ސުނާމީގައި ގެ ހަލާކުވި އާއިލާތަކަށް ގެ ދިނިން: ޑިޒާސްޓާ
ސުނާމީގައި ގެ ހަލާކުވި އާއިލާތަކަށް ގެ ދިނިން: ޑިޒާސްޓާ

މީގެ 13 އަހަރު ކުރިން ރާއްޖެ އަށް ކުރިމަތިވި ސުނާމީގައި ގެދޮރު ނެތި ދިޔަ ހުރިހާ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދީ ނިމިފައިވާ ކަމަށް، ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން މިއަދު ބުނެފި އެވެ.

އެ މަރުކަޒުން މިހެން ބުނި އިރު، ސުނާމީގައި އެންމެ ބޮޑު ގެއްލުމެއް ލިބުނު ތ. ވިލުފުށީ ބައެއް އާއިލާތަކަށް އަދިވެސް ހިޔާވަހިކަން ނުލިބޭ ކަމަށް އެ މީހުން އަންނަނީ ބުނަމުންނެވެ. އެގޮތުން ކުރިން އަށެއްކަ ކޮޓަރީގެ ގޭގޭގައި ދިރިއުޅުނު މީހުންނަށް ސުނާމީ އަށް ފަހު ތިން ކޮޓަރީގެ އެންމެ ގެއެއް ދިނުމުން ބޯހިޔާވަހިކަން ނުލިބި އެއް ބަޔަކު ވަނީ ބާކީވެފައި ކަމަށް އެ ރަށު ކައުންސިލުން ވެސް ބުނެ އެވެ.

އެކަމާ ގުޅޭ ގޮތުން ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުގެ ޕްރޮޖެކްޓް ޑިރެކްޓާ ހިސާން ހަސަން ވިދާޅުވީ ސުނާމީގައި ހާލުގައި ޖެހުނު މީހުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ މަޝްރޫގެ ދަށުން ގެ ދިނުމުގައި ބަލާފައިވާނީ ހަލާކުވި ގެއަކަށް ގެއެއް ދިނުމުގެ ބަދަލުގައި ސުނާމީ އެރި އިރު ދިރިއުޅުނު ކޮންމެ އާއިލާއަކަށް ގެއެއް ދިނުމަށް ކަމަށެވެ.

"ސުނާމީ އަށް ފަހު އާއިލާތަަކަށް ބޮޑެތި ބަދަލުތަކެއް އައި ދެއްތޯ ގެ ދިނުމުގެ ކުރިން. ބައެއް އާއިލާތައް ރޫޅި އަނެއްބައި މީހުން ކައިވެނިކޮށް. އަޅުގަނޑުމެން ނުބަލަން ފަހުން އައިސްފައިވާ ބަދަލުތަކަކަށް. އަޅުގަނޑުމެން ގެ ދިނީ ސުނާމީ އެރި އިރު އޮތް އާބާދީ އަށް،" ހިސާން ވިދާޅުވި އެވެ.

ސުނާމީ އަށް ފަހު ވިލުފުށީގައި 309ގެ އިމާރާތް ކޮށްފައިވާ އިރު އެ ރަށު ކައުންސިލްގެ ރައީސް ހުސައިން އަބްދުއްސަލާމް ވިދާޅުވީ ގެ ބެހި އިރު އެއްވެސް ގޮތަކަށް ގެއެއް ނުލިބޭ ފަސް އާއިލާ އެ ރަށުގައި އުޅޭ ކަމަށެވެ. އަދި ގެތައް ބެހި އިރު އާއިލާތަކަށް ދިން ގެތަކުން ޖާގަ ނުލިބޭ މީހުންނަށް ހާއްސަކޮށް 40 ކޮޓަރި އަޅަން ސަރުކާރުން ނިންމައި އެކަން އަންގާފައިވާ އިރު އެ މަސައްކަތް ކުރިއަށް ނުދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދެހާސް ހަތަރު ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު އިންޑޮނޭޝިޔާ އަށް އައި ބާރުގަދަ ބިންހެލުމެއްގެ ސަބަބުން ކުރިމަތިވި ސުނާމީގައި ރާއްޖޭން 82 މީހުން މަރުވެ 26 މީހުން ވަނީ ގެއްލިފަ އެވެ. އަދި މީހުންގެ މުދަލަށާއި ގެދޮރަށް ވަނީ ބޮޑެތި ގެއްލުންތަކެއްވެފަ އެވެ.