ނައްތާލާ ސައިކަލްތައް ބާ ދަގަނޑުގެ ގޮތުގައި ވިއްކާލަނީ
ނައްތާލާ ސައިކަލްތައް ބާ ދަގަނޑުގެ ގޮތުގައި ވިއްކާލަނީ

ޓޯ ކޮށްފައިވާ ސައިކަލްތަކުގެ ތެރެއިން ނައްތާލާ ސައިކަލްތައް ބާ ދަގަނޑުގެ ގޮތުގައި ވިއްކާލައި، ރާއްޖެއިން ބޭރުކުރާ ގޮތަށް ނިންމައިފި އެވެ.

އިއްޔެ 500 އަށް ވުރެ ގިނަ ސައިކަލް ނައްތާލަން ތިލަފުއްޓަށް ވަނީ ގެންގޮސްފަ އެވެ.

ހެޑް އޮފް ޓްރެފިކް ޑިޕާޓްމަންޓް، ޗީފް އިންސްޕެކްޓާ ހުސެއިން ސަމީރު ވިދާޅުވީ ސައިކަލްތައް ނައްތާލުމަށް އަމިއްލަ ކުންފުންޏަކާ މިހާރު ހަވާލުކޮށްފައިވާ ކަމަށެވެ. އެކުންފުނިން އެސައިކަލްތައް ބާ ދަގަނޑުގެ ގޮތުގައި ބޭރުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސައިކަލުގެ އެކި ބައިތައް ރޫޅާލުމަށް ފަހު ދަގަނޑު ބޭރަށް އެކްސްޕޯޓް ކުރާ ގޮތަށް އޮތީ. އެ މަސައްކަތްތައް ކުރާނީ ފުލުހުންގެ ބެލުމުގެ ދަށުން،" ސަމީރު ވިދާޅުވި އެވެ.

ނައްތާލާ ސައިކަލްތަކުގެ ތެރޭގައި ވެރިފަރާތް ބަދަލުވި ނަމަވެސް ރަޖިސްޓްރީ ބަދަލުކޮށްފައިނުވުމުގެ ސަބަބުން ރަޖިސްޓްރީ އޮތް ފަރާތުގެ ލިޔުމެއް ނެތިގެން އަނބުރާ ގެންގޮސްފައިނުވާ ސައިކަލްތައް ހިމެނެ އެވެ. އަދި ނުރައްކާތެރިކޮށް ދުއްވައިގެން ހިފެހެއްޓުމުން، ފައިސާ ދައްކާފައި ނުގެންގޮސް ހުރި ސައިކަލްތައް ވެސް އޭގެ ތެރޭގައި ހިމެނެ އެވެ.

ނުރައްކާތެރިކޮށް ދުއްވައިގެން ޖޫރިމަނާ ކުރަނީ 3000 ރުފިޔާއިންނެވެ.

ނައްތާލައި ސައިކަލްތަކުގެ ތެރޭގައި ބޭނުންނުކޮށް ޕާކިން ޒޯންތަކުގައި ގިނަ ދުވަސްތަކެއް ވަންދެން ބަހައްޓާފައި ހުރި ބާ އުޅަނދުތައް ވެސް ހިމެނެ އެވެ.

މި ބުރުގައި ނައްތާލަނީ 2009 ވަނަ އަހަރުން ފެށިގެން ޓޯކޮށްފައިވާ ސައިކަލްތަކެކެވެ. އެހެންކަމުން އޭގެ ތެރެއިން ބައެއް ސައިކަލްތައް ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަތާ އަށް އަހަރު ވެއްޖެ އެވެ.

ފުލުހުން ބުނާ ގޮތުގައި ނައްތާލަން ގެންދިޔަ ނަމަވެސް ހުށަހަޅަން ޖެހޭ ލިއެކިއުންތައް ދެއްކުމުން ސައިކަލް އަނބުރާ ލިބޭނެ އެވެ.

"އަޅުގަނޑުމެން ސައިކަލް ނައްތާލަން ފަށާނީ ޓްރާންސްޕޯޓުން އެގްރިމެންޓް ބާތިލްކުރުމަށް ފަހު. އެކަމަށް ހޭދަވާ މުއްދަތުގެ ތެރޭގައި އެގްރިމެންޓް ބާތިލްނުކޮށް ވަނިކޮށް ޑޮކިއުމެންޓްތައް ހުށަހެޅުމުން ސައިކަލް ލިބޭނެ،" ސަމީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުރިއާ ހިލާފަށް މިހާރު ޓޯކުރާ ގިނަ ވެހިކަލްތައް ވެރިފަރާތުން ގެންދާ ކަމަށެވެ. މިހާރު ނައްތާލަން ޖެހޭ ލިސްޓަށް މަހަކު އިތުރުވަނީ 10 ވަރަކަށް ސައިކަލް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އުޅަނދެއް ޓޯކުރާތާ 72 ގަޑިއިރު ތެރޭގައި ފުލުހުން އެކަން އިއުލާން ކުރެ އެވެ. އަދި ޖޫރިމަނާ ދެއްކުމަށް ފަހު އެ އުޅަނދެއް އަނބުރާ ގެންދަން ވެރިފަރާތަށް 60 ދުވަސް ލިބެ އެވެ.

ފުރަތަމަ ފަހަރު ޖޫރިމަނާ ކުރަނީ 250 ރުފިޔާ އިންނެވެ. ދެވަނަ ފަހަރު 500 ރުފިޔާ އަދި އޭގެ ފަހުން ތަކުރާރުވާ ކޮންމެ ފަހަރަކު ޖޫރިމަނާއަށް 750 ރުފިޔާ އަރަ އެވެ.