ރާއްޖޭގެ ރީތިކަން ދައްކަން 360 ޑިގްރީގެ ޗާޓެއް ހަދަނީ
ރާއްޖޭގެ ރީތިކަން ދައްކަން 360 ޑިގްރީގެ ޗާޓެއް ހަދަނީ

ރާއްޖޭގެ ހިތްގައިމުކަން ފެންނަ ގޮތަށް 360 ޑިގްރީގެ ޗާޓެއް ހަދަން ބޭރުގެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

އިންޑޮނޭޝިއާގެ ކުންފުންޏެއް ކަމަށްވާ ގެކޯއާ އެކު އެމްއޯޔޫއެއްގައި ސޮއިކުރުމަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން އެމްއެމްޕީއާރުސީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު ހާރިސް މުހައްމަދު މިއަދު ވިދާޅުވީ ރާއްޖެ ޕްރޮމޯޓްކުރުމުގެ މަސައްކަތް އާ ހަރުފަތަކަށް ގެންދިއުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން މުޅި ރާއްޖެ ވަށައިގެން ފެންނަ ގޮތަށް ޗާޓެއް ހެދުމުގެ މަސައްކަތް އެއް އަހަރުގެ ތެރޭގައި ނިމޭނެ ކަމަށެވެ. އެ ކުންފުނިން އެ މަސައްކަތްކޮށްދެނީ ހިލޭ ސާބަހަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިއީ މިގޮތަށް ޑިޖިޓަލް މެޕެއް ހަދާ ފުރަތަމަ މަންޒިލް. މިއީ ވީއާރު ކޮލިޓީގައި ހަދާ 360 ޑިގްރީ ވީޑިއޯ މެޕެއް،" ހާރިސް ވިދާޅުވި އެވެ.

މުޅި ރާއްޖެ ފެންނަ ގޮތަށް ހަދާ ޗާޓު ފެންނާނީ ރާއްޖެ ޕްރޮމޯޓްކުރަން އެމްއެމްޕީއާރުސީން ހިންގާ ވިޒިޓް މޯލްޑިވްސް ވެބްސައިޓް މެދުވެރިކޮށެވެ. އެގޮތުން އެ ޗާޓުގެ ބޮޑު ބައެއް އަންނަ އަހަރު މާޗް މަހު ފެންނަ ގޮތަށް ހެދޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ހާރިސް ވިދާޅުވީ އެ ޗާޓު ހެދުމަށް ބޭނުންވާ ވީޑިއޯ ނެގުމަށް ގެކޯ އިން ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރުކޮށް ފޮޓޯ އާއި ވީޑިއޯ ނެގުމުގެ މަސައްކަތްކުރާނެ ކަމަށެވެ.