ސުރްވީން ޗައުލާ ކައިވެނިކުރިކަން މި އެނގުނީ ދެ އަހަރު ފަހުން
ސުރްވީން ޗައުލާ ކައިވެނިކުރިކަން މި އެނގުނީ ދެ އަހަރު ފަހުން

ކައިވެނިކޮށް އެކަން ސިއްރުކޮށްގެން އުޅުމަކީ ބޮލީވުޑް ބަތަލާއިން ޒަމާނުއްސުރެ ކުރަމުން އަންނަ ކަމެކެވެ. ޖޫހީ ޗައުލާ ވެސް ކައިވެނި ކުރިކަން ފަޅާއެރީ ވަރަށް ގިނަ ދުވަސްތަކެއް ފަހުންނެވެ. އެންމެ ފަހުން އެގޮތަށް އެނގުނީ އިލިއާނާ ޑިކްރޫޒްގެ ކައިވެންޏެވެ.

ސުރްވީން ޗައުލާ އޭނާގެ ލޯބިވެރިޔާ އަކްޝޭ ޓައްކަރްއާ 2015 ގައި ކައިވެނި ކުރިކަން ދާދި ފަހުން ހާމަވި އެވެ. ބޮމްބޭ ޓައިމްސް އިން ބުނި ގޮތުގައި ސުރްވީންގެ ފިރިމީހާ އަކްޝޭ އަކީ ވިޔަފާރިވެރިއެކެވެ. އެ ދެ މީހުން ކައިވެނިކުރީ ޖުލައި 28، 2015 ގައި އިޓަލީގަ އެވެ. މި ކައިވެނީގެ ރަސްމިއްޔާތުގައި ބޮލީވުޑްގައި ތިބި ސުރްވީންގެ ބައެއް އެކުވެރިން ވެސް ބައިވެރިވި އެވެ.

ސުރްވީން ފިލްމު ކުޅެން ފެށީ ވަރަށް ފަހުން ކަމަށް ވާތީ އެހާ އަވަހަށް ކައިވެނީގެ ވާހަކަ ހާމަކުރަން އޭނާ ބޭނުން ނުވީ ކަމަށާއި ކުރިން ވެސް އެމީހުން ނިންމާފައި އޮތީ ޖެނުއަރީ 2018 ގައި ކައިވެނި އިއުލާން ކުރަން ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެ އެވެ.

ސުރްވީން މީގެ ކުރިން ބައެއް ހިންދީ ފިލްމުތައް ކުޅެފައިވާއިރު ދެން އެންމެ އަވަހަށް ފެންނާނީ އެކްތާ ކަޕޫރުގެ ވެބް ސީރީޒް "ހަގް ސޭ" އިން ރަޖީވް ކަންޑެލްވާލްއާ އެކުގަ އެވެ.