28 ޑިސެމްބަރ 2017 - 06:40

ސިންގަޕޫރުގެ 28 އަހަރުގެ ފްރީލާންސް މޮޑެލް އަކު ކަރޯކޭ ލަވައެއް ކިޔަން ހުއްޓާ ދިމާވި މައްސަލައެއްގައި މަރުވެއްޖެ އެވެ. އެކުވެރިންނާއެކު ޑިސެމްބަރު 12 ވަނަ ދުވަހު މި މީހާ ލަވަ ކިޔަން ހުއްޓާ ކުއްލިއަކަށް ހަށިގަނޑުގެ އެއް ފަޅި އައްސިވެ ބޮލުގައި ރިއްސަން ފެށީ އެވެ.
ކަރެން ސްޓެލާ ވޮންގް ނަމަކަށް ކިޔާ މި މޮޑެލް މަރުވީ އެކިއުޓް އިންޓްރަސެރެބްރަލް ހެމޮރޭޖްގެ ސަބަބުން ކަމަށް ޑޮކްޓަރުން ބުނި ކަމަށް އޭނާގެ ބައްޕަ ލޯރެންސް ވޮންގް ސިންގަޕޯގެ ދަ ސްޓްރެއިޓް ޓައިމްސް އަށް ބުނެފައި ވެއެވެ. މިގޮތަށް ދިމާވުމުން ނާރެއް ފަޅައިގެން ގޮސް ބޮލުގެ ނާށިގަނޑުގެ ތެރެއަށް ލޭ އެޅެ އެވެ.
ސިންގަޕޯ ޖެނެރަލް ހޮސްޕިޓަލަށް ގެންދިޔައިރު ވޮންގް އޮތީ ކޯމާގަ އެވެ. އޭނާ މަރުވީ ކޯމާގައި އޮންނަތާ ތިން ދުވަސް ފަހުންނެވެ.
ވޮންގްގެ ބައްޕަ ބުނީ އާއިލާގެ އެއްވެސް މީހަކަށް އިންޓްރަސެރެބްރަލް ހެމޮރޭޖްގެ މައްސަލަ ކުރިމަތިވެފައި ނެތް ކަމަށެވެ.
ވޮންގް އަކީ މާކެޓިން ކޮންސަލްޓަންޓެކެވެ. މޮޑެލް ކުރުމަކީ އޭނާ ފްރީލާންސްކޮށް ކުރާ ކަމެކެވެ. އެގޮތުން ޓެލެކޮމިއުނިކޭޝަންސް ކުންފުނި ސިންގްޓެލް އަށް ވެސް އޭނާ މޮޑެލް ކޮށްދެ އެވެ. ނަމަވެސް ދަރިފުޅު ދުވަސްދުވަސްކޮޅުން ބޮލުގައި ރިއްސާތީ އުޅޭ ކަމަށް ލޯރެންސް ބުންޏެވެ.
"ސިންގަޕޯ ހޮސްޕިޓަލުގެ ޑޮކްޓަރުން ބުނި އާދައިގެ ގޮތަކަށް ބޮލުގައި ރިއްސުމަކީ ވެސް މި ބަލީގެ އަލާމާތަކަށް ވެދާނޭ. ނަމަވެސް ބޮލުގައި ރިއްސާތީ ޑޮކްޓަރަށް ދައްކާ ކޮންމެ މީހެއް ކައިރީގައި ސްކޭން ހަދާކަށް އެއްވެސް ޑޮކްޓަރަކު ނުބުނާނޭ،" ވޮންގްގެ ބައްޕަ ބުންޏެވެ.
ވޮންގް މަރުވީ މާ މަތީ ޕިޗެއްގައި ލަވަ ކިޔައިގެން ކަމަށް ޗައިނާގެ ނޫސްތަކުން ބުނެފައި ވިޔަސް އެކަން ޔަގީން ނުކުރެވޭ ކަމަށް އޭނާގެ ބައްޕަ ބުންޏެވެ.
ސިންގަޕޫރުގެ ގާނޫނު ބުނާ ގޮތުން ވޮންގްގެ އެތެރެ ހަށީގެ ގުނަވަންތައް ހަދިޔާކުރަން ޖެހޭކަން އެނގުމުން ވަރަށް ހައިރާންވެފައިވާ ކަމަށް ވެސް ލޯރެންސް ބުންޏެވެ.
ސިންގަޕޫރުގެ ހިއުމަން އޯގަން ޓްރާންސްޕްލާންޓް އެކްޓް ފުރަތަމަ އެކުލަވާތީ 1987 ގައެވެ. މި ގާނޫނު ބުނާ ގޮތުން ސިންގަޕޫރުގެ ރައްޔިތުންނާއި އެ ގައުމުގެ ޕާމަނަންޓް ރެޒިޑެންޓުގެ ތެރެއިން އުމުރުން 21 އަހަރުން މަތީގެ އެންމެން ވެސް ތިން ޝަރުތެއް ފުރިހަމަވާ ނަމަ މަރުވުމުން އެތެރެހަށީގެ ގުނަވަންތަކާއި ލޮލުގެ ކޯނިއާ އިންސާނިއްޔަތަށް ހަދިޔާކުރަން ޖެހެ އެވެ. އެއީ ހޮސްޕިޓަލުގައި މަރުވުން، ހަދިޔާ ކުރެވޭ ވަރުގެ ސިއްހަތެއް ހުރި ގުނަވަންތަކަކަށް ވުން އަދި ގުނަވަނަށް ބޭނުންވެފައި ހުރި އެ ގުނަވަނާ ގުޅޭ މީހަކު ހުރި ނަމަ އެވެ.
ނަމަވެސް ދުވަހަކުވެސް ކައިވެންޏެއް ވެސް ނުކޮށް ހުރި ޒުވާން ދަރިފުޅުގެ ގުނަވަންތައް ނަގާފައި ހަދިޔާކުރުމަކީ ވޮންގްގެ ބައްޕައަށް ވަރަށް އަސަރުކުރި ކަމެކެވެ. ނަމަވެސް އަންހެނުންނާ ވެސް މަޝްވަރާކޮށްފައި އެންމެ ފަހުން ވޮންގްގެ ދެ ކިޑްނީ އާއި ލިވާ ހަދިޔާކުރަން އޭނާގެ ބައްޕަ ނިންމީ އެވެ.
ލޯރެންސް ބުނީ ދަރިފުޅުގެ ކިޑްނީ އާއި ލިވާ ޓްރާންސްޕްލާންޓް ކޮށްގެން ތިން މީހެއްގެ ފުރާނަ ސަލާމަތް ކުރެވިފައިވާ ކަމުގެ ޚަބަރު ލިބިފައިވާ ކަމަށާއި ދަރިފުޅު ނެތް ދުނިޔެއެއްގައި އޭނާގެ ފަރާތުން އިންސާނިއްޔަތަށް މި ދެވުނު އެހީއަކީ ވެސް ލެއްވި ރަހުމަތެއް ކަމަށެވެ.
ގުނަވަންތައް ނެގުމަށްފަހު ވޮންގްގެ ޖަނާޒާ ޑިސެމްބަރު 20 ވަނަ ދުވަހު ވަނީ ބާއްވާފަ އެވެ. އޭނާގެ ބައްޕަ ބުނި ގޮތުގައި ވޮންގް އަކީ އެ ދެމަފިރިންގެ ހުރި ހަމައެކަނި ދަރިފުޅެވެ. އަދި ވޮންގް އާއި އޭނާގެ މަންމަގެ އޮންނަނީ ވަރަށް ގާތް ގުޅުމެކެވެ. އެހެންވެ ދަރިފުޅު މަރުވުމުން އެންމެ ބޮޑަށް އަސަރުކުރާނީ މަންމަ އަށް ކަމަށާއި އެކަމާ ވަރަށް ކަންބޮޑުވާ ކަމަށް ވެސް ވޮންގްގެ ބައްޕަ ބުންޏެވެ.