26 ޑިސެމްބަރ 2017 - 18:27

މަޝްވަރާ ކުރުމަކީ އިސްރާފެއް ނޫން ކަމަށާއި އެއީ ޑިމޮކްރަސީގެ އެންމެ ވަރުގަަދަ ތަނބު ކަަމަށް ވިދާޅުވެ، ކޮއްކޯފުޅު ރައީސް އަބްދުﷲ ޔާމީނަށް، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިއަދު ރައްދު ދެއްވައިފި އެވެ.
ބ. އޭދަފުށީގައި އިއްޔެ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ ރާއްޖޭގައި ހުރި މައްސަލަތައް ދެނެގަންނަން އެހެން ގައުމުތަކުން މީހުން ގެންނަން ނުޖެހޭނެ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވައިފަ އެވެ. ރައީސް ވިދާޅުވީ މައްސަލަތައް ވަރަށް ސާފު ކަމަށާއި އެކަންކަމާ މެދު އިތުރަށް މަޝްވަރާ ކުރުމަކީ ވަގުތު ނަގާލުން ކަމަށެވެ. މީގެ އިތުރުން ޝަރުތަކާ ނުލައި ސިޔާސީ ޕާޓީތަކަށް ވެސް މަޝްވަރާ ކުރުމުގެ ފުރުސަތު އެބަ އޮތް ކަމަށް ވެސް އޭދަފުށީގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވި އެވެ. .
އެ ވާހަކަފުޅުތަކަށް ރައްދު ދެއްވަމުން، މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަޝްވަރާ އަކީ ޑިމޮކްރަސީގެ އެންމެ ވަރުގަދަ ތަނބު ކަމަށެވެ. އަދި މަޝްވަރާ ކުރުމުގެ މުހިއްމުކަން ވެސް ކީރިތި ގުރުއާނުގައި ވަރަށް ސާފުކޮށް ބަޔާން ކުރައްވާފައިވާ ކަމަށް ވިދާޅުވި އެވެ.
ރާއްޖޭގެ މައްސަލަތަކާ ގުޅޭ ގޮތުން ބޭރުގެ ފަރާތްތަކާ ކުރާނެ މަޝްވަރާއެއް ނެތަސް، ރައްޔިތުންނާ ގުޅުން ހުރި މައްސަލަތަކުގައި މިއަށް ވުރެ ގިނައިން މަަޝްވަރާކުރި ސަރުކާރެއް ނޯންނާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އެގޮތުން ކުރީގެ ސަރުކާރުތަކާ ހިލާފަށް، މި ސަރުކާރުގެ ކެބިނެޓު ބައްދަލުވުންތައް ކޮންމެ ހަފުތާއަކު އޮންނައިރު، ރައްޔިތުންނާ ގުޅުން ހުރި މައްސަލަތަކުގައި މަޖިލިސް މެމްބަރުންނާ ވެސް މަޝްވަރާތައް ކޮށްފައި ހުންނާނެ ކަން ރައީސް ފާހަގަކުރެއްވި އެވެ.
ރާއްޖޭގައި ހުރި މައްސަލަތައް ދެނެގަންނަން ބޭރުން މީހުން ގެންނަން ނުޖެހޭ ކަމަށް ރައީސް އިއްޔެ ވިދާޅުވިއިރު، ރާއްޖެ އާއި އިންޑިއާގެ ދެމެދު މަސްރަހު ފިނިކުރަން އެ ގައުމުގެ ވަފުދެއް ރާއްޖެ އަންނަން ނިންމާފައިވާ ކަމަށް އިންޑިޔާގެ ނޫހަކުން ވަނީ ބުނެފަ އެވެ.