28 ޑިސެމްބަރ 2017 - 10:08

ނިއުކާސަލް (ޑިސެމްބަރު 28) – ނިއުކާސަލް ޔުނައިޓެޑް އަތުން 1-0 އިން މޮޅުވެ އިނގިރޭސި ޕްރިމިއާ ޖެހިޖެހިގެން 18 ވަނަ މެޗުން މޮޅުވެ މެންޗެސްޓާ ސިޓީން ތާވަލުގެ އެއް ވަނައިގައި 15 ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.
އެ ޓީމާ އެންމެ ގާތުގައި އޮތް މެންޗެސްޓާ ޔުނައިޓެޑް އަންގާރަ ދުވަހުގެރޭ ބާންލީއާ 2-2 އިން އެއްވަރުވުމުގެ ފައިދާ ނަގައި ސިޓީން ލީޑު ފުޅާކުރީ 58 ޕޮއިންޓާ އެކު އެވެ. ޔުނައިޓެޑް ދެ ވަނައިގައި އޮތީ 43 ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި 42 ޕޮއިންޓާ އެކު އޮތީ ޗެލްސީ އެވެ.
ނިއުކާސަލްގެ ސްޓޭޑިއަމުގައި ރޭ ކުޅުނު މެޗުގައި ސިޓީގެ ހަމައެކަނި ގޯލް 31 ވަނަ މިނެޓުގައި ކާމިޔާބުކުރީ އިނގިރޭސި ފޯވާޑް ރަހީމް ސްޓާލިން އެވެ.
މެޗަށް ފަހު ގާޑިއޯލާ ބުނީ އާދަޔާހިލާފު ޑިފެންސިވް ގޭމް ކުޅޭ ޓީމުތަކާ ދެކޮޅަށް ކުޅެން އުނދަގޫ ކަމަށެވެ. ގާޑިއޯލާ ބުނީ އޭނާގެ ޓީމުން ކުރެވެން ހުރި ހުރިހާ ކަމެއް ކުރި ކަމަށާއި އެކަމަކު އިދިކޮޅު ޓީމުން ކުޅެން ބޭނުންނުވަންޏާ ވަރަށް އުނދަގޫ ކަމަށެވެ.
ސިޓީން ޖެހިޖެހިގެން 18 ވަނަ މެޗުން މޮޅުވިއިރު ޔޫރަޕުގެ ބޮޑު ފަސް ލީގުގައި މިއަށް ވުރެ ބޮޑު ރެކޯޑެއް މިހާތަނަށް ހަދާފައި ވަނީ ވެސް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އެވެ. އެއީ 2013/2014 ސީޒަނުގައި ޖަރުމަން ލީގުގެ ބަޔާން މިއުނިކާ އެކު 19 މެޗުން މޮޅުވެގެންނެވެ.