ދެ ޒުވާނުންގެ މަރާ ގުޅިގެން ފަސް މީހަކަށް ދައުވާކޮށްފި، ކުރަނީ އެހީތެރިކަން ނުދިނުމުގެ ދައުވާ
ދެ ޒުވާނުންގެ މަރާ ގުޅިގެން ފަސް މީހަކަށް ދައުވާކޮށްފި، ކުރަނީ އެހީތެރިކަން ނުދިނުމުގެ ދައުވާ

މިދިޔަ ސެޕްޓެމްބަރު މަހު ހުޅުމާލޭގައި ޕާޓީއެއް ބާއްވަން އުޅެނިކޮށް، ކުއްލި ގޮތަކަށް މަރުވި ދެ ޒުވާނުންގެ މަރުގެ މައްސަލާގައި ފަސް މީހަކަށް ދައުވާކޮށް، ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ.

ތ. ތިމަރަފުށީ އަހުމަދު ހާމީނާއި ދަފްތަރު، ފާތިމަތު ސަމާ މަރުވީ އިތުރު ބަޔަކާ އެކު، ރަހުމަތްތެރިއެއްގެ އުފަން ދުވަސް ފާހަގަ ކުރަން ޕާޓީއެއް ބާއްވަން އުޅުމުގެ ތެރޭގަ އެވެ. އެ ދެ މީހުން މަރުވީ ބާރުގަދަ ޑްރަގަކާއި އެނާޖީ ޑްރިންކް އެއްކޮށްގެން ބުއިމުން ކަމަށް އެކަން އެނގޭ ބަޔަކު ކުރިން ބުނެފައިވެ އެވެ. އެ މީހުން އުޅުނު ސަރަހައްދު ފުލުހުން ފާސް ކުރިއިރު އެތަނުން ޕާޓީ ޑްރަގްސްތަކެއް ވަނީ ފެނިފަ އެވެ.

އެ މައްސަލާގައި މިދިޔަ ބުރާސްފަތި ދުވަހު ދައުލަތުން ދައުވާކުރީ މަރިޔަމް އަފާ އާއި ހަސަން ޒިދާން އާއި އާދަމް ޝާހީންގެ އިތުރުން މަރިޔަމް މައިޝާ އަދި އަހުމަދު އަމީންގެ މައްޗަށެވެ. އެ މައްސަލަ ކްރިމިނަލް ކޯޓަށް ފޮނުވާފައިވާ ކަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކަށަވަރުކޮށް ދިނެވެ.

އެ މީހުން މައްޗަށް ކުރަނީ ގާނޫނުލް އުގޫބާތުގެ 618 ވަނަ މާއްދާގެ ދަށުން، އެހީއަށް ބޭނުންވެފައިވާ މީހަކަށް އެކަށީގެންވާ ސަބަބެއް ނެތި އެހީތެރިކަން ފޯރުކޮށް ނުދިނުމުގެ ދައުވާ އެވެ. އެއީ ޖުނަހްގެ ތިން ވަނަ ދަރަޖައިގެ ކުށެކެވެ. ޖުނަހްގެ ތިން ވަނަ ދަރަޖައިގެ ކުށްތަކަށް އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަކީ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެވެ.

މީގެ އިތުރުން ޒިދާންގެ މައްޗަށް ދައުލަތުން ވަނީ އިތުރު ދައުވާއެއް ވެސް އުފުލައިފަ އެވެ. އެއީ ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ދޮގު މައުލޫމާތެއްް ދިނުމުގެ ދައުވާ އެވެ.

ގާނޫނުލް އުގޫބާތު ބުނާގޮތުން އެހީތެރިކަން ފޯރުކޮށް ނުދިނުމުގެ ތުހުމަތު ކުރެވޭ މީހާގެ ފަރާތުން ތިން ކަމެއް ފެނިފައިވާ ނަމަ އެ މީހަކު އެހީތެރިކަން ނުދިނީ ކަމަށް، އެހެން ގޮތަކަށް ސާބިތުނުވާހާ ހިނދަކު ބެލެވޭނެ އެވެ. އެއީ މަސައްކަތް ކުރާ ފޯނެއް އޮވެ، އެކަން ސިއްހީ ޚިދުމަތްތެރިންނަށް ނުވަތަ ގާނޫނު ތަންފީޒުކުރާ އިދާރާއަށް އަންގާފައި ނެތުމާއި އަދި އެކަން އަންގާފައިވާ ކަމަށް ގަބޫލު ކުރާނެ ސަބަބެއް ނެތުމެވެ.

އެ ދެ ޒުވާނުންގެ މަރާ ގުޅިގެން އެންމެ ފުރަތަމަ ހަތަރު މީހަކު ހައްޔަރުކުރީ 12 ތުހުމަތެއްގަ އެވެ. އެކަމަކު ތަހުގީގުގައި ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމަށް ފަހު އެ މީހުން ވަނީ ދޫކޮށްލައިފަ އެވެ.