ބިގް ބޮސް: ހީނާއަށް މައްސަލައަކަށް ވީ ލޯބިވެރިޔާގެ ޖެކެޓް
ބިގް ބޮސް: ހީނާއަށް މައްސަލައަކަށް ވީ ލޯބިވެރިޔާގެ ޖެކެޓް

ބިގް ބޮސް ސީޒަން 11 ނިމެން ތިން ހަފުތާއަށް ވެފައިވާއިރު މިހާތަނަށް ބިގް ބޮސްގެ ގޭގައި ތިބުމުގައި ކާމިޔާބު ހޯދި މީހުން އެންމެ ފަހު ދުވަސްކޮޅު ވީހާވެސް ގިނަ ބައެއްގެ ސަމާލުކަން ހޯދަން ތަފާތު މަސައްކަތްތައް އަންނަނީ ކުރަމުންނެވެ. ބިގް ބޮސްގެ ގޭގައި މިހާރު ތިބި މީހުންގެ އާއިލާގެ ބައެއް މީހުން މިހާރު ވަނީ ބިގް ބޮސްގެ "އަވަށްޓެރި" ގޭގައި ދިރިއުޅެން ވެސް ފަށާފަ އެވެ.

އަވަށްޓެރި ގޭގައި މިހާރު ދިރިއުޅޭ މީހުންގެ ތެރޭގައި ބިގް ބޮސްގެ ގެއިން ނެރެލާފައިވާ ބަންދަގީ ކާލްރާ އާއި މިހާރު އެގޭގައި ތިބި ބައިވެރިންގެ ތެރޭގައި ހިމެނޭ ޕުނީޝް ޝަރުމާގެ ކުރީގެ ލޯބިވެރިޔާ އާއި ވިކާސް ގުޕްތާ، އާކާޝް ދަދްލާނީ، ޕްރިޔަންކް ޝަރުމާ އަދި ލަވް ތިޔާގީގެ މަންމަ އާއި ހީނާ ޚާންގެ ލޯބިވެރިޔާ ރޮކީ ޖައިސްވާލް އާއި ޝިލްޕާ ޝިންޑޭގެ ބޭބެ ހިމެނެ އެވެ.

އަވަށްޓެރިންނާއި ބިގް ބޮސްގެ ގޭގައި މިހާރު ތިބި މީހުންގެ މެދުގައި ވަނީ ބިއްލޫރި ފާރެއް ނަމަވެސް އެއް ބަޔަކު އަނެއް ބަޔަކު ފެންނާނީ ސިޓިން ރޫމްގައި ހުންނަ ޓީވީންނެވެ.

ހީނާ އަށް އޭނާގެ ލޯބިވެރިޔާ ފެނިފައި އުފަލުން ހަޅޭއްލަވަން ފެށި އެވެ. އެއާ އެކު ކުޑަކޮށް ނުރުހުން ވެސް ވިއެވެ. އެއީ ރޮކީ އަބަދު އެއް ޖެކެޓެއް ލައިގެން ހުއްޓާ ފެންނާތީ އެވެ. ހީނާ ވަނީ މިކަމާ ބެހޭ ގޮތުން ލަވް ތިޔާގީއާ ވެސް ވާހަކަ ދައްކާފަ އެވެ. ހީނާ ބުނީ ރޮކީ އަތުގައި ބައިވަރު، ރީތި ޖެކެޓް ހުރިއިރު އަބަދު އެއް ޖެކެޓެއް ލާ ސަބަބެއް ނޭނގޭ ކަމަށެވެ.

ޖެކެޓް ލައިގެން އަބަދު އުޅޭއިރު ރޮކީ ހުންނާނީ ރަނގަޅަށް "ކެކިފައި" ކަމަށް ލަވް ބުނުމުން ހީނާ ވަރަށް ހިތްހަމަނުޖެހުނެވެ. ރޮކީ ދެން ލާންވީ ކޮން ކަހަލަ ހެދުމެއްތޯ ލަވް ސުވާލުކުރުމުން ހީނާ ބުނީ އޭނާ ލާންވީ ހުދު ގަމީސް ކަމަށެވެ.

ހީނާ ބުންޏަސް ޓީވީން ދައްކާ ޝޯއެއްގައި އެއް ހެދުމެއް ރިޕީޓްކޮށް ލުމަކީ ގިނަ ބައެއްގެ މަލާމާތް ރައްދުވާނެ ކަމެއް ކަމަށް ބައެއް މީހުން ބުނެ އެވެ.