29 ޑިސެމްބަރ 2017 - 10:49

ގަދަ ހޫނުގައި ގިނައިރު ވާ ނަމަ ފިނިކޮށްލެވޭނެ ގޮތެއް ވޭތޯ ކޮންމެ މީހަކު ވެސް ބަލާނެ އެވެ. އަތުން ހިފައިގެން ގެންގުޅޭ ކުދިކުދި ފަންކާއަކުން މިހާރަކު ނުފުދެ އެވެ. ހެދުމުގައި ހަރުކޮށްލެވޭނެހެން އުފައްދާފައިވާ ބްލޯ މައިކްރޯ ކޫލިން ޑިވައިސްއަކީ ދެ މިނިޓް ތެރޭ ހަށިގަނޑުގެ ފިނިހޫނުމިން ހަ ޑިގްރީއަށް ދަށްކޮށްލައިދޭ އެއާކޯންއެކެވެ.
އާދައިގެ ސްމާޓްފޯނެއްގެ ސައިޒަށް ހަދާފައިވާ ބްލޯ ޑިވައިސްގެ އެއްކޮޅު ފަރުމާކޮށްފައިވަނީ ވައި ވަންނާނެހެން ކުދިކުދި ގޮޅިގޮޅި ހުންނަ ކަހަލަ ދާގަނޑެއް ގޮތަށެވެ. މީގެ އަނެއް ކޮޅުގައި ހުންނަނީ ވައި ނެރެދޭ ކެނޑުމެކެވެ. އަތަށް ހެޔޮވަރުކޮށް ހުންނަ މި ޑިވައިސް އުފެއްދީ ހެދުމުގެ ކަރުވަޅުގައި ނުވަތަ ބުރަކަށިން ނަމަ އުނަގަނޑާ ހަމައަށް ހުންނަ ވަރުގެ ޓީޝާޓާއި ގަމީހުގެ ފަސްބައިގައި އެތެރެއަށް ފިނިވަންނާނެހެން ހަރުކުރެވޭ ގޮތަށެވެ.
ކުޑަކުއްޖަކު ގޮވައިގެން އަވީގައި ހިނގަން ޖެހިއްޖެ ނަމަ އެކުއްޖާގެ ރެކްސާގައި ވެސް ބްލޯ ޑިވައިސް ހަރުކުރެވޭނެ އެވެ. އާދައިގެ ފަންކާއަކާ ޚިލާފަށް ބްލޯއިން މަސައްކަތްކުރާނީ ހަށިގަނޑުގެ އެއް ތަންކޮޅަށް ފިނިކޮށްދިނުމަށެވެ. އޭރުން މުޅި ހަށިގަނޑުން ހޫނު ކުޑަކޮށްދޭނެ ކަމަށްވެ އެވެ.
ބްލޯ އުފައްދާފައިވަނީ ތިން ދަރަޖައަކަށް ފިނިކުރެވޭ ގޮތަށެވެ. ދަށް މިންވަރާއި އާދައިގެ މިންވަރާއި އެންމެ ބާރެވެ. ފިނި ވައި ޖައްސައިދެމުން ހިތަށާއި ހައްޓަށް އަރާމާއި ހިތްހަމަޖެހުން ލިބޭނެ ކަހަލަ ތެޔޮފޮދެއް ވެސް ފިނި ވަޔާ އެކު ދައުރުވާނެ ގޮތަށް ހެދެން ހުރެ އެވެ. ބްލޯ ޑިވައިސް ގަޑިއެއްހާއިރު ޗާޖުކޮށްލައިފި ނަމަ އަށް ގަޑިއިރު ވަންދެން ފިނިކޮށްލަކޮށްލަ ހުރެވޭނެ އެވެ.