ދިވެހީން ދަނީ ކަނުބަނދެގެން އަނދަވަޅަކަށް ވެއްޓެމުން: ނަޝީދު
ދިވެހީން ދަނީ ކަނުބަނދެގެން އަނދަވަޅަކަށް ވެއްޓެމުން: ނަޝީދު

ދިވެހީން މިހާރު މިދަނީ ކަނުބަނދެގެން އަނދަވަޅަކަށް ވެއްޓެމުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

ސުނާމީ ކާރިސާ އަށް 13 އަހަރު ފުރުން ފާހަގަކުރުމާއި ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ނަޝީދު ދެއްވި މެސެޖުގައި ވިދާޅުވީ ޑިމޮކްރަސީގައި ރާއްޖެ މިހާރު ހުރި ހިސާބަށް އާދެވިފައި ވަނީ ވަރަށް ގިނަ ތަކުލީފު އުފުލައިގެން ކަމަށެވެ. އެ ކާމިޔާބީ އަށް ފަހު މިއަދު އަނެއްކާ ވެސް ކުރިމަތިވެފައިވަނީ ނާޒުކު ފައްތަރެއް ކަމަށް އޯޑިއޯ މެދުވެރިކޮށް ދެއްވި މެސެޖުގައި ވެ އެވެ،

އެމަނިކުފާނު ވިދާޅުވީ ރާއްޖެ އާއި ޗައިނާއާ ދެމެދު ގާއިމްކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީ ވެސް ދިވެހީންގެ ވިޔަފާރި އަށް އަދި ރާއްޖޭގެ އިސްތިގުލާލަށް ކިތަންމެ ގޮންޖެހުމެއް ކުރިމަތިވާނެ އެގްރިމެންޓެއް ކަމަށެވެ.

"..ދިވެހީން މިދަނީ ކަނުބަނދެގެން، އަނދަވަޅަކަށް ވެއްޓެމުން. ރާއްޖެ އާއި ޗައިނާއާ ދެމެދު ގާއިމްކުރެވިފައިވާ އެއްބަސްވުމަކީ ދިވެހި ވިޔަފާރި އަށް ވެސް އަދި ދިވެހި ރާއްޖޭގެ އިސްތިގުލާލުގެ މިނިވަންކަމަށް ވެސް ކިތަންމެ ގޮންޖެހުމެއް ކުރިމަތިވާނެ އެގްރިމެންޓެއް. އެ އެގްރިމެންުޓުގެ ނުރައްކާ އިތުރަށް ބޮޑު ވެގެން ދަނީ، އެ އެގްރިމެންޓް އިންޑިޔާ ކަނޑުގެ ހަމަޖެހުމަށް ހުރަސްއަޅާތީ. އަޅުގަނޑުމެންގެ އަވަށްޓެރި ގައުމުތަކަށް އަޅުގަނޑުމެން ކުރާ ކަންކަމުގެ ސަބަބުން ގެއްލުން ލިބި ކަންބޮޑުވެ، އެ ގައުުމުތަކުގެ ސަލާމަތާ ރައްކާތެރިކަމަށް ވެސް ބުރު އަރައިގެން ދާ ކަމަށް އެ ގައުމުތަކުން އެބަ ދެކޭ،" އިދިކޮޅު ޕާޓީތަކުގެ މައި ޖަގަހަ، މ. ކުނޫޒުގައި އިއްވި މެސެޖުގައި ނަޝީދު ވިދާޅުވި އެވެ.

ސުނާމީގެ ހިތްދަތި ހަނދާންތައް އާކުރައްވަމުން ނަޝީދު ވިދާޅުވީ، ސުނާމީ ކާރިސާ ކުރިމަތިވި އިރު އިސްލާހީ މަސައްކަތުގައި އުޅުނު ކިތައްމެ ބަޔަކު ތިބީ ޖަލުގައި ކަމަށެވެ. އަދި އެ ކާރިސާއާ ގުޅިގެން އޭގެ ތެރެއިން ބައެއް މީހުން މިނިވަން ކުރެވުނު އިރު، ސުނާމީއާ ގުޅިގެން ދިވެހީންނަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރަން ޖެހިއްޖެކަން ނިންުމުނު ކަމަށް ވިދާޅުވި އެވެ.

ގައުމީ އެއްބައިވަންތަ ކަމުގެ ދުވަހެއް ފާހަގަކުރާ އިރު، ރާއްޖެ އަށް މިހާރު ދިމާވެފައިވާ ކަންކަމުން އަރައިގަންނަން މަޖުބޫރުވެފައިވާ ކަމަށާއި އެއީ އެންމެންގެ ވެސް ވާޖިބެއް ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި ވާދަވެރި ސިޔާސީ ފަރާތްތައް އެކުވެރިކަމުގެ ކަމަރަކުން ބަނދެވިފައިވާއިރު، އަމާޒަކީ ދިވެހީންނަށް ހެޔޮގޮތްތައް ހޯދައިދިނުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ބޭނުމަކީ ދިވެހީންނަށް ހައްގު މިންވަރު ލިބުން. ކޮންމެ ދިވެއްސަކީ ވެސް ތިމަންނަ އަކީ ތިމަންނަގެ ހަލާލުު މަސައްކަތުން، ތިމަންނައާ ތިމަންނާގެ ދަރިން، ތިމަންނަގެ އާއިލާ ބަލަހައްޓާ ފަހުރުވެރި ދިވެއްސެކޭ ބުނުން،" ނަޝީދު ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކުގެ އަމާޒަކީ ރިޔާސީ އިންތިހާނުން ރައީސް އަބްދުﷲ ޔާމީން ބަލިކުރުން ކަމަށާއި އިރާދަކުރެއްވިއްޔާ އެކަން ކުރާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އަދިި ރާއްޖެ ގެއްލުނަ ނުދީ ދިވެހީންނަށް، ދިވެހީންގެ ރާއްޖެ ހޯދައިދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.