ހުޅުމާލޭގައި ޔުނިވަސިޓީގެ ޓަވަރު އަޅައިދޭނެ ބަޔަކު ނުވި
ހުޅުމާލޭގައި ޔުނިވަސިޓީގެ ޓަވަރު އަޅައިދޭނެ ބަޔަކު ނުވި

ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ގައުމީ ޔުނިވަސިޓީން އިމާރާތް ކުރަން އިއުލާން ކުރި 15 ބުރީގެ ދެ ޓަވަރު އަޅައިދޭނެ ބަޔަކު ނުވުމުން ދެ ވަނަ ފަހަރަށް އިއުލާނުކޮށްފި އެވެ.

ހުޅުމާލޭގައި ޓަވަރު އެޅުމަށް ޔުނިވަސިޓީން އެންމެ ފުރަތަމަ އިއުލާނު ކުރީ މި މަހުގެ ހަ ވަނަ ދުވަހު އެވެ. އެ މަސައްކަތް ކުރުމަށް މި މަހުގެ 13 ވަނަ ދުވަހުގެ ކުރިން ބީލަން ހުށަހެޅުމަށް އިއުލާން ކޮށްފައި ވީ ނަމަވެސް އެ މުއްދަތުގެ ތެރޭގައި ރަނގަޅު އެއްވެސް ބަޔަކު އެ ކަމަށް ޝައުގުވެރިކަން ފާޅުކޮށްފައި ނުވާ ކަމަށް ޔުނިވަސިޓީން ބުންޏެވެ.

އެހެންވެ، މިއަދު އަލުން އެ ފުރުސަތު ހުޅުވާލައި، އަންނަ މަހުގެ ހަތެއްގެ ކުރިން ބީލަން ހުށަހެޅުމަށް އެ ތަނުން ވަނީ އިއުލާންކޮށްފަ އެވެ.

ޔުނިވަސިޓީން ޓަވަރު އަޅަން ނިންމާފައިވަނީ، ކޮންމެ އިމާރާތެއް 10،000 އަކަފޫޓުގެ ބިމެއްގަ އެވެ

ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި 80،000 މީހުންގެ އާބާދީއަކަށް އަމާޒުކޮށްގެން 25 ބުރީގެ 62 ޓަވަރު އަޅަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. އޭގެ ތެރެއިން ކަސްޓަމުން ހަތަރު ޓަވަރު، އައިލެންޑް އޭވިއޭޝަނުން ތިން ޓަވަރު، ސްޓެލްކޯ އިން ދެ ޓަވަރު، އެމްޓީސީީސީން ދެ ޓަވަރު، އެމްޕީއެލް އާއި ވެމްކޯ އިން ދެ ޓަވަރު އަޅަން ވަނީ އިއުލާންކޮށްފަ އެވެ.

މި ކުންފުނިތަކުގެ ތެރެއިން މިހާތަނަށް އިމާރާތް ހެދުމަށް ބަޔަކާ ހަވާލުކޮށްފައިވަނީ ހަަމައެކަނި އެމްޓީސީސީންނެވެ. އެ ކުންފުނީގެ ޓަވަރު އަޅަނީ ސިންގަޕޫރު ކުންފުންޏަކުންނެވެ.