ފިކުރު ތަފާތުވިޔަސް ހުރިހާ ލީޑަރުންގެ އޮތީ އެއް އަމާޒެއް: އިދިކޮޅު ފަރާތްތައް
ފިކުރު ތަފާތުވިޔަސް ހުރިހާ ލީޑަރުންގެ އޮތީ އެއް އަމާޒެއް: އިދިކޮޅު ފަރާތްތައް

އިދިކޮޅު ލީޑަރުންގެ ސިޔާސީ ފިކުރު ތަފާތުވިޔަސް ހުރިހާ ލީޑަރުންގެ އޮތީ އެއް އަމާޒެއްް ކަމަށާއި އެއީ އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުން ރައީސް އަބްދުﷲ ޔާމީން ބަލިކުރުން ކަމަށް އިދިކޮޅު ފަރާތްތަކުން މިއަދު ބުނެފި އެވެ.

އެ ކޯލިޝަނުން މިގޮތަށް ބުނީ އިދިކޮޅު ލީޑަރުންނަށް ދާދިފަހުން ރައީސް ޔާމީން ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައި ވަނިކޮށެވެ. އެމަނިކުފާނު ވިދާޅުވެފައި ވަނީ އިދިކޮޅު ލީޑަރުން މިހާރު ފެންނަނީ ދަޅުގައި ބަންދު ކޮށްފައިވާ އެކި ވައްތަރުގެ މަސް ހިމެނޭ ކޮކްޓެއިލްގެ ގޮތުގައި ކަމަށާއި އެ ބޭފުޅެއްގެ ފިކުރަކީ ކޮބައިކަން އެ ބޭފުޅުންނަށް ވެސް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ އެ ކޯލިޝަންގައި މިހާރު ތިއްބެވި ގިނަ ލީޑަރުންނަކީ މި ސަރުކާރު ވެރިކަމަށް ގެންނަން މަސައްކަތް ކުރެއްވި ބޭފުޅުން ކަމަށާއި އެ ބޭފުޅުން އިދިކޮޅު ހަރަކާތާ ގުޅިވަޑައިގަތީ ސަރުކާރުން ކަންކަން ކުރަމުންދާ ގޮތުން ކަމަށެވެ. އަދި ސަރުކާރުން އުޅެނީ އިދިކޮޅު ލީޑަރުންގެ އެ ނިންމެވުމާ ގުޅިގެން ހަސަދަވެރިވެގެން ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ރާއްޖޭގެ ޑިމޮޮކްރަސީ ސަލާމަތް ކުރުމުގެ މަސައްކަތް މިކުރަނީ. އިރާދަ ކުރެއްވިއްޔާ މި މަންޒިލަށް ވާސިލްވާނަން. އަޅުގަނޑުމެން ހަމަ ގުޅިގެން އަދި ކަމަރު ބަނދެވިގެން ތިބެގެން ގޮސް، ދެން އަންނަ ރިޔާސީ އިންތިޚާބަކުން އަބްދުﷲ ޔާމީން ބަލިކުރާނެ،" އިންތި ވިދާޅުވި އެވެ.

ރާއްޖޭގެ ކަންކަން ރަނގަޅު ކުރަން ބޭރުން ބަަޔަކު ނާންނާނެ ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވާތީ، އެކަމަށް ވެސް އިންތި ރައްދު ދެއްވި އެވެ.

އިންޑިއާއަށް އިޝާރާތް ކުރައްވައި، އިންތި ވިދާޅުވީ ރާއްޖެއަށް މިހާތަނަށް ދިމާވި ހުރިހާ ކަންކަމުގައި ވެސް އެހިވެދިނީ "ބޮޑުބޭބެ އިން" ކަމަށެވެ. އޭގެ މިސާލެއްގެ ގޮތުން އިންތި ފާހަގަ ކުރެއްވީ ނޮވެމްބަރު 3، 1988 ގައި ރާއްޖެއަށް ބަޔަކު ދިން އުދުވާނީ ހަމަލާގައި އިންޑިއާއިން ދިން އެހީ އާއި ސުނާމީ ކާރިސާ އާއި 2014 ގައި މާލެ ފެނަށް ޖެހުނު ހާދިސާގައި ބޭރު ގައުމުތަކުން ދިން އެހީ އެވެ.

"މިފަހަރު ވާހަކަފުޅު ދެއްކެވި އެއް ރަށަކީ ހިންނަވަރު. ހިންނަވަރުގައި ހުންނަވާފައި އެ ހުޅުއްވައި ދެއްވީ ފެނުގެ ޕްލާންޓްގެ މަޝްރޫއު. އެއީ ވެސް އެމެރިކާ އެހީގައި ހަދާ ދެވުނު ތަނެއް. 3.8 މިލިއަން ޑޮލަރު އެމެރިކާ ސަރުކާރުން ދިވެހި ރައްޔިތުންނަށް ހަދިޔާކުރި،" އުތުރުގެ ބައެއް އަތޮޅުތަކަށް ރައީސް ޔާމީން ކުރެއްވި ދަތުރުފުޅަށް އިޝާރާތް ކުރައްވައި، އިންތި ވިދާޅުވި އެވެ.

އިންތި ވިދާޅުވި ގޮތުގައި ރާއްޖޭގެ ކަންކަމާ އެހެން ގައުމުތަކުން ކަންބޮޑުވަނީ ބައިނަލްއަގްވާމީ އުސޫލުތަކާ ޚިލާފަށް ރާއްޖޭގެ ކަންކަން ހިނގަމުންދާތީ އެވެ. އެހެން ގައުމުތަކެކޭ އެއްފަދައިން ރާއްޖެއިން ވެސް ބޭރުގެ މުއާހަދާތަކުގައި ސޮއި ކޮށްފައިވާއިރު އެއާ ޚިލާފަށް ރާއްޖެއިން އަމަލު ކުރާ ނަމަ އެކަމަށް ގައުމުތަކުން ފާޑު ކިޔާނެ ކަމަށާއި އެކަމަކު ސަރުކާރަށް އެކަން ބަލައިނުގަނެވޭ ކަމަށް އިންތި ވިދާޅުވި އެވެ. ކޮމަންވެލްތުން ރާއްޖެއިން ވަކިވުމަކީ ވެސް އޭގެ މިސާލެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ފަހަރުގައި ވެދާނެ މި ހިނގާ ޖަރީމާތަކާއި ވައްކަންތަކާއި އިންސާފާއި ހަމަތައް ނަގާލުމާ މެދުގައި ފާޑު ކިއީމާ އެއީ ބޮޑު ބޭބެއަކަށް ނުވީ ކަމަށް،" އިންތި ވިދާޅުވި އެވެ.

ރިޔާސީ އިންތިޚާބުގައި ވޯޓު ދޭއިރު ރައްޔިތުން ވިސްނަންވީ ކަންކަމުގެ ފޯމިއުލާއެއް ރައީސް ދެއްވާފައިވާތީ އެކަމާ ގުޅިގެން އިންތި ވިދާޅުވީ ވޯޓު ދޭނެ ފޯމިއުލާ ރައްޔިތުން މިހާރު ނިންމާފައިވާ ކަމަށާއި އެއީ މި ސަރުކާރަށް ނޫނެކޭ ބުނުން ކަމަށެވެ. އެތައް ފަހަރަކު ލަސްކުރުމަށް ފަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބު ވެސް އެ ނަތީޖާ ރައްޔިތުން ދައްކުވައި ދީފައިވާ ކަމަށާއި އަންނަ ރިޔާސީ އިންތިޚާބުގައި އެއަށް ބޮޑު ނަތީޖާއަކުން އެކަން ދައްކުވައިދޭނެ ކަމަށް އިންތި ވިދާޅުވި އެވެ.