކާމިޔާބުކޮށްގެންނެވެ. މި ޓާސްކްގައި އޭނާ ވަނީ މޮޅަށް ކައްކައިގެން އެންމެންގެ ހިތްތައް އަތުލާފަ އެވެ. މި ޓާސްކް ކާމިޔާބު ކުރެވުމުން ޝިލްޕާ ވަނީ ކުރިޔަށް އޮފް ހަފުތާގެ ބިގް ބޮސްގެ ގެއިން ނެރެން ނޮމިނޭޓްކުރާ ރައުންޑުން ރައްކާތެރިކަން ލިބިފަ އެވެ. މާނައަކީ ޝިލްޕާ ނޮމިނޭޓް ނުވެ ފައިނަލަށް ދިއުމެވެ.

މީގެ އިތުރުން ޝިލްޕާ އަށް ވަނީ ފުރަތަމަ ފަހަރަށް "ބިގް ބޮސް" ގޭގެ ކެޕްޓަންކަން ވެސް މި ހަފުތާގައި ލިބިފަ އެވެ. ފުރަތަމަ ކޮޅު ކެޕްޓަންކަން ކުރުމުގެ ޝައުގުވެރިކަމެއް ޝިލްޕާ ނުދައްކަ އެވެ. ނަމަވެސް ބިގް ބޮސްގެ ގެއިން ބައިވެރިން މަދުވަމުން ދިޔަ ވަރަކަށް އޭނާ ވެސް ކެޕްޓަނަކަށް ވާން ބޭނުންވިކަން އެނގުނެވެ.

ކެޕްޓަނަކަށް ވުމަކީ ވެސް ކުރިއަށް އޮތް ހަފުތާގެ ނޮމިނޭޝަނުން ސަލާމަތްވާ ކަމަކަށް ވާތީ ޝިލްޕާ އަށް ފައިނަލަށް ދިއުމުގެ މަގު ފަހިވީ ވަރަށް ފުރިހަމައަށެވެ.

"ބިގް ބޮސް"ގެ މިފަހަރުގެ ސީޒަން ފެށިގެން އައިއިރު ގިނަ ބަޔަކު ޝިލްޕާ ދެކެ ވަރަށް ފޫހިވި އެވެ. ޚާއްސަކޮށް ވިކާސް ގުޕްތާއާ ދިމާކޮށްލައިގެން އުޅުނު ގޮތުން ގިނަ ބަޔަކު ޝިލްޕާ އަށް އޭރު ވަރަށް ނަފުރަތު ކުރި އެވެ. ނަމަވެސް މަޑުމަޑުން ޝިލްޕާ ވަނީ އެންމެންނާ ވެސް ގުޅުން ބަދަހިކޮށްފަ އެވެ.

ޝިލްޕާގެ ރަނގަޅުކަން އެންމެ ބޮޑަށް ހާމަވީ ޝޯގެ ބައިވެރިއެއް ކަމަށްވާ ސަބްޔަސާޗީ ގެއިން ނުކުންނަން ޖެހުނު ދުވަހު އެވެ. އެ ދުވަހު ޝިލްޕާ ރޯން ފެށުމުން ވިކާސް އޭނާ ހުއްޓާލައްވަން މަސައްކަތް ކުރިތަން ފެނުނެވެ. އަދި މިއީ ޝިލްޕާ އާއި ވިކާސްގެ ފޭނުންނަށް ވަރަށް ހިތްހަމަޖެހުނު ހާދިސާއެކެވެ.

ކުރިން ހީނާ ޚާންގެ ފޭނުން ގިނަ ނަމަވެސް ބިގް ބޮސްގެ ގޭގަ އާއި ގޭން ބޭރުގައި ތިބި ބައެއް މީހުންނަށް ތަފާތު މަލާމާތްތައް ހީނާ ކުރާތަން ފެނުމުން އޭނާ ދެކެ ފޫހިވާ މީހުން ގިނަވެ އެންމެންގެ ހިތުން ޝިލްޕާ އަށް ޖާގަ ދެވުނެވެ.

ފާއިތުވީ 10 ވަރަކަށް އަހަރު ތެރޭގައި ވަރަށް ގިނަ ޝޯތައް ޝިލްޕާ ވަނީ ކުޅެފަ އެވެ. ނަމަވެސް އޭނާ އެންމެ ފަހުން ކުޅުނު ސިލްސިލާ "ބާބީ ޖީ ގަރް ޕަރް ހޭ" އިން ކުއްލިއަކަށް ވަކިވާން ޝިލްޕާ ނިންމުމާ ގުޅިގެން އޭނާ އާއި އެ ޝޯ އުފައްދާ ފަރާތާ ދެމެދު ގިނަ މައްސަލަތަކެއް ޖެހުނެވެ.

ޝޯގެ ޕްރޮޑިއުސަރުން ކަމަށްވާ ބިނައިފަރް ކޯލީ އާއި އޭނާގެ ފިރިމީހާ ސަންޖޭ އާއި ޝިލްޕާއާ ދެމެދު ވަރުގަދަ އަރާރުންގަނޑެއް ވެސް ހިނގި އެވެ. ފަހުން ސިނެ އާޓިސްޓް އެސޯސިއޭޝަންގައި ވެސް ޕްރޮޑިއުސަރުން ވަނީ ޝިލްޕާގެ މައްސަލަ ޖައްސާފަ އެވެ. ނަމަވެސް މިކަމާ ގުޅިގެން ޝިލްޕާއަށް އެއްވެސް ގެއްލުމެއް ނުލިބުނެވެ. އޭގެ ބަދަލުގައި އޭނާއަށް ހަމްދަރުދީވާ މީހުން ވީ އިތުރެވެ.