އެހެން ދީންތަކަށް ޖާގަ ހޯދަން މަގުފަހިވާ ފަަދަ ވާހަކަތައް ނުފަތުރަން އިލްތިމާސްކޮށްފި
އެހެން ދީންތަކަށް ޖާގަ ހޯދަން މަގުފަހިވާ ފަަދަ ވާހަކަތައް ނުފަތުރަން އިލްތިމާސްކޮށްފި

އިސްލާމްދީން ނޫން އެހެން ދީންތަކަށް ދިވެހިރާއްޖޭގައި ޖާގަ ހޯދުމަށް މަގުފަހިވާ ފަދަ ބޭކާރު ވާހަކަތައް މުޖުތަމައުގެ ތެރޭގައި ނުފެތުރުމަށް އިސްލާމިކް މިނިސްޓްރީން މިރޭ އިލްތިމާސްކޮށްފި އެވެ.

އެ މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި، މީސްތަކުން އުޅުމަށް މާތްﷲ އަންގަވައި އެކަލާނގެ ހަޟުރަތުގައި ގަބޫލުކުރައްވާފައި ވަނީ އިސްލާމް ދީން ކަން ފާހަގަކުރައްވައި ބުނެފައި ވަނީ، އިސްލާމްދީން ނޫން ދީނެއް އިންސާނުންނަށްޓަކައި ﷲ ތައާލާ ނުލައްވާ ކަމަށެވެ. އަދި އިސްލާމް ދީން ނޫން އެހެން ދީނެއް، އެކަލާނގެ ގަބޫލުނުކުރައްވާ ކަން ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

ދީނާ ގުޅޭގޮތުން ބޭކާރު ވާހަކަ ނުފަތުރަން އިލްތިމާސްކޮށްފައި މިވަނީ، އިސްލާމްދީނާ ޚިލާފު ވާހަކައެއް ދެއްކެވި ކަމުގެ ތުހުމަތުކޮށް، މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކުގެ ރައީސް ޝަހިންދާ އިސްމާއިލްގެ މައްސަލައެއް ފުލުހުން ބަލަމުން އަންނަނިކޮށެވެ.

މިދިޔަ ބުރާސްފަތި ދުވަހު ޝަހިންދާ ކުރެއްވި ޓުވީޓުގައި ވިދާޅުވެފައި ވަނީ، "މި ދުނިޔޭގައި އިސްލާމް ދީން ނޫން އެހެން ދީންތަކަށް ފުރުސަތު ދެއްވީ ﷲ. ނޫން ނަމަ އެހެން ދީންތަކެއް ނޯންނާނެ ނޫންތަ،" އެވެ.

މިނިސްޓްރީން ނެރުނު ބަޔާނުގައި ވަނީ، ﷲގެ ހަޟުރަތުގައި ދީނަކީ އިސްލާމްދީންކަން ގަބޫލުކޮށް އެ ދީނުގައި މަތީގައި ސާބިތުކޮށް ތިބުމަށް ހަނދާންކޮށްދީފަ އެވެ.

"ސައްތައިން ސައްތަ މުސްލިމް ގައުމެއްގެ ގޮތުގައި އޮތް ދިވެހި ގައުމުގެ ރައްޔިތުން ﷲގެ ހަޟުރަތުގައި ދީނަކީ އިސްލާމްދީނޭ، ކީރިތި ގުރުއާނުގެ މޫރިތި އާޔަތްތަކުން ބަޔާންވެފައިވާ މި ހަގީގަތް ގަބޫލުކޮށްގެން ތިބި ތިބުން ވަރުގަދަކޮށް، އިސްލާމް ދީނުގެ މަތީގައި ފައިތިލަ ސާބިތުކޮށްގެން ތިބުމަށް ހަނދާންކޮށްދެމެވެ،" ބަޔާނުގައިވެ އެވެ.

ޕޮލިސް އިންޓެގްރިޓި ކޮމިޝަންގެ ރައީސްކަން ވެސް ކުރެއްވި ޝަހިންދާ އެ ޓްވީޓް ކުރެއްވީ، އިސްލާމް ދީން ނޫން އެހެން ދީނަކަށް ފުރުސަތު ނުދެއްވާނެ ކަމަށް ވިދާޅުވެ ރައީސް އަބްދުﷲ ޔާމީން ދެއްކެވި ވާހަކަފުޅަކުން ނޫހެއްގައި ލިއެފައިވާ ހަބަރެއް ސޯޝަލްމީޑިއާގައި ހިއްސާކުރައްވަމުންނެވެ.