27 ޑިސެމްބަރ 2017 - 15:08

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ "އަނެއް ދިވެހިރާއްޖެ" ދިވެހިންނާ ބައްދަލު ކުރީ މިނިކާވަގެއްގެ ގޮތުގައި ކަމަށާއި އެތަނަށް ދާން ބޭނުންވާ މީހަކު މިހާރު ނެތް ކަމަށް ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ޚަލީލް މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު ޚަލީލް ކުރެއްވި ޓްވީޓެއްގައި ނަޝީދަށް ނުސީދާކޮށް ފާޑު ވިދާޅުވަމުން އެ ޓްވީޓްގައި ވަނީ "އަނެއް ދިވެހިރާއްޖެ" ގައި ރަށްރަށުގެ މާލިއްޔަތުން ފައިސާ ގެއްލުނު ކަމަށާއި ސިވިލް ސާވަންޓުގެ މުސާރަ އުނިކޮށް، ސިއްހީ ނިޒާމު ވަޅު ޖެހުނު ކަމަށެވެ. އަދި އިސްލާމީ ތައުލީމް ހަލާކުކޮށްލި ކަމަށާއި ގައުމުގައި އަމާން ކަމެއް އޭރު ނެތް ކަމަށް ވިދާޅުވެ، ޚަލީލް ސިފަ ކުރެއްވީ "އަނެއް ދިވެހިރާއްޖެ" ދިވެހިންނާ ބައްދަލުކުރީ މިނިކާވަގެއްގެ ގޮތުގައި ކަމަށެވެ.
"އަނެއް" ދިވެހިރާއްޖެ" އަކީ 2013 ގެ ރިޔާސީ އިންތިޚާބުގައި ނަޝީދު ގެންގުޅުއްވި ކެމްޕެއިން މޮޓޯއެކެވެ. އެމަނިކުފާނު އޭރު ވިދާޅުވަމުން ގެންދެވީ ދިވެހިން ބޭނުންވާ ފަދަ "އަނެއް ދިވެހިރާއްޖެ" އެއް ހޯއްދަވައި ދެއްވާނެ ކަމަށެވެ.
ރައީސް އަބްދުﷲ ޔާމީނަށް ތައުރީފް ކުރައްވައި، ޚަލީލް ވިދާޅީ ދިވެހިންގެ ރާއްޖެ ދިވެހިންނަށް ހޯދައި ދެއްވީ ރައީސް ޔާމީން ކަމަށެވެ. އަމާން ކަމާއި ހަމަޖެހޭ ދިރިއުޅުމެއް ހޯއްދައި ދެއްވީ ވެސް ރައީސް ޔާމީން ކަމަށް ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގެ އިސް މެމްބަރު ޚަލީލް ވިދާޅުވި އެވެ.
ނަޝީދަށް ނުސީދާކޮށް ޚަލީލް ފާޑު ވިދާޅުވިއިރު، ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ވެސް މިއަދު ވަނީ ނަޝީދަށް ފާޑު ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވެފައިވަނީ ރާއްޖެއިން ބޭރުގެ ޕްރެޝަރު ކުރިމަތި ކޮށްގެން ނަޝީދަށް އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރެވޭނެ ގޮތް ހަދަން އެމަނިކުފާނު ކިތަންމެ މަސައްކަތެއް ކުރިޔަސް، އެކަން ކާމިޔާބު ނުވާނެ ކަމަށެވެ. އަދި ނަޝީދު ކޮންމެ ވަގުތަކު ރާއްޖެ ވަޑައިގަތަސް، އެ ހިސާބުން ޖެހޭނީ ޖަލަށްދާން ކަމަށް ނިހާން ވިދާޅުވެފައިވެ އެވެ.