ގުގުރި ދެމުން ހުއްޓުވައިދޭ މާސްކެއް
ގުގުރި ދެމުން ހުއްޓުވައިދޭ މާސްކެއް

ގުގުރި ދެމުމަކީ ނިދުން ޚަރާބުކުރުވާ ކަމެކެވެ. ގުގުރި ދެމޭކަން އަމިއްލައަށް އިހުސާސް ނުކުރެވުނަސް އެއް ކޮޓަރީގައި ނިދަން ތިބޭ މީހުންނަށް މިއީ ވަރަށް ބޮޑު ވޭނެކެވެ. މިކަމަށް ހައްލެއް ލިބޭތޯ އެކި ފަހަރު މަތިން އެކި ފާޑުގެ އުފެއްދުންތައް އުފައްދައިގެން ބާޒާރަށް ނެރެމުންދެއެވެ. "ސްނޯ ސާކަލް"އަކީ ވެސް މި ކަހަލަ އުފެއްދުމެކެވެ.

ޗައިނާގެ ވީވީފްލައި އިލެކްޓްރޯނިކްސްއިން އުފެއްދި ސްނޯ ސާކަލްގެ ފުރަތަމަ އުފެއްދުން ވުޖޫދަށް އައީ 2016 ވަނަ އަހަރެވެ. އެފަހަރު ގުގުރި ދެމުން ހުއްޓުވައިދިނީ ކަންފަތަށް ޖަހާ އުނގުރިއަކުންނެވެ. މިފަހަރުގެ އުފެއްދުމަކީ ލޯމަތީ އަޅާ މާސްކަކުން ގުގުރި ދެމުން ކޮންޓްރޯލްކޮށްދޭ އެއްޗެކެވެ. މި މާސްކް އުފައްދާފައިވަނީ މަޑު މަޑު ސްޕޮންޖަކުންނެވެ. ބަރުދަނުގައި ހުންނަނީ އެންމެ 32 ގްރާމެވެ.

ސްނޯ ސާކަލް މާސްކް މަސައްކަތްކުރަނީ މޫނުގެ ކަށިތަކުގެ ހަރަކާތާއި އަޑު ދެނެގަންނަ ޓެކްނޮލޮޖީގެ އެހީގައެވެ. ގުގުރި ދަމާ އަޑަށް މި މާސްކުން މަޑު ވައިބްރޭޝަންތަކެއް ފޮނުވަން ފަށައެވެ. މި ގުޑުންތަކާއެކު ގުގުރި ދެމުން ހުއްޓުވައިދެއެވެ. މި ގޮތަށް ފޮނުވައިދޭ ވައިބްރޭޝަންގެ 36 މިންގަނޑެއް މީގައި އެކުލެވެއެވެ. މިއިން ބޭނުން ފައްތަރަކަށް ޕްރޮގްރާމްކޮށްފައި ބަހައްޓަންވީއެވެ. މިކަން ކުރެވެނީ ސްމާޓްފޯން އެޕަކުންނެވެ.

ސްނޯ ސާކަލް އެޕުން އެ މީހެއްގެ ނިދީގެ ގިނަ ކަންތައްތަކެއް ބަލައިދެއެވެ. ނިދުނު ދިގުމިނާއި ގުގުރި ދެމުން ހުއްޓުވައިދިން އަދަދާއި ގުގުރި ދެމުނު ބާރުމިނާއި މިފަދަ އެތައް ކަމެކެވެ.

ސްނޯ ސާކަލްގެ މިފަހަރު މިނެރުނު މާސްކަކީ ވީވީފްލައި އިލެކްޓްރޯނިކްސްއިން ނެރުުނު މީގެ 4 ވަނަ ބާވަތެވެ. މީގެ ކުރިން އުފެއްދި 3 އުފެއްދުން ވެސް ވަރަށް ކާމިޔާބެވެ. ދެލައްކައެއްހާ ކަސްޓަމަރުންވަނީ ސްނޯ ސާކަލްގެ ކުރީގެ ވާޝަންތަކުގެ އަޖުމަ ބަލާފައެވެ. މިފަހަރުގެ ސްނޯ ސާކަލް ގަންނަ މީހުންނަށް 30 ދުވަހުގެ ތެރޭގައި ހިތްހަމަޖެހޭ ވަރުގެ ނަތީޖާއެއް ނުފެންނަންޏާ ރީފަންޑުކޮށްދިނުމަށް އެ ކުންފުނިން ވަނީ ނިންމާފައެވެ.