28 ޑިސެމްބަރ 2017 - 13:37

ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން އެމްޑީޕީގެ ގައުމީ މަޖިލީހުގައި ރޭ މަޝްވަރާކޮށްފި އެވެ.
މި ބައްދަލުވުމުގެ ތަފްސީލެއް އެ ޕާޓީން ހާމައެއް ނުކުރެ އެވެ. އެކަމަކު މި ބައްދަލުވުން ބާއްވާފައި މިވަނީ، ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް އެ ޕާޓީން އޮނިގަނޑެއް އެކުލަވާލާފައި ވަނިކޮށެވެ.
އިދިކޮޅު ފަރާތްތަކާ ގުޅިގެން، އެމްޑީޕީން މަސައްކަތް ކުރަމުން އަންނަ އިރު ގުޅިފައިވާ ޕާޓީތަކުން އިންތިހާބަށް އެއް ކެންޑިޑޭޓަކު ނެރެން އެ ޕާޓީން ވަނީ ހުށަހަޅައިފަ އެވެ.
ރާއްޖޭގައި މިހާރު އޮތް ހާލަތު ބަދަލުކުރެވޭނީ އެއް ކެންޑިޑޭޓަކު ނެރެގެން ކަމަށް، ގުޅިފައިވާ ޕާޓީތަކުން ވެސް ގަބޫލުކުރެ އެވެ. ރައީސް އަބްދުﷲ ޔާމީން ބަލިކުރަން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ޕާޓީތަކަށް ހުށަހެޅުއްވީ އިންތިގާލީ ކެންޑިޑޭޓަކު ނެރުމުގެ ފޯމިއުލާ އެވެ. އެ ފޯމިއުލާގެ ދަށުން، ވެރިކަމަށް އިންތިހާބުކުރާނީ އެ މަނިކުފާނު ވިދާޅުވާ ގޮތުގައި އިންތިގާލީ ވެރިއެކެވެ.
އެ ރައީސްގެ ޒިންމާއަކީ، ނަޝީދު ވިދާޅުވެފައިވާ ގޮތުގައި، މިހާރު މަސްހުނިކޮށްފައިވާ ބާރުތައް ވަކިކޮށް، ރައްޔިތުންގެ މަޖިލީހާއި މިނިވަން މުއައްސަސާތަކާއި ޖުޑިޝަރީ އިސްލާހު ކުރެއްވުމެވެ. އަދި މިނިވަން އިންސާފުވެރި އިންތިހާބެއް ބާއްވާނެ ޖާގަ ހޯދައިދެއްވުމެވެ.
މި ވިސްނުމުގައި، ގޮތްތަކެއް ހޯދަން ޕާޓީތަކުގެ އަތް މައްޗަށް ދޫކޮށްލެއްވި ނަމަވެސް މި ހިޔާލަށް ޕާޓީތަކުން އެއްބަސްނުވެވި ފޭލްވީ އެވެ.
ޖުމްހޫރީ ޕާޓީން މަސައްކަތް ކުރަނީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ގާސިމް ނެރުމަށެވެ. އެމްޑީޕީން މަސައްކަތް ކުރަނީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ނެރުމަށެވެ.
އެކަމަކު ނަޝީދާއި ގާސިމަށް ވެސް އިންތިހާބަށް ކުރިމަތިލެއްވޭނީ ގާނޫނީ ގޮތުން ހައްލުތަކެއް ހޯދިގެންނެވެ. ގާނޫނުއަސާސީ އަށް ގެނައި އިސްލާހު ބުނާ ގޮތުން 65 އަހަރުން މަތީގެ މީހުންނަށް ރައީސުލްޖުމްހޫރިއްޔާގެ މަގާމަކަށް ކުރިމައްޗެއް ނުލެވޭނެ އެވެ. ގާސިމްގެ އުމުރުން 65 އަހަރު ފުރިފައިވުމުގެ އިތުރުން، އޭނާގެ މައްޗަށް ތިން އަހަރުގެ ޖަލު ހުކުމެއް ވެސް އެބަ އޮތެވެ. ދިގު މުއްދަތުގެ ޖަލު ހުކުމެއްގައި ހުންނެވުމުން ނަޝީދަށް ވެސް ރިއާސީ އިންތިހާބުގައި ވާދައެއް ނުކުރެއްވޭނެ އެވެ.