28 ޑިސެމްބަރ 2017 - 06:39

ތައިލެންޑްގެ ބެންކޮކްގެ މަސްވެރިއެއް ކަމަށްވާ ސަކޯން ސަޗީވާ އޭނާގެ އަމިއްލަ ރަށުގައި ހުންނަ އޭނާގެ ގެއަށް މިދިޔަ އާދިއްތަ ދުވަހު އެނބުރި އައީ އެ ގައުމުގެ ދެކުނުގައި އޮންނަ ނާކޯން ސީ ތަމައްރަތު ކިޔާ ހިސާބެއްގައި އޮތް ބޯޓެއްގައި މަސައްކަތް ކުރަން 14 މަސް ދުވަހު އުޅެފަ އެވެ.
އޭނާގެ މަރުވެފައިވާ ހަށިގަނޑު ކަމަށް ހީކޮށް އާއިލާއިން ޖަނާޒާ ބާއްވާފައިވާކަން ސަކޯން އަށް އެނގުނީ ގެއަށް އައި ފަހުންނެވެ.
ބެންކޮކް ފުލުހުން ބުނީ އޭގެ ހަތް މަސް ކުރިން މޭ 20 ވަނަ ދުވަހު ފަޅު ގެއެއްގައި މަރުވެ ކުނިވެފައިވާ މީހެއްގެ ހަށިގަނޑު ފެނުމުން އެ މީހުން ކަންތައް ކުރީ ކަން ކުރަން އޮންނަ އުސޫލުން ކަމަށެވެ. އެ މީހާ އޮތް ތަނާއި ހަށިގަނޑު ބަލާ ފާސްކުރުމުން ފެނުނީ ފޮޓޯ ޖަހާފައި ނެތް އައިޑީ ކާޑަކާއި ގޭގެ ރަޖިސްޓްރީގެ ލިޔުންތަކާއި ސެކިއުރިޓީ ކުންފުންޏެއްގެ މުވައްޒަފުންނަށް ދޭ ކާޑެކެވެ. އެ ކާޑުގައި އޮތީ ސަކޯން ސަޗީވާ އެވެ. އެހެންވެ ސަކޯންގެ އާއިލާއާ ހަށިގަނޑު ހަވާލު ކުރީ އެވެ.
ސަކޯން ދުނިޔޭގައި ހުރިކަން އެނގުމުން ފުލުހުން އަލުން މި މައްސަލަ ބެލިއިރު ސަކޯންގެ އައިޑީ ކާޑާއި ލިޔުންތައް ވަގަށް ނެގުމުގެ ސަބަބުން އޭނާ މަސައްކަތް ކުރަން ދިޔަ ރަށުން އަލުން އައިޑީ ކާޑު ހެއްދިކަން ޔަގީންވި އެވެ. އޭނާގެ އައިޑީ ކާޑާއި ލިޔުންތައް ވަގަށް ނެގީ މިޔަންމާ މީހެއް ކަމަށް ސުކޯން ފަހުން ބުނެފައި ވެއެވެ.
ސަކޯންގެ އާއިލާގެ މީހުން ފަހުން ބުނި ގޮތުގައި އެ މީހުންނަށް ވެސް އެއީ ސުކޯން ނޫން ކަމަށް ޝައްކުވި އެވެ. ސަބަބަކީ މަރުވެފައި އޮތް މީހާގެ ދަތްތައް ހަމަޔަށް ހުރެފައި ސުކޯންގެ އެއް ދަތް ނީންނާތީ އެވެ. ނަމަވެސް ގަބުރު ކުނިވެފައިވާލެއް ބޮޑުކަމުން އަވަހަށް ޖަނާޒާގެ ކަންތައް ނިންމަން ސަހަރާގައި ތިބި މީހުން އަވަސް އަރުވާލާފައި ތިބި ވަރުން އެ މީހުންނަށް އެކަމާ ވިސްނާލަން ވަގުތު ނުލިބުނީ އެވެ.