27 ޑިސެމްބަރ 2017 - 09:31

ފިނޮޅަކީ، ފަޅުފަޅުގައި ދޮންވެލީން އުފެދި ފެނުން މައްޗަށް ހިކިފައިހުންނަ ތަނެކެވެ. ގަހެއް ރުކެއް ނުހުރެއެވެ. ބަޔަކު ދިރިއުޅެން ވިސްނައިފި ނަމަ އެ ކަމެއް ވެސް އެ ތާކު ނުކުރެވޭނެއެވެ. ތަނުގެ ކުޑަކަމުންނާއި ފަސްގަނޑު ދެރަކަމުންނެވެ. މަޑިފިނޮޅަކީ ވެސް އެ ކަހަލަ ތަނެކެވެ. އެ ތަނަށް މަޑިފިނޮޅު ކިޔުނީ މޫދުގައި އުޅޭ މަޑިއަކާ ފިނޮޅުގެ ބައްޓަން ވައްތަރުވީމައެވެ. އޮންނަ ބައްޓަމުގެ އިތުރަށް، އެހެން ގޮތަކުން ވެސް އެ ފިނޮޅު ޚާއްޞައެވެ. ފިނޮޅާ ކައިރީގައި ރިސޯޓެއް ހުޅުވި ފަހުން ފަތުރުވެރިންގެ ލޮލުގައި އެ ފިނޮޅު ވަނީ އަޅައިގެންފައެވެ. ރިސޯޓުން ފުރައިގެން ލާންޗުގައި ދިހަ މިނެޓުން ފިނޮޅަށް އާދެވެއެވެ. ފިނޮޅަށް ޚާއްޞަ އެކި ކަހަލަ "ޕެކޭޖުތައް" ރިސޯޓުން ތައްޔާރުކޮށްފައި ހުރެއެވެ. އޭގެ ތެރޭގައި ފިނޮޅަށް ދަތުރުދިޔުމާއި، ރޭގަނޑު ބާބަކިޔު ވެސް ފިނޮޅުގައި ތައްޔާރުކޮށްދެއެވެ. ފިނޮޅުގެ މިލްކުވެރިކަމާ މެދު މައްސަލަޖެހެން ފެށީ އެ ހިސާބުންނެވެ. މަޑިފިނޮޅުގެ މިލްކުވެރިޔަކީ ޒުބޭރެވެ. އުފާކޮށްލަން ދަތުރުދާ މީހުންގެ އަތުން ޒުބޭރު އެއްޗެއް ބޭނުމެއް ނޫނެވެ. އެހެންނަމަވެސް، ފަތުރުވެރިން އެ ތަނަށް ގެންދަން ފެށުމުން ރިސޯޓުން އުޖޫރައެއް ދޭން ޒުބޭރު އެދުނެވެ. ރިސޯޓުގެ ވެރިން ޒުބޭރުގެ މިލްކުވެރިކަން ބަލައެއް ނުގަތެވެ. މަންޒަރުގެ ތެރެއަށް އަހަރެން ވަންނަން ޖެހުނު ހިސާބަކީ އެއީއެވެ. ރިސޯޓުގެ އެއްވެސް ބަޔަކު ފިނޮޅަށް އަރަންޏާ ހުއްޓުވުމުގެ ބާރު އަހަންނަށް ދިނެވެ. ރިސޯޓުގެ އެއްވެސް މީހަކަށް އެ ކަމެއް ނޭނގެއެވެ.
މަހެއްގެ ސާދަވަނަ ދުވަހެވެ. މޫސުން ރީތި ކަނޑު މަޑު ދުވަހެކެވެ. ރިސޯޓުން ފުރައިގެން އައި ލާންޗެއް ފިނޮޅަށް މަޑުކޮށްލިއެވެ. ސާމާނުތަކެއް ހިފައިގެން ތިން މީހުން ފޭބިއެވެ. އެ މީހުންނާ އެކުގައި އަހަރެން ވެސް ލާންޗުން ފޭބީމެވެ.
"ހުރިހާ އެއްޗެއް ހަމަބާ؟" އިސްކޮށް ހުރި ޒިޔާދު ބުންޏެވެ. "ޗައިނާގެ މާ މަޝްހޫރު ވިޔަފާރިވެރިޔެކޯ އަންނަނީ. މަ ހީކުރީ ފިލްމްސްޓާރެއް ކަމަށް. އަލުން އެ މަންޖެ އަންނަ ވަރަށް ޖެހޭނެ ހިތްޖައްސައިލަން."
"މިރޭ ދަންވަރު ވެސް ހިޔެއްނުވޭ ދޯ މި ތަނުން ސަލާމަތްވާނެހެނެއް،" މަންސޫރު ބުންޏެވެ. "އެ މީހުން ވަރަށް ޕާޓީކުރާނެ."
"މި ރޭ ވާނެ އެވެރިންގެ ކުޅިސަމާ ބަލައިލަން މަޑުކޮށްލަން،" ސަލީމް ވަރަށް ޝައުޤުވެރިކަމާ އެކުގައި ބުންޏެވެ. "މަ ހުންނާނަން ބާބަކިޔުގަ."
ރިސޯޓުގެ ހުރިހައި ޕާޓީއެއް އިންތިޒާމުކުރަނީ ޒިޔާދެވެ. އަހަރެންގެ ނަޒަރުގައި އޭނައަކީ ސުމެއްގެ މީހެކެވެ. ފިނޮޅަށް އައުމުގެ ކުރިން ހުއްދަނަގަން ގުޅަންޖެހެނީ ކާކަށް ކަމެއް އޭނަޔަކަށް ނޭނގޭ ހެއްޔެވެ؟ ކުއްލިއަކަށް ޒިޔާދުގެ ފައި ފުރޮޅުނެވެ. ވީ ތަދުން އޭނަ ބިންމަތީގައި އިށީނެވެ. އަހަރެން ހީކުރީ އެ ވަރުން ވެސް އޭނައަށް އެއްޗެއް ވިސްނިގެން އެ ޕާޓީ ކެންސަލު ކުރާނެކަމަށެވެ. އެހެނެއް ނުވިއެވެ.
"ކަލޭމެން ގޮސް އެއްޗެހި އަތުރަން ފަށާ!" ފައިގައި ވެލިމޮޑެމުން ޒިޔާދު ބުންޏެވެ. "އައްދޯއި! ހާދަހާ ތަދެއް ވެއްޖޭ!"
ތަށިތައް އަޅާފައިހުރި ވަށިގަނޑު ހިފައިގެން ހިނގައިގަތީ މަންސޫރާއި ސަލީމެވެ. އަހަރެން ވެސް އޭގައި ނަމަކަށް ހިފަހައްޓައިގެން ހުރީމެވެ. އެކަމަކު ވަށިގަނޑު ގެންދިޔުމުގެ ބަދަލުގައި އަހަރެން ހުރީ ވަށިގަނޑަށް ބަރުވާ ގޮތަށް ހިފަހައްޓައިގެންނެވެ. ކުއްލިއަކަށް ވަށިގަނޑުގެ އަތްގަނޑު ބިންދައިގެންދިޔައެވެ. ވަށިގަނޑު ބިންމަތީގައި ޖެހުނު ގޮތަކުން ހުރިހައި ތަށްޓެއް ތަޅައިގެންދިޔައެވެ. ޖެހިޖެހިގެން ދެ ހާދިސާ ހިނގުމުން ވެސް އޭގެ މާނައެއް އެ މީހުންނަކަށް ނުވިސްނުނެވެ. އެންމެން ހައިރާންވެގެން އުޅުނީ އަތްގަނޑު ބިންދައިގެން ދިޔަ ގޮތް ނޭނގިގެންނެވެ.
"ދެން ތި ވާހަކަ ދައްކާނެކަމެއް ނެތް،" ހިތްވަރުކޮށްފައި ތެދުވަމުން ޒިޔާދު ބުންޏެވެ. "މި ކޮޅަށް އަންނައިރު އަލުން ތަށި ގެނައިމަ ނިމުނީ."
އިރު އޮއްސުމަށް ތައްޔާރުވަމުން އައިއިރު، އެ މީހުން ގެނައި ފޭލިގެ ޖަހައި ނިމިއްޖެއެވެ. ފިނޮޅުގެ އެކި ތަންތަނުގައި ހޯލިތައް ޖަހައި އޭގައި ބައްތި ހަރުކޮށް، ވެލިގަނޑުމަތީގައި ވެސް ބައްތިތައް އަތުރައި ނިންމައިފިއެވެ. ނުނިމި ހުރީ ގޮނޑިމޭޒު އަތުރައިލުން އެކަންޏެވެ. އޭގެ ކުރީ ރޭ ޒިޔާދު ހުރީ ހޭލައެވެ. ރިސޯޓުގެ އަތިރިމަތީގައި އޮތް ޕާޓީއެއްގެ ކަންކަން ބެލެހެއްޓުމަށް ޓަކައެވެ. އޭނަ ހީކުރީ ހެނދުނު ނިދާލަން ވަގުތު ލިބޭނެކަމަށެވެ. އެހެނެއް ނުވިއެވެ. އެހެންކަމުން ނިދިބުރާންތީގެ އަސަރު ވެސް އޭނަގެ ލޮލުގައި ހުއްޓެވެ.
"ކޮބާ އޫތައް؟" މަންސޫރު ސުވާލުކުރިއެވެ. "ސްޕީކަރު ވެސް ނުލައި މި އާދެވުނީ."
އަހަރެން ބިންމަތީގައި އިށީނދެލައިގެން މަންޒަރު ބަލަން އިނީމެވެ.
"ސްޕީކަރު ނާންނަންޏާ މައިކު ވެސް އޮންނާނީ އެ ކޮޅުގަ. އެ މަންޖެއަކީ މާ ރީތިކޮށް ލަވަކިޔާ ކުއްޖެކޭ ކޮންމެހެން ވެސް މައިކާ އެއްޗެހި ހުންނަން ޖެހޭނޭ ބުނެފަ އޮތީ،" ޒިޔާދު ބުންޏެވެ. "އެއް ފޮށްޓެއްގަ އެ އެއްޗެހި ހުންނާނީ. ކަލޭމެން ނައްޓާލާ! އަންނައިރު އުއްބައްތިކޮޅެއް ވެސް ގެންނާތި! އަހަންނަށް ވެސް ހީވަނީ މި ރޭ އެވެރިން ވަރަށް ޕާޓީކުރާނެހެން. ސްކައި ލެންޓަންތައް ވެސް ގެންނާތި! ކަލޭމެން އަންނަންވާއިރަށް މަ ބަލާނަން ދެން ހުރި ކަންކަން ނިންމާލެވޭތޯ. އަވަހަށް އަންނާތި!"
އެ މީހުންގެ ޢަޒުމަކީ ދިމާވި ހުރިހައި ހުރަހެއް ގިރާކޮށްގެން ނަމަވެސް ޕާޓީ ކުރިޔަށް ގެންދިޔުމެވެ. ވަރަށް ވެސް ދެރަ ކަމެކެވެ. ޒިންމާދާރުކަން ކުޑަ ނިންމުމެކެވެ. އަހަރެން ހިތަށްއެރިއެވެ. އޭނަ އެހެން ނުހެދި ނަމައެވެ. ޒިޔާދު ބަހައްޓައިފައި ދެން އައި ދެ މީހުން ފުރިއެވެ. ލާންޗު ނަންޓައިލިއިރު އިރު އޮއްސިއްޖެއެވެ. ކޮރެއްޖަހަމުން ގޮސް ޒިޔާދު ގޮނޑިމޭޒު އަތުރަން ފެށިއެވެ. ކުއްލިއަކަށް ލޮނުގަނޑުން ބަޑިއެއްޖެހި އަޑު ޒިޔާދަށް އިވުނެވެ. ޒިޔާދު މަތި ބަލައިލިއެވެ. އޭނައަށް ހީވީ މަތިން އެއްޗެއް ވެއްޓުނު ހެންނެވެ. އަޑު އިވުނު ދިމާ ލޮނުގަނޑުގައި ހަލަބޮލިކަމެއް ހުއްޓެވެ. އެކަމަކު ބާނި ފިޔަވައި އެހެން އެއްޗެއް ޒިޔާދަކަށް ނުފެނުނެވެ. އެ ފިނޮޅަކީ އެތަކެއް ފަހަރަކު އޭނަ އައިސްފައިވާ ތަނެކެވެ. އެ ފަދަ ކަމެއް ދުވަހަކު ވެސް އޭނައަކަށް ދިމައެއް ނުވެއެވެ. އޭނައަކީ ބިރު ކުޑަ މީހެކެވެ. ވީމާ ޗޮކެއް ކަނޑައިލައިފައި ގޮސް ޗައިނާ ވިޔަފާރިވެރިޔާގެ ފޮޓޯގަނޑު ނެގިއެވެ. އިސްކޮޅު ސައިޒުގެ އެ ފޮޓޯއަކީ، ރާއްޖެ އައިއިރު އެ މީހުން ގެނައި އެއްޗެކެވެ. ޒިޔާދު ބިންމައްޗަށް ދަގަނޑެއް ޖަހައިފައި އޭގައި ފޮޓޯ ހަރުކޮށްލިއެވެ. އެ އަންހެންކުއްޖާ ލައިގެން ހުރީ ކަޅުކުލައިގެ އަތްދިގު ހެދުމެކެވެ. ޒިޔާދު ވަރަށް ފަރުވާތެރި ކަމާއެކު ފޮޓޯއަށް ބަލައިލިއެވެ. އެ ކުއްޖާ ވަރަށް ރީއްޗެވެ. ޒިޔާދުގެ ހިތާ ކުޅެލި ކަހަލައެވެ. ދެން ފެނުނީ ހަނދު އަރަން ފެށި ތަނެވެ. ފޮޓޯއަށް ބަލަން ހުއްޓައި ލާންޗު އަންނަ އަޑު ޒިޔާދަށް އިވުނެވެ. އެއީ ލާންޗުކަން އެނގޭތީ އޭނާ އެ ދިމާއަކަށް ނުބަލައެވެ. ލާންޗު ހުއްޓި އަޑު ވެސް ޒިޔާދަށް އިވުނެވެ. ދެން އަނެއްކާ ވެސް އިވުނީ މޫދަށް އެއްޗެއް ވެއްޓުނު އަޑެވެ. ބަކަތަޅާ އަޑެވެ. އެ ފަހަރު ޒިޔާދުގެ ހިތަށް ނުތަނަވަސްކަން ވެރިވިއެވެ. ކެރޭކަން އެނގުމަށް ޓަކައި އެ ދިމާއަށް ޒިޔާދު ނުބެލީއެވެ. ފޮޓޯގެ މޫނާ ދިމާގައި ކޮންމެވެސް އެއްޗެއް ހޭކިފައި ހުއްޓެވެ. ފެންފޮދަކުން ފޮތިކޮޅެއް ތެންމައިލައިގެން ޒިޔާދު އައިސް ފޮޓޯގައި މަޑުމަޑުން ހާކައިލިއެވެ. ލޮލަށް އައިބު ނުވާ ވަރަށް ފިލިއެވެ. އޭރު ވެސް ލާންޗުން އައި މީހުންނެއް ނާދެއެވެ. ޒިޔާދަށް އެ ކަން ފާހަގަވާނެކަމަށް އަހަރެން އުންމީދުކުރީމެވެ. އިރުކޮޅަކުން ޒިޔާދު އެ ދިމާއަށް ބަލައިލިއެވެ. ލާންޗެއް ނެތެވެ. މީހަކު ވެސް ނެތެވެ. ޒިޔާދު ވަރަށް ހައިރާންވިއެވެ. ލާންޗު އައި އަޑު ޒިޔާދަށް އިވުނެވެ. ދިޔަ އަޑު ނީވުނީ ކީއްވެބާއޭ ޒިޔާދު ހިތަށްއެރިއެވެ. ވިސްނަން ހުއްޓައި، މޫދުން އެއްޗެއް އައިސް ފިނޮޅަށް އެރިތަން ޒިޔާދަށް ފެނުނެވެ. އެ އެތީގެ ފުރަގަހުން ދިއްލައިލައިފައިވާ ހަނދުގެ ސަބަބުން، ޒިޔާދަށް އެ އެތި ފެނުނީ ކަޅު ހިޔަންޏެއްހެންނެވެ. ކުލައެއް ނުވަތަ ސިފައެއް ވަތްކެއް ނުވެއެވެ. ދިއްލައިފައިވާ ބައްތިތަކުގެ އަލި ފޯރާ ހިސާބަށް އައިއިރު އެއީ ފޮޓޯގައި އިން ޗައިނާ ކުއްޖާއެވެ. އޭނަ ހުރީ ފޮޓޯއިން ފެންނަ ކަޅު ހެދުމުގައެވެ. އަތްތިލަ ނުފެންނަ ވަރަށް އަތުކުރި ދިގެވެ. އޭނަ ހުރީ ތެމިފައެވެ. އިސްތަށިގަނޑުން ފެންތައް ފައިބައެވެ. ހެދުމުގެ ފަސްބައި ދިގުކަމުން ފަޔެއް ނުފެނެއެވެ. އޭނަ އެކަނި އައުމުން ޒިޔާދަށް ހައިރާންކަން ލިބުނެވެ. އޭނަ ހިނގައިލައިފައި އައިސް ޒިޔާދު ހުރަސްކޮށްފައި ދިޔައެވެ. ދުވި މީރުވަހަކުން ޒިޔާދުގެ ބަނޑުފުރިއެރި ކަހަލައެވެ. އެ ކުއްޖާ ހުއްޓުނީ އޭނަގެ ފޮޓޯ ކައިރީގައެވެ. އަދި ފޮޓޯއާއި އޭނަޔާ އަޅާކިޔާ ކަހަލަ ގޮތަކަށް ހެދުމަށް ބަލަން ފެށިއެވެ. އެތައް އިރަކު ފޮޓޯ ކައިރީގައި އެ ކުއްޖާ ހުއްޓެވެ. ތަނުގައި އެއްޗެހިތައް އެތުރިއިރު ޒިޔާދުގެ އެއް ކަޅި ހުރީ އޭނައަށް ހުއްޓިފައެވެ. ދަނޑިވަޅު ރަނގަޅެވެ. ޒިޔާދު ހިތުން ފިނޮޅުގައި އެހެން މީހަކު ނެތެވެ. ނޫނެކެވެ. ހިލޭ ފިރިހެނަކާއި އަންހެނަކު ހުރެއްޖެ ނަމަ ސައިތާނާ ނުހުރެއެއް ނުދާނެއެވެ. ކުރަން ހުރި މަސައްކަތް ހުއްޓައިލައިފައި ޒިޔާދު ގޮސް އެ ކުއްޖާގެ ފުރަގަހުގައި ހުއްޓިލިއެވެ.
"ތީ ހާދަހާ ރީތި ކުއްޖެކޭ!" ޖެހިލުމެއް ނެތި ޒިޔާދު ބުންޏެވެ.
އެ ކުއްޖާ ކުއްލިއަކަށް އެނބުރިލިއެވެ. ބަކަމޫނެއް އެނބުރިލާހެންނެވެ. ހަޑިގަނޑު ނުއަނބުރައި ބޯ އެކަނި އަނބުރައިލިއިރު އޭނަގެ ދެ ލޯ ހުރީ ކަޅުކުލައިގައެވެ. ޒިޔާދު ސިއްސައިގެން ގޮސްފައި ފަހަތަށް ޖެހިލިއެވެ. އެ ކުއްޖާ އަނގަ ހުޅުވައިލުމުން ހަރުފައިގެ ދޫ ކަހަލަ ދުލެއް ނުކުމެ މޫނުމަތީގައި ބަނޑިބަނޑިލައްވަން ފެށިއެވެ. ޒިޔާދު ހަޅޭއްލަވަމުން ފަހަތަށް ޖެހެން ފެށިއެވެ. މާ ގިނައިރެއް ނުވެ ޒިޔާދު ހޭ ހުސްވެގެން ވެއްޓުނެވެ. އަންހެންކުއްޖާ މޫދަށް ފައިބައިގެން ދިޔައީއެވެ. ލޯންޗު އައިއިރު ޒިޔާދުގެ އަނގައިން ހުރީ ފޮނުތަކެއް ނުކުމެފައެވެ. އޭނަ އޮތީ މަރުވެފައެވެ. ވީ ކީއްކަން ނޭނގިގެން ހައިރާންވެގެން އެ މީހުން އުޅުނެވެ. އެންމެ ފަހުން ޒިޔާދު ނަގައިގަނެގެން ގެންދިޔައީއެވެ. ފިނޮޅަށް ގެނައި ހުރިހައި ސާމާނުތައް ވެސް ގެންދިޔައީއެވެ. އެންމެން ދިޔުމުން ފިނޮޅަށް ހަމަހިމޭންކަން ވެރިވިއެވެ. އެ ހިސާބުން އަހަރެން ވެސް މޫދަށް ފައިބައިގެން ދިޔައީއެވެ.
ނިމުނީ