އަންނަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ފެބްރުއަރީ މަހު
އަންނަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ފެބްރުއަރީ މަހު

އަންނަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ފެބްރުއަރީ 27 ވަނަ ދުވަހު ފަށަން އެފްއޭއެމުން ތާވަލުކޮށްފި އެވެ.

އެފްއޭއެމުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ މުބާރާތުގައި ބައިވެރިވާން ބޭނުންވާ، ސްޕޯޓްސް ކޮމިޝަނަރުގެ އޮފީހުގައި ރަޖިސްޓްރީކޮށްފައިވާ ރަށްތަކުން އަންނަ ޖެނުއަރީ 31 ވަނަ ދުވަހުގެ މެންދުރުފަހު 3 ގެ ކުރިން ލިޔުމަކުން އެންގުމަށެވެ.

މުބާރާތުގައި ފުރަތަމަ އޮންނާނީ އަތޮޅު ބުރެވެ. އަތޮޅަކުން ދެ ޓީމަށް ވުރެ ގިނަ ޓީމުތައް ބައިވެރިވާނަމަ އެ އަތޮޅު މުބާރާތުގެ މެޗުތައް ކުޅޭނީ އެ އަތޮޅެއްގެ ހޯސްޓް ކުރާ ރަށެއްގަ އެވެ. ދެ ޓީމު ބައިވެރިވާ ނަމަ ހޯމް އެންޑް އަވޭ އުސޫލުންނެވެ.

އެ އަތޮޅެއްގެ އަތޮޅު މުބާރާތް ހޯސްޓް ކުރުމަށް ބޭނުންވާ ރަށްތަކުން އެކަމަށް އެދި ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު ޕްރޮޕޯސަލްއާ އެކު ލަސްވެގެން ޖެނުއަރީ 31 ވަނަ ދުވަހު އަންގަން ޖެހެ އެވެ.

މުބާރާތުގެ ދެ ވަނަ ބުރު ކަމަށްވާ ޒޯން ބުރު ކުޅޭނީ ދެ ޓީމަށް ވުރެ ގިނަ ޓީމުތައް ހިމެނޭ ޒޯންތަކުގައި ސެންޓްރަލްކޮށެވެ. އަދި ދެ ޓީމު ބައިވެރިވާނަމަ ހޯމް އެންޑް އަވޭ އުސޫލުންނެވެ.

ޒޯން ޗެމްޕިއަނުންގެ މެދުގައި އޮންނާނީ ފައިނަލް ބުރެވެ. އެ ބުރުގެ ގަދަ ހަތަރު ޓީމަށް ދިވެހި ޕްރިމިއާ ލީގުން މި ފަހަރު ފުރުސަތު ލިބުނެވެ. އަންނަ އަހަރު އޮންނަ އުސޫލެއް އަދި ނޭގެ އެވެ. ވާހަކަ ދެކެވޭ ގޮތުގައި އެ ހަތަރު ޓީމު އަންނަ އަހަރު އަތޮޅު މުބާރާތުގައި ވާދަކުރަން ޖެހޭނީ ފައިނަލް ބުރުންނެވެ.