އަމާނާތްތެރިކަން ބޮޑު ޓެކްސީ ޑްރައިވަރެއް
އަމާނާތްތެރިކަން ބޮޑު ޓެކްސީ ޑްރައިވަރެއް

މިޒަމާނުގައި ތެދުވެރިކަމާއި އަމާނާތްތެރިކަމަކީ ވަރަށް މަދު ބައެއްގެ ކިބާގައި ހުންނަ ސިފައެކެވެ. އޭގެ އަގު ވަޒަންކުރާ މީހުން ވެސް އެހާމެ މަދެވެ. ޓެކްސީ އަށް އަރާފައި އަތުގައި އޮންނަ ފޯނު ނުވަތަ ދަބަސް ފަދަ އަގުބޮޑު އެއްޗެއް ބާއްވާފައި ބޭއްވޭ މީހުން މަދެއް ނޫނެވެ. އަދި ގިނަ ފަހަރަށް މިފަދަ އެއްޗެހި އަލުން އަނބުރާ ރައްދުކޮށްދެނީ ވެސް މަދު ޑްރައިވަރެކެވެ. މިއީ އިންޑިޔާގެ ދިއްލީގައި ޓެކްސީކުރާ ޑްރައިވަރެއްގެ ތެދުވެރިކަމާއި އަމާނާތްތެރިކަމުގެ އިނާމު އޭނާއަށް ލިބުނު ގޮތުގެ ވާހަކަ އެވެ.

ދެބެންދުރަ ކަޕްރީ ވަނީ އޭނާގެ ޓެކްސީއަށް އެރި ފަސިންޖަރަކު އޮޅުމަކުން ބެހެއްޓި 800،000 ރުޕީސްއާ ގާތްކުރާ އަދަދަކަށް ހުރި އެމެރިކާ ޑޮލަރާއި އަގުހުރި ތަކެތި އަޅާފައި ހުރި ދަބަހެއް ފުލުހުންނާ ހަވާލުކޮށްފަ އެވެ.

ޓައިމްސް އޮފް އިންޑިއާ އިން ބުނާ ގޮތުން ދިއްލީ ޑޮމެސްޓިކް އެއާޕޯޓުން ކަޕްރީގެ ޓެކްސީއަށް އެރި މުބީޝަރް ވާނީ ބޭނުންވީ ދިއްލީގެ ޕަހަރްގަންޖް ސަރަހައްދަށް ދާށެވެ. އެމީހާ އެ ހިސާބަށް ބާލާފައި އެނބުރި ދިޔަ މަގުމަތީގައި ވާނީގެ ދަބަސް ކާރުގައި އޮއްވާ ކަޕްރީއަށް ފެނުނެވެ. އެކަމަކު ވާނީ ހޯދޭނެ ގޮތެއް ނެތުމުން އެ ދަބަސް ފުލުހުންނާ ހަވާލުކުރީ އެވެ.

"އެ ދަބަހުގައި ރަނުގެ ގަހަނާ އާއި ލެޕްޓޮޕަކާއި އައިފޯނަކާއި ކެމެރާއެއް އަދި އަށް ލައްކަ އިންޑިއަން ރުޕީސްގެ އަގުހުރި އެމެރިކާ ޑޮލަރާއި ވަރަށް މުހިއްމު ލިޔެކިޔުންތަކާއި ޕާސްޕޯޓް އަދި ޓްރެވަލް ޑޮކިއުމަންޓްސްތައް ވެސް ހުރި،" ފުލުހުންގެ އިސް މީހަކު ނޫހަށް ކިޔައިދިނެވެ.

މި ދަބަހުގެ ތެރޭގައި މޯބައިލް ނަންބަރެއް ޖަހާފައި އިން ކައިވެނީގެ ދައުވަތު ކާޑެއް އޮތެވެ. އެހެންވެ އެ ނަންބަރަށް ގުޅައިގެން ވާނީ ހޯދައި އެ ދަބަހާ ހަވާލުވާން އައުމަށް އެންގީ ކަމަށް ފުލުހުން ބުންޏެވެ.

އުމުރުން 24 އަހަރުގެ މި ޒުވާން ޓެކްސީ ޑްރައިވަރުގެ އަމާނާތްތެރިކަމާއި ތެދުވެރިކަމަށް ފުލުހުން ވަރަށް ތައުރީފުކުރި އެވެ. އަދި އޭނާއަށް ފައިސާގެ އިނާމެއް ސަރުކާރުގެ ފަރާތުން ލިބޭނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.