ޑޮންނަރުއްމާގެ ބޭބެގެ މޮޅު ކުޅުމާ އެކު މިލާން ސެމީ އަށް
ޑޮންނަރުއްމާގެ ބޭބެގެ މޮޅު ކުޅުމާ އެކު މިލާން ސެމީ އަށް

މިލާން (ޑިސެމްބަރު 28) – އޭސީ މިލާނުގެ އެއް ވަނަ ގޯލްކީޕަރު ޖިއަންލުއިޖީ ޑޮންނަރުއްމާގެ ބޭބެ އަދި ތިން ވަނަ ކީޕަރު އެންޓޯނިއޯ ޑޮންނަރުއްމާ ދެއްކި މޮޅު ކުޅުމާ އެކު ވާދަވެރި އިންޓަ 1-0 އިން ބަލިކޮށް އިޓާލިއަން ކަޕުގެ ސެމީ ފައިނަލުން އޭސީ މިލާން ރޭ ޖާގަ ހޯދައިފި އެވެ.

މި މެޗުގެ ފުރިހަމަ ވަގުތު ހަަމަވިއިރު ދެ ޓީމު 0-0 އިން އެއްވަރުވެފައި އޮތްއިރު މިލާން މޮޅުވީ އިތުރު ވަގުތުގައި ޒުވާން ފޯވާޑް ޕެޓްރިކް ކުޓްރޯނޭ ޖެހި ގޯލުންނެވެ. އޭނާ މި ގޯލް ޖެހީ ސްޕެނިޝް މިޑްފީލްޑަރު ސޫސޯ ތަނަވަސްކޮށްދިން ފުރުސަތުތަކުންނެވެ.

ރޭގެ މެޗުގައި އެންޓޯނިއޯ އަށް ގޯލް ބަލަހައްޓަން ޖެހުނީ އޭނާގެ ކޮއްކޮ އުމުރުން 18 އަހަރުގެ ޑޮންނަރުއްމާ އަށާއި ދެ ވަނަ ކީޕަރު އުމުރުން 40 އަހަރުގެ މާކޯ ސްޓޮރާރީ އަށް އަނިޔާވުމުންނެވެ. ސްޓޮރާރީ އަށް އަނިޔާވީ މެޗުގެ ވޯމްއަޕުގެ ތެރެއިންނެވެ.

އުމުރުން 27 އަހަރުގެ އެންޓޯނިއޯ ވަނީ މި މެޗުގައި މުހިއްމު ސޭވްތަކެއްކޮށްފަ އެވެ. އޭނާ އަކީ ވެސް މިލާނުގެ ޔޫތު އެކަޑަމީން ތަމްރީންވެ އެ ކްލަބުގެ ސީނިއާ ޓީމުގެ ސްކޮޑުގައި 2009 އިން 2012 އަށް ހިމެނުނު ކުޅުނު ކުޅުންތެރިޔެކެވެ. އެކަމަކު އޭރު އެކަށީގެންވާ ފުރުސަތުތަކެއް ނުލިބި އޭނާ ގިނައިން ކުޅުނީ ލޯން އުސޫލުން އެހެން ޓީމުތަކަށެވެ. އޭނާ ގްރީކުގެ ޓީމަކުން އަނބުރާ މިލާނަށް މި ފަހަރު ގެނައީ އޭނާގެ ކޮއްކޮގެ ކޮންޓްރެކްޓް އާކުރުމުގެ އެއްބަސްވުމުގެ ތެރެއިންނެވެ.

ބޮޑު ހަރަދުތަކެއްކޮށް ސީޒަނާ ކުރިމަތިލައި އިޓާލިއަން ލީގުގައި އެކަށީގެންވާ ނަތީޖާތަކެއް ނުނެރެވި އޮތް މިލާނުގެ ކޯޗު ޖެނާރޫ ގަޓޫސޯ ބުނީ މި މޮޅާ އެކު ވެސް ޓީމުގެ ހުރިހާ މައްސަލަތަކެއް ހައްލުނުވާނެ ކަމަށާއި އެކަަމަކު މި ލިބުނީ ނޭވާލާނެ ޖާގައެއް ކަމަށެެވެ.

ސެމީ ފައިނަލުގައި މިލާން ވާދަކުރާނީ ފިއޮރެންޓީނާ އަތުން 1-0 އިން މޮޅުވި ލާޒިއޯއާ އެވެ. ކުއާޓާ ފައިނަލުގެ ތިން ވަނަ މެޗުގައި އެޓަލާންޓާ އާއި ނަޕޯލީ ވާދަކުރާއިރު އަނެއް މެޗުގައި ބައްދަލުކުރާނީ ޔުވެންޓަސް އާއި ޓޮރިނޯ އެވެ.