ބިގް ބޮސް: ބަންދަގީ ކާލްރާ އެނބުރި އަންނަނީ
ބިގް ބޮސް: ބަންދަގީ ކާލްރާ އެނބުރި އަންނަނީ

"ބިގް ބޮސް"ގެ 11 ވަނަ ސީޒަނަކީ ހައިރާންވާ ކަހަލަ ވަރަށް ގިނަ ކަންތައްތައް ވަމުންދާ ސީޒަނެކެވެ. އެންމެ ފަހުން މި ޝޯއިން ބޭރުވެފައިވަނީ އަރްޝީ ޚާނެވެ. އެއަށްފަހު އަނެއްކާވެސް އާ ބައިވެރިންތަކެއް ބިގް ބޮސްގެ ގެއަށް ވަނުމަށް ވަނީ ހަމަޖެހިފަ އެވެ.

ބިގް ބޮސްގެ ގޭގައި މިހާރު ލޯބީގެ މާހައުލެއް ނެތުމުން ޝޯގައި އަލުން ބަންދަގީ ކާލްރާ ބައިވެރިކޮށް އޭނާ ބިގް ބޮސްގެ ގެއަށް އަލުން ވައްދަން ވަނީ ނިންމައިފަ އެވެ. ހަމައެކަނި ބަންދަގީ އެކަންޏެއް ނޫނެވެ. ބިގް ބޮސްގެ ގޭގައި މިހާރު ތިބި ބައިވެރިންގެ ތިމާގެ މީހުން ވެސް "ޕަޅޯސީ" ނުވަތަ އަވަށްޓެރި ގެއަށް ވައްދަން ނިންމާފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ.

އެގޮތުން ހީނާ ޚާންގެ ލޯބިވެރިޔާ ރޮކީ ޖެއިސްވާލް، ޝިލްޕާ ޝިންޑޭގެ ބޭބެ، ލަވް ތިޔާގީގެ މަންމަ، ޕްރިޔަންކް ޝަރުމާގެ މަންމަ އަދި ވިކާސް ގުޕްތާގެ މަންމަ މިހާރުވެސް ތިބީ ބިގް ބޮސްގެ ގޭގެ ތެރޭގައި ހުރި ބައެއްގަ އެވެ. އަވަށްޓެރި ގެއާއި ބިގް ބޮސްގެ ގެއާ ދެމެދުގައި ހުންނަނީ ހަމައެކަނި ބިއްލޫރި ފާރެކެވެ.

ތިމާގެ މީހުންނާއެކު ބިގް ބޮސްގެ ގޭގައި މިވަގުތު ތިބި މީހުން ކުރިޔަށް އޮތް ދުވަސްތަކުގައި ބިގް ބޮސް ހަވާލުކުރާ މަސައްކަތްތައް ކުރާ ގޮތާއި ޝޯ އަށް އަންނަ ޓުވިސްޓްތަކަކީ ވަރަށް ޝައުގުވެރިވާނެ ކަމަކަށް ވާނެ އެވެ.

ބިގް ބޮސް 11 ނިންމާލަން ހަމަޖެހިފައިވަނީ ޖެނުއަރީ 11 ވަނަ ދުވަހު އެވެ. މި ހަފުތާގައި ބިގް ބޮސްގެ ގެެއިން ނެރެލަން ނޮމިނޭޓްވެފައިވަނީ ލަވް ތިޔާގީ އާއި ޕްރިޔަންކް ޝަރުމާ އެވެ.