28 ޑިސެމްބަރ 2017 - 06:38

ގޫގުލްއިން ހާޑްވެއާ އުފައްދަން ބުރަ މަސައްކަތްތަކެއް އެބަ ކުރެ އެވެ. ގޫގުލްއިން ބޭނުންވަނީ ހުރިހާ މާނައެއްގައި ވެސް އަމިއްލަ ފޯނެއް އުފެއްދުމެވެ. ގޫގުލް ޕިކްސެލް މަރުކާގެ ފޯނުތަކަށް ބޭނުންވާ ސޮފްޓްވެއާ އަދި ހާޑްވެއާ ވެސް ކުންފުނި ތެރޭގައި އުފެއްދުމެވެ.
އަމިއްލަ ހާޑްވެއާ އުފެއްދުމުގައި ގޫގުލް އަށް އޮތް އެންމެ ބޮޑު އުނދަގުލަކީ އެ މީހުން ބޭނުންވާ ފެންވަރުގެ ފަންނުވެރިން ނުލިބުމެވެ. ފައިސާގެ އެއްވެސް ދަތިކަމެއް ނެތެވެ. އެޕަލްގެ އިންޖިނޭރެއް ޖަހައިގަންނަން ގޫގުލް އަށް ޖެހުނީ ދެން އެހެން ގޮތެއް ނެތިގެން ކަމަށް ވެދާނެ އެވެ.
އެޕަލްގައި ޖޯން ބްރޫނޯ މަސައްކަތްކުރީ "ސިލިކަން ކޮމްޕެޓިޓިވް އެނަލިސިސް ގުރޫޕް"ގަ އެވެ. އެ ގުރޫޕްގެ މަސައްކަތަކީ ވާދަވެރިންނަށް ފާރަލުމެވެ. ވާދަވެރިން އުފައްދާ ޗިޕްތަކުގެ މައްޗަށް އެޕަލްގެ އުފެއްދުންތައް ގަދަކޮށް، މޮޅުކުރާނެ ގޮތްތައް ވިސްނައި ތަންފީޒީ މަރުހަލާ އަށް ފޮނުވުމެވެ.
ޖޯން ބްރޫނޯ އެޕަލް އަށް ދިއުމުގެ ކުރިން ވެސް އެއީ ވިސްނުން ތަނަވަސް އިންޖިނޭރެވެ. އޭނާ ވަނީ "އެޑްވާންސްޑް މައިކްރޮ ޑިވައިސަސް"، އޭއެމްޑީ ގައި ވެސް މަސައްކަތްކޮށްފަ އެވެ. އޭއެމްޑީއިން އުފެއްދި ފިއުޝަން ޗިޕްތައް މާދިއްޔަތަށް ގެނައުމުގައި އޭނާ ބުރަ މަސައްކަތްތަކެއް ކުރި އެވެ. އޭނާ ވަނީ "އޭޓީއައި" ގައި ވެސް ޗިޕް ޑިޒައިންކޮށްފަ އެވެ.
ގޫގުލްގައި ބްރޫނޯ ކުރަންޖެހޭ ކަމެއް ކަމަށް ވަނީ މޮބައިލް ޗިޕް އުފެއްދުމެވެ. އެއީ މިހާރު ގޫގުލްގެ "ސިސްޓަމް އާކިޓެކްޓް"އެކެވެ. ގޫގުލްއިން ބޭނުންވަނީ، ބްރޫނޯ ކުރިން މަސައްކަތްކުރި ކުންފުނިތަކުން ހޯދި ތަޖުރިބާގެ އަލީގައި، ގޫގުލް އަށް މޮބައިލް ޗިޕެއް އުފައްދައިދިނުމެވެ. އެއިރުން އެޕަލް ކަހަލަ ކުންފުންޏަކަށް ގޫގުލް ވީ އެވެ. ކުއަލްކޮމް އަށް ކަމުނުކިޔައި، ސެންސަންގް ޗިޕްތައް ބޭނުންނުކޮށް ފުދުނީ އެވެ.