"ޓައިގާ ޒިންދާ ހޭ"ގެ އާ ފިލްމެއް އުފައްދަނީ
"ޓައިގާ ޒިންދާ ހޭ"ގެ އާ ފިލްމެއް އުފައްދަނީ

ސަލްމާން ޚާނާއި ކެޓުރީނާ ކައިފްގެ "ޓައިގާ ޒިންދާ ހޭ" ބްލޮކްބަސްޓާއަކާ ދިމާއަށް ދަތުރުކުރާ އިރު އެ ފިލްމުގެ އެހެން ބައެއް އުފެއްދުމުގެ ރޭވުންތައް ފަށައިފި އެވެ.

މި ސިލްސިލާގެ ކުރީގެ ދެ ފިލްމު ގޮތަށް އާ ފިލްމު ވެސް ވާނީ، އޭގެ އުފެއްދުންތެރިން ބުނާ ގޮތުގައި، ނޭވާ ހިފަހައްޓާލަން ޖެހޭ ވަރުގެ ވަރުގަދަ ތަޅާފޮޅުމުގެ މަންޒަރުތައް ހިމެނޭ ފިލްމަކަށެވެ. މިފަހަރުގެ ފިލްމު ބިނާކުރަނީ އެމެރިކާގައި ހިނގާ ހާދިސާތަކެއްގެ މައްޗަށެވެ.

މި ފްރެންޗައިސްގެ ފުރަތަމަ ފިލްމު ޑައިރެކްޓްކުރީ ކަބީރް ޚާނެވެ. ދެ ވަނަ ފިލްމު އަލީ އައްބާސް ޒަފަރް އެވެ. ނަމަވެސް ތިން ވަނަ ފިލްމު ޑައިރެކްޓްކުރާނީ ކާކުކަމެއް އަދި ޔަގީނެއް ނުވެ އެވެ.

އާ ފިލްމުގެ މަސައްކަތް އެހާ އަވަހަށް ފެށޭކަށް ނެތެވެ. ސަބަބަކީ 2019 އާ ހަމައަށް ސަލްމާނަށް ފުރުސަތު ދެވެން ނެތުމެވެ.

ސަލްމާން މިހާރު ޝޫޓް ކުރަމުންދަނީ "ރޭސް 3" އެވެ. ކޯރިއޮގްރާފަރު-ޑައިރެކްޓަރު ރޭމޯ ޑިސޫޒާ ޑައިރެކްޓްކުރާ މި ފިލްމުގެ ތަރިންގެ ތެރޭގައި ޖެކްލީން ފެނާންޑިސް، ބޮބީ ޑެއޯލް، ޑެއިޒީ ޝާހް ހިމެނެ އެވެ. މިއީ 2018 ގެ ކުޑަ އީދަށް ރިލީޒްކުރަން ތައްޔާރުކުރާ ފިލްމެކެވެ.

"ރޭސް 3" ނިމުމާ އެކު ސަލްމާން ދެން މަސައްކަތް ފަށާނީ އޭނާގެ ޅިޔަނު އަތުލް އަގްނިހޯތުރީ އުފައްދާ "ބާރަތު" ގަ އެވެ. މި ފިލްމު ޑައިރެކްޓްކުރަނީ "ސުލްތާން" އާއި "ޓައިގާ ޒިންދާ ހޭ"ގެ ޑައިރެކްޓަރު ޒަފަރް އެވެ. މި ފިލްމު ތައްޔާރުކުރަނީ 2019 ގެ ކުޑަ އީދު ދުވަހު ރިލީޒްކުރުމަށެވެ.

"ޓައިގާ ޒިންދާ ހޭ" ގެ އާ ފިލްމުގައި ވެސް ސަލްމާންގެ އިތުރުން ކެޓުރީނާ ކައިފް ބައިވެރިވާނެކަމަށް ބެލެވެ އެވެ.