30 ޑިސެމްބަރ 2017 - 07:06

ޖެނުއަރީމަހު ނެރޭނެކަމަށް ކުރިން ހީކުރި ސެމްސަންގް ގެލެކްސީ އެސް 9 ނުކުންނާނީ ފެބްރުއަރީގައި ކަމަށް ބައެއް ނޫސްތަކުން ޚަބަރު ފަތުރަމުން އެބަ ދެ އެވެ. އެސް 9 ނުކުންނަ އިރު ކުދިކުދިި ބަދަލުތަކާ އެކު އެސް 9 ޕްލަސް ވެސް ނުކުންނާނެ ކަމަށް ޚަބަރު ލިބެ އެވެ.
އެހެން ފަހަރުތަކެކޭ އެއްގޮތަށް މިފަހަރު ވެސް އާ ފޯނާ ބެހޭ ގޮތުން އެކި އަޑުތައް ދަނީ ފެތުރެމުންނެވެ. އެސް 8 އާ މާ ބޮޑު ތަފާތެއް ހުންނާނެ ކަމަކަށް ނުވެ އެވެ. އެކަމަކު އެސް 8އަށް ވުރެ އަގު ހެޔޮވާނެ ކަމަކަށް ވެސް ނުބެލެވެ އެވެ. ލަފާކުރެވޭ ގޮތުގައި އެސް 9 ވިއްކާނީ 725 ޑޮލަރަށެވެ.
އެސް 8ގެ ބޮޑުމިނާއި އާ ފޯނުގެ ސްކްރީންގެ ރޭޝިޔޯގައި ތަފާތެއް ނުހުންނާނެ އެވެ. ސެމްސަންގްގެ އެހެން ފޯނުތަކެކޭ އެއްގޮތަށް އެސް 9ގައި ވެސް ބޭނުންކުރާނެ ކަމަށް ބެލެވެނީ ސުޕާ އެމޯލެޑް ސްކްރީނެވެ. އެންމެ ބޮޑު ތަފާތެއް އަންނާނެ ކަަމަށް ލަފާކުރަނީ ސްކްރީން މަތިން އިނގިލީގެ ނިޝާން ނަގައިގަނެވޭ ގޮތަށް ހުރުމެވެ. މިއީ މުޅިން ޔަގީންވާ ކަމަކަށް ނުވިޔަސް މިހާރު އިވޭ އަޑުތަކުން ލަފާކުރެވެނީ އެކަހަލަ ފީޗާއެއް ހުރެދާނެ ކަމަށެވެ. ޔަގީނާ ގާތަށް އެނގޭ ކަމަކީ ސްކްރީންގެ ތިރިން އިނގިލީގެ ނިޝާނުން ފޯނު ހުޅުވޭނެ ގޮތެއް އެސް 9ގައި ހަމަޖެހިފައިވާ ކަމެވެ.
ސެމްސަންގުން 2016 ގައި ވަނީ ރައްކާތެރި ސްކްރީނެއްގެ އަޖުމަ ބަލައި، ފާސްކޮށްފަ އެވެ. އަދި އެ ކުންފުނިން ނެރޭ ފޯނެއްގައި އޭގެ ސްކްރީން ހުންނާނެ ކަމަށް ވެސް ބުނެފައިވެ އެވެ. ވީމާ ބެލެވެނީ މިފަހަރު ނުކުންނަ އެސް 9ގައި ހުންނާނީ ފެން ޖެހުނަސް ގެއްލުން ނުލިބޭނެހެން އުފައްދާފައިވާ ސްކްރީނެއް ކަމެވެ. އެހެންކަމުން ވާރޭ ވެހުނަސް ފޯނަށް ރައްކާތެރިކަން ކަށަވަރުވާނެ އެވެ.
އެސް 9ގެ ކެމެރާ، ކުރިން ނުކުތް ގެލެކްސީ ފޯނުތަކާ ތަފާތުވުން އެކަށީގެންވެ އެވެ. އުއްމީދުކުރެވެނީ ސިކުންތަކު 1000ފްރޭމް ނެގުމުގެ ކުޅަދާނަކަން މި ފޯނުގެ ކެމެރާއަށް ލިބޭނެ ކަމަށެވެ. މިއީ ފޯނެއްގެ ކެމެރާއަކަށް މިހާތަނަށް ހޯދުނު ކުރިއެރުމެއް ނޫނެވެ.
ބައެއް މީހުން ބުނާ ގޮތުން ލީކުވި ސެމްސަންގް ގެލެކްސީ އެސް 9ގެ ފޯނު ކަވަރުތަކުގައި ކެމެރާއަށް ވީ ދިމާ ހުންނަނީ ތަންކޮޅެއް ދިގުކޮށެވެ. މިއީ ޑަބްލް ލެންސް ކެމެރާގައި ހުރެދާނެކަމަށް މީހުންނަށް ހީވެދާނެ ކަމެކެވެ. ނަމަވެސް ބައެއް މީހުން ބުނަނީ އެއީ ކެމެރާ އާއި އިނގިލީގެ ނިޝާނަށް ވީ ގޮޅި ކަމަށެވެ. ނުވަތަ ދެ ކެމެރާ ލެންސް ހުންނަނީ އެސް 9 ޕްލަސްގައި ކަމަށް ވުން ވެސް އެކަށީގެންވެ އެވެ.
ގެލެކްސީ އެސް 9ގެ ސަލާމަތީ ފިޔަވަޅުތައް ވެސް ވަކި ދެރައެއް ނުވާނެ އެވެ. އައިފޯން 10 ފަދައިން މޫނު ދެނެގަންނަ ފީޗާ ހިމެނޭ ކަމަށް ބުނާތީ ވެސް އިވެ އެވެ.
މިއީ ގެލެކްސީ އެސް 9އާ ބެހޭ ގޮތުން އިވޭ އަޑުތަކެވެ. އެންޑްރޮއިޑްގެ ލޯބިވެރިން ކުރާ އުއްމީދުތަކެވެ. ފެބްރުއަރީ ނުވަތަ ލަސްވެގެން މާޗްމަހު މި ފޯނު ބާޒާރަށް ނުކުންނާނެ އެވެ. ފޯނާ މެދު ކުރެވޭ އުއްމީދުތައް ހާސިލްވި މިންވަރެއް ޔަގީންވާނީ އޭރުންނެވެ.