އަންހެންކުދިން އަވަހަށް ބާލިޣުވުމުން ޑިޕްރެޝަނަށް މަގުފަހިވޭ
އަންހެންކުދިން އަވަހަށް ބާލިޣުވުމުން ޑިޕްރެޝަނަށް މަގުފަހިވޭ

އަވަހަށް ބާލިޣުވާ އަންހެންކުދިންނަށް ލަހުން ބާލިޣުވާ ކުދިންނަށް ވުރެ ޑިޕްރެޝަނާއި ބަސްނޭހުމުގެ މައްސަލަތައް ކުރިމަތިވާލެއް އިތުރު ކަމަށް އާ ހޯދުމަކުން ދައްކައިފި އެވެ.

މި ހޯދުމުގައި ސައިންސްވެރިން ބަލާފައިވަނީ އެވްރެޖް ގޮތެއްގައި އުމުރުން 12 އަހަރުގައި ބާލިޣުވީ 7،800 އަންހެނެއްގެ މައުލޫމާތެވެ. އުމުރުން 16 އަހަރުން ފެށިގެން 28 އަހަރާ ދެމެދު މި މީހުންނާ ހަތަރު ފަހަރެއްގެ މަތިން އިންޓަވިއުކުރި އެވެ.

މި ހޯދުމުން ހާމަވި ގޮތުގައި ވަރަށް ހަގު އުމުރުގައި ބާލިޣުވާ އަންހެންކުދިންނަށް ޑިޕްރެޝަން މައްސަލަތައް ދިމާވާލެއް މާ ގިނަ އެވެ. އަދި އެ ކުދިން ފުރާވަރު އުމުރުގައި ވެސް އެފަދަ މައްސަލަތަކުގައި އުޅެން މެދުވެރިވެ އެވެ.

އަންހެންކުދިން ބާލިޣުވާލެއް އަވަސްވާ ވަރަކަށް އެކުދިންނަށް ދިމާވާ ނަފްސާނީ މައްސަލަތައް ވެސް އިތުރުވެ އެވެ. މިސާލަކަށް އަށް އަހަރުގައި ބާލިޣުވާ ކުދިންނަށް ނަފްސާނީ މައްސަލަތައް ދިމާވާލެއް 10 އަހަރުގައި ބާލިޣުވާ ކުދިންނަށް ވުރެ އިތުރެވެ.

އަވަހަށް ބާލިޣުވުމަކީ ކުއްޖާގެ އުޅުމަށް ވެސް ނޭދެވޭ އަސަރު ފޯރާ ކަމެކެވެ. އެގޮތުން މިފަދަ ކުދިންގެ މެދުގައި ވައްކަން ކުރުން، ދޮގުހެދުން، މަސްތުވާއެއްޗެތި ވިއްކުން އަދި އިމާރާތްތަކަށް ވަގަށް ވަނުން ފަދަ ކަންތައްތައް ކުރާލެއް ގިނަ ކަމަށް ހޯދުމުން ދައްކަ އެވެ. އަދި ނުރަނގަޅު އެ އާދަތައް އެކުދިން ޒުވާން އިރު ވެސް ހަރުލާފައި ހުރެ އެވެ.

ބާލިޣުވާ އުމުރުގައި ކޮންމެ ކުއްޖެއްގެ ވެސް ހަށިގަނޑަށް ބައޮލޮޖިކަލް ގޮތުން ވަރަށް ބޮޑެތި ބަދަލުތަކެއް އާދެ އެވެ. ނަތީޖާއެއްގެ ގޮތުން ދިރިއުޅުމާ މެދު ކުއްޖާ ދެކޭ ގޮތް ވެސް ބަދަލުވެ އެވެ. މިއީ ނަފްސާނީ ގޮތުން ވަރަށް ނާޒުކު ފައްތަރެއްގައި ކުދިން ތިބޭ ދުވަސްވަރެއް ކަމުން އޭގެ އަސަރު ކުއްޖާއަށް ކުރާލެއް ވަރަށް ބޮޑެވެ.

މި ހޯދުމުގައި ބަލާފައިވަނީ އަވަހަށް ބާލިޣުވުމުން ކުއްޖާއަށް އަންނަ ބަދަލުތަކަށެވެ. އެ ބަދަލުތައް އަންނަން ދިމާވެދާނެ އެހެން ސަބަބުތައް މި ހޯދުމުގައި ބަލާފައެއް ނެތެވެ. އެހެންކަމުން މިކަމާ ގުޅޭ އިތުރު ދިރާސާތައް ކުރުމަށް ފަހު ނޫނީ ހުރިހާ ކަމެއް ޔަގީންކަމާ އެކު ބުނަން ނޭނގޭ ކަމަށް ދިރާސާގައި ބައިވެރިވި ސައިންސްވެރިން އެއްބަސްވެ އެވެ.

"ފަހަރެއްގައި ވެދާނެ އަވަހަށް ބާލިޣުވާ ކުދިންނަށް މާ ހަރު މީހެއްގެ ޚިޔާލު އައިސްގެން އެކުދިންގެ އުމުރަށް ވުރެ ބޮޑެތި ކުދިންނާ އެކު އުޅެވެނީ ކަމަށް. އެހެންކަމަށް ވާ ނަމަ ފަހަރެއްގައި އެކުދިންގެ އުމުރާ ނުގުޅޭ ކަހަލަ ބައެއް ކަންތައްތަކުގައި ބައިވެރި ވެވުމަކީ އެކަށީގެންވާ ކަމެއް،" މި ހޯދުމުގައި އިސްކޮށް މަސައްކަތް ކުރެއްވި ސައިންސްވެރިއަކު ވިދާޅުވި އެވެ.

"ކުދިންގެ މިޒާޖު ގޯސްވަނީ އެކުދިންގެ އުމުރަށް ވުރެ ބޮޑެތި ކުދިން އުޅޭ ގޮތަށް އުޅެން ހަދައިގެން ކަމަށް ވުމަކީ ވެސް ހަމަ ވެދާނެ ގޮތެއް. އެހެންވެ މިކަމާ ގުޅޭ ގޮތުން އިތުރު ހޯދުންތައް ހޯދަން ޖެހޭ."