28 ޑިސެމްބަރ 2017 - 06:43

"ޑޮން 2" ރިލީޒްކުރިތާ ޑިސެމްބަރު 23 އަށް ވަނީ ހަ އަހަރު ފުރިފަ އެވެ. މި މުނާސަބަތާ ދިމާކޮށް ފިލްމުގެ ޕްރޮޑިއުސަރު ރިތޭޝް ސިދްވާނީ ބުނީ މި ސިލްސިލާގެ ތިން ވަނަ ފިލްމެއް އުފައްދާނެކަން ވެސް ޔަގީން ކަމަށާއި ސްކްރިޕްޓް ލިޔުމުގެ މަސައްކަތް ފަށައިފި ކަމަށެވެ.
ތިން ވަނަ ބައިގެ ވެސް ބަތަލަކީ ޝާހްރުކް ޚާނެވެ. ނަމަވެސް ބަތަލާއެއް އަދި ހަމައެއް ނުޖެހެ އެވެ.
އިންޑިއާ ޓުޑޭ އަށް މައުލޫމާތު ދެމުން ރިތޭޝް ބުނީ ހީނުކުރާހާ އަވަހަށް "ޑޮން 3"ގެ ޝޫޓިން ފެށޭނެ ކަމަށެވެ. ފިލްމުގެ ވާހަކަ އާއި ސްކްރިޕްޓްގެ މަސައްކަތް ކުރަމުންދާއިރު ވާހަކައަށް އިތުރު ސަމާލުކަން ދޭން ޖެހިފައިވާ ކަމަށް އޭނާ ބުންޏެވެ. ސަބަބަކީ ކުރީގެ ދެ ފިލްމު ރަނގަޅު ވުމުން ތިން ވަނަ ފިލްމު ރަނގަޅުކުރުމުގެ ޒިންމާ ބޮޑުވީމަ އެވެ.
ފިލްމު އިއުލާންކުރާނީ އަންނަ އަހަރު ކަމަށް ވެސް ރިތޭޝް ސިދްވާނީ ބުންޏެވެ.
"ޑޮން 3"ގައި ޕްރިޔަންކާ ޗޯޕްރާގެ ބަދަލުގައި ފެންނާނީ ދީޕިކާ ޕަދުކޯން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. މިކަމާ ގުޅޭ ގޮތުން ރިތޭޝް ބުނީ އަދި ބަތަލާއަކަށް ހަމަޖައްސާނީ ކާކުތޯ ނުވިސްނާ ކަމަށެވެ. ސަބަބަކީ ފިލްމުގެ ވާހަކަ އާއި ސްކްރިޕްޓް ނުނިމޭތީ އެވެ.
"މިދިޔަ އަހަރު "ޑޮން 3" އާ ބެހޭ ގޮތުން ސުވާލު ކުރިނަމަ އަހަރެން ބުނާނީ އަދި ތި ފިލްމު އުފެއްދުމާ ދޭތެރޭ ނުވިސްނަމޭ. ނަމަވެސް މިހާރު ބުނެވޭނީ ސީރިއަސްކޮށް ފިލްމު އުފެއްދުމުގެ މަސައްކަތް ފަށައިފީމޭ،" ޕްރޮޑިއުސަރު ބުންޏެވެ.
"ޑޮން" އަކީ ފަރްހާން އަޚްތަރު ޑައިރެކްޓްކުރަމުން އައި ފްރެންޗައިސް އެއް ނަމަވެސް "ޑޮން 3"ގެ ޑައިރެކްޓަރަކު ވެސް އަދި ހަމަ ނުޖެހޭ ކަމަށް އޭނާ ބުންޏެވެ.