ރެކޯޑް އަގެއްގައި ވެން ޑައިކް ލިވަޕޫލަށް
ރެކޯޑް އަގެއްގައި ވެން ޑައިކް ލިވަޕޫލަށް

ލިވަލޫލް (ޑިސެމްބަރު 28) – ޑިފެންޑަރަކަށް ދުނިޔޭގައި މިހާތަނަށް ނުދޭހާ ބޮޑު އަގެއް ކަމަށްވާ 75 މިލިއަން ޕައުންޑަށް ސައުތުހެމްޓަންގެ ނެދަލެންޑްސް ޑިފެންޑަރު ވާޖިލް ވެން ޑައިކް ގަތުމަށް ލިވަޕޫލުން އެއްބަސްވެއްޖެ އެވެ.

ޖެނުއަރީ 1 ވަނަ ދުވަހު މިޑް ޓްރާންސްފާ ބާޒާރު ހުޅުވުމާ އެކު ވެން ޑައިކް ރަސްމީކޮށް ލިވަޕޫލަށް ސޮއިކޮށް އެ ކްލަބާ ގުޅޭނެ އެވެ. މި ވަގުތު އެންމެ އަގުބޮޑު ޑިފެންޑަރަކީ މި އަހަރުގެ ޖުލައި މަހު މޮނާކޯ އިން 52 މިލިއަން ޕައުންޑަށް މެންޗެސްޓާ ސިޓީއަށް ބަދަލުވި ބެންޖަމިން މެންޑީ އެވެ.

ވެން ޑައިކް ބުނީ ލިވަޕޫލުގެ ކުޅުންތެރިޔަކަށް ވާން އެއްބަސްވެވުނީތީ އުފާވެ ފަހުރުވެރިވެފައިވާ ކަމަށާއި ދުނިޔޭގެ އެންމެ ބޮޑު އެއް ކްލަބާ ގުޅޭތީ މިއަދަކީ އޭނާ އާއި އޭނާގެ އާއިލާ އަށް ފަހުރުވެރި ދުވަހެއް ކަމަށެވެ.

ލިވަޕޫލާ ޖެނުއަރީ 1 ވަނަ ދުވަހު ގުޅުުނު ނަމަވެސް 2 ވަނަ ދުވަހުގެ ކުރިން އޭނާގެ ނަން ރަޖިސްޓްރީނުވާނެތީވެ 1 ވަނަ ދުވަހު އޭނާ އަށް ބާންލީއާ ދެކޮޅަށް ނުކުޅެވޭނެ އެވެ.

އުމުރުން 26 އަހަރުގެ ވެން ޑައިކް ސައުތުހެމްޓަނަށް 2015 ވަނަ އަހަރު ބަދަލުވީ ސްކޮޓްލެންޑުގެ ސެލްޓިކުންނެވެ. އޭނާ ވަނީ ނެދަލެންޑްސް ގައުމީ ޓީމަށް 16 މެޗު ކުޅެދީފަ އެވެ.

ވެން ޑައިކް މި ފަހަރުގެ ޖޫން ޓްރާންސްފާގައި ވެސް ލިވަޕޫލަށް ބަދަލުވެދާނެން ހީވި އެވެ. އެކަމަކު ލިވަޕޫލުން ސައުތެމްޓަންގެ ކިބައިން މައާފަށް އެދުމަށް ފަހު، ވެން ޑައިކް ގަތުމަށް ކުރި މަސައްކަތް ރަސްމީކޮށް ހުއްޓާލި އެވެ. މައްސަލަ ޖެހުނީ މިދިޔަ ސީޒަނުގެ މެދުތެރެއިން ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް އާއި ވެން ޑައިކް ބްލެކްޕޫލްގައި ނުރަސްމީ ބައްދަލުވުންތަކެއް ބާއްވާފައިވާ ކަމަށް މީޑިއާގައި އަޑުފެތުރުމުންނެވެ. ޕްރިމިއާ ލީގުގެ ގަވާއިދު ބުނާގޮތުން ކްލަބެއްގެ ކޮންޓްރެކްޓެއްގައި ހުރި ކުޅުންތެރިއަކަށް އެހެން ކުޅުންތެރިއަކާ ވާހަކަ ދެއްކޭނީ އެ ކުޅުންތެރިއެއްގެ ބެލެނިވެރި ކްލަބްގެ ހުއްދަ ލިބިގެންނެވެ.