މާދުރީ-އަނިލްގެ "ޓޯޓަލް ދަމާލް"ގައި ރީތީގެ ރާނީއެއް
މާދުރީ-އަނިލްގެ "ޓޯޓަލް ދަމާލް"ގައި ރީތީގެ ރާނީއެއް

އިންދަރް ކުމާރު ޑައިރެކްޓްކުރާ "ޓޯޓަލް ދަމާލް"ގައި އިންޑިއާ ދަރިކޮޅުގެ އިނގިރޭސި ރީތީގެ ރާނީ، ނިހާރިކާ ރައިޒާދާ މުހިއްމު ރޯލެއް ކުޅޭ ގޮތަށް ހަމަޖެހިއްޖެ އެވެ.

ނިހާރިކާ އަކީ ކުރީގެ މަޝްހޫރު މިއުޒިކް ޑައިރެކްޓަރު އޯޕީ ނައްޔަރުގެ އާއިލާއަށް ނިސްބަތްވާ މީހެކެވެ.

މި ފިލްމުގެ ލީޑް ރޯލަށް އަނިލް ކަޕޫރާއި މާދުރީ ޑިކްޝިޓް ވަނީ ސޮއިކޮށްފަ އެވެ. މި ދެ ތަރިންގެ އިތުރުން އަޖޭ ދޭވްގަން، އަރްޝަދު ވާރްސީ، ރިތޭޝް ދޭޝްމުކް އަދި ބަމަން އިރާނީ ވެސް ބައިވެރިވެ އެވެ.

މި ހުރިހާ ތަރިންނާ އެކު ފިލްމެއް ކުޅެވޭތީ އުފަލުން ހުރި ނިހާރިކާ ބުނީ ފިލްމު ފެށޭނެ ދުވަހަކަށް ކެތްތެރިކަމެއް ނެތި އިންތިޒާރުކުރެވޭ ކަމަށެވެ. ހުނަރުވެރި ގިނަ ތަރިންތަކަކާ އެކު ފިލްމެއް ކުޅެން ލިބުމަކީ ކެރިއަރަށް އަންނާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ވެސް އޭނާ ދެކެ އެވެ.

މިއީ ކުރިން ނުކުމެފައިވާ "ދަމާލް"ގެ ބައެކެވެ. މި ފިލްމުގައި އަޖޭ ކުޅެނީ ކުރީ ފިލްމުގައި ސަންޖޭ ދަތު ކުޅުނު ކެރެކްޓާ އެވެ. ފިލްމު ރިލީޒްކުރަން ހަމަޖައްސާފައި މިހާރު އޮތީ ޑިސެމްބަރު 7، 2018 އެވެ.

މިއީ 20 އަހަރުގެ މެދުކެނޑުމަކަށް ފަހު އަނިލް އާއި މާދުރީ އެކުގައި ކުޅޭ ފުރަތަމަ ފިލްމެވެ.

ނިހާރިކާ ވަނީ މީގެ ކުރިން "މަސާން"، "ބޭބީ"، "އެލޯން" އަދި "ވޮރިއާ ސާވިތުރީ" ކުޅެފަ އެވެ.