މެސީ އާއި ރޮނާލްޑޯއާ އަޅާކިޔާތީ އުފާވޭ: ކޭން
މެސީ އާއި ރޮނާލްޑޯއާ އަޅާކިޔާތީ އުފާވޭ: ކޭން

ލަންޑަން (ޑިސެމްބަރު 27) – ލިއޮނަލް މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯއާ އަޅާކިޔާލެވޭތީ ވަރަށް އުފާވެރި އިހުސާސެއް ކުރެވޭ ކަމަށާއި އެކަމަކު އަދިވެސް ކުރިއަރަން މަސައްކަތްކުރާނެ ކަމަށް ޓޮޓެންހަމް ހޮޓްސްޕާސްގެ ފޯވާޑް ހެރީ ކޭން ބުނެފި އެވެ.

ސައުތުހެމްޓަން އަތުން 5-2 އިން ރޭ ޓޮޓެންހަމް މޮޅުވި މެޗުގައި ހެދި ހެޓްރިކާ އެކު ކޭން ވަނީ ކަލަންޑަރު އަހަރެއްގައި ޕްރިމިއާ ލީގުގައި އެންމެ ގިނަ ލަނޑު ޖަހައިގެން އެލަން ޝިއަރާ ހެދި ރެކޯޑް މުގުރާލައިފަ އެވެ.

އޭނާގެ ޖުމްލަ 39 އަށް އަރާފައިވާއިރު ގައުމީ ޓީމަށް ޖެހި ލަނޑުތަކާ އެކު އޭނާ ވަނީ މި އަހަރު 56 ގޯލް ޖަހައިފަ އެވެ. މިއީ މި ވަގުތު ދުނިޔޭގައި ތިބި އެންމެ މޮޅު ދެ ކުޅުންތެރިން ކަމަށްވާ މެސީ އާއި ރޮނާލްޑޯ އަށް ވުރެ އިތުރު އަދަދެކެވެ.

"މިއީ އާދަޔާހިލާފު އަހަރެއް. ކޮންމެ އަހަރަކު ވެސް ކުރިއެރުން ހޯދުން ކަމަކީ. އެއީ އަހަރެންގެ މުޅި ކެރިއަރުގައި ވެސް އަބަދުވެސް ކަންތައް ކުރި ގޮތަކީ. އަދި އެއީ އަހަރެން ކުރިއަށް އޮތްތަނުގައި ކަންތައް ކުރާނެ ގޮތަކީ ވެސް،" ކޭން ބުންޏެވެ.

"މެސީމެންނާއި ޝިއަރާމެން ފަދަ ކުޅުންތެރިންނާ އަހަރެން އަޅާކިޔާތީ އުފާވޭ. މެސީ އާއި ރޮނާލްޑޯ ވަނީ ފުޓްބޯޅަ ވަރަށް ގިނަ ދުވަސްތަކެއް ވަންދެއް ޑޮމިނޭޓްކޮށްފައި. އަދި އެއީ މިހާތަނަށް ފެނުނު އެންމެ މޮޅު ދެ ކުޅުންތެރިންނަކީ. އެ ކުޅުންތެރިންނާ އަހަރެން އަޅާކިޔާލާތީ އެއީ ވަރަށް އުފާވެރި އިހުސާސެއް ކުރެވޭ ކަމެއް،" ކޭން ބުންޏެވެ.

ޓޮޓެންހަމް އިން 2009 ވަނަ އަހަރު ކެރިއަރު ފެށި އުމުރުން 24 އަހަރުގެ ކޭން ވަނީ ލޯން އުސޫލުން ހަތަރު ކްލަބަކަށް ކުޅެފަ އެވެ. އެކަމަކު 2014 ވަނަ އަހަރުން ފެށިގެން އޭނާ ވަނީ ޓޮޓެންހަމްގައި ފައިތިލަ ސާބިތުކޮށްފަ އެވެ. އޭނާ އަށް ރެއާލް މެޑްރިޑް ފަދަ ކްލަބްތަކުން ވެސް ވަރަށް ބޮޑަށް ޝައުގުވެރިވެ އެވެ.