10 ޖުލައި 2016 - 23:35

ކުނި ނައްތާލުމުގައި ނަމޫނާ ރަށެއްގެ ގޮތުގައި ބަލާ އއ. އުކުޅަހުގައި ކުނި ރީސައިކަލްކޮށް، މެނޭޖްކުރާ ސެންޓަރަށް ރާޅު އަރައި އެ ތަން ފުނޑުފުނޑު ވެއްޖެ އެވެ.

އުކުޅަހު ކައުންސިލްގެ ރައީސް ޝައުކަތު އިބުރާހިމް ވިދާޅުވީ މިދިޔަ ހަފުތާގައި އެ ރަށު ވޭސްޓް މެނޭޖްމެންޓު ސެންޓަރަށް ރާޅު އަރައި އެ ތަނުގެ ބައެއް ފާރުތައް ވެއްޓި، މެޝިންތައް ހަލާކުވެފައިވާ ކަމަށެވެ. އެހެންވެ، މި ވަގުތު އެ މެޝިންތަކުން ކުރަމުން އަންނަ، ޕްލާސްޓިކާއި ދަގަނޑާއި ބޮނބި ފަދަ ކުނި ޕްރޮސެސް ކުރުމުގެ މަސައްކަތް މެދުކެނޑިފައިވާ ކަމަށް ވިދާޅުވި އެވެ.

"ރާޅު އަރައި ތަޅުންގަނޑުގެ ދަށުން ފަސްގަނޑު އެއްކޮށް ދަމައިގެންފައި ވަނީ. އަދި ފާރުތައް ވެސް ކަނޑައިގެން ގޮސް މުޅި އިމާރާތް ފުނޑުފުނޑުވެފައި ވަނީ. ދެން އެ ތަން މަރާމާތުކޮށްގެން ވެސް ބޭނުމެއް ނުކުރެވޭނެ،" ޝައުކަތު ވިދާޅުވި އެވެ.
މެޝިންތައް ހަލާކުވެ ލިބުނު ގެއްލުމުގެ އަގު 400،000ރ. އަށް އަރާނެ ކަމަށް ކައުންސިލުން ލަފާ ކުރެ އެވެ.
މީގެ 11 އަހަރު ކުރިން އުކުޅަހު ބަނދަރު ހެދީއްސުރެ އެ ރަށުގެ އުތުރު ފަރާތް އަންނަނީ ވަރަށް ބޮޑަށް ގިރަމުންނެވެ. އަދި އުތުރު ފަރާތުގައި ހުންނަ ކުނިގޮނޑާއި ވޭސްޓްމެނޭޖްމަންޓު ސެންްޓަރާއި އެހެން ބައެއް އިމާރާތްތަކަށް އޭގެ އަސަރު ކުރަމުން ދާތީ އެކަން ހައްލު ކުރުމަށް އެ ރަށު ކައުންސިލުން މަސައްކަތް ކުރަމުން އަންނަތާ ގިނަ އަހަރުތަކެއް ވެއްޖެ އެވެ.
ޝައުކަތު ވިދާޅުވީ މިދިޔަ ހަފުތާގައި ރާޅު އަރައި ވޭސްޓް މެނޭޖްމެންޓު ސެންޓަރަށް ބޮޑެތި ގެއްލުންތަކެއް ލިބުނީ ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތް ސަރުކާރުން ބަޔަކާ ހަވާލުކޮށްފައި ވަނިކޮށް ކަމަށެވެ.
"ވަރަށް ބޮޑު ގެއްލުމެއް މިއީ. އެކަމަކު ސަރުކާރުން ބުނި މި މައްސަލަ ވަރަށް ގާތުން ބަލައި ދޭނެ ކަމަށް،" ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
އުކާލާ ކުނި އެންދުމުގެ ބަދަލުގައި އުކުޅަހުގައި އެ ބާވަތްތައް ވަކިކޮށް، ރީސައިކަލް ކުރަނީ އެވެ. ކުނި ނައްތާލުމުގައި ނަމޫނާ ރަށެއްގެ ގޮތުގައި އެ ރަށް ފާހަގަކުރެވެފައި ވާއިރު، އެ ރަށު ކައުންސިލުން ވަނީ އެކަން ކުރާނެ ގޮތް 70 އަށް ވުރެ ގިނަ ރަށަށް ކިޔައިދީ، މީހުން ތަމްރީނުކޮށްފަ އެވެ.