މުމްބައިގައި ނުކުޅެދޭ މީހުން ވަޒީފާ އަދާކުރާ ރެސްޓޯރަންޓެއް
މުމްބައިގައި ނުކުޅެދޭ މީހުން ވަޒީފާ އަދާކުރާ ރެސްޓޯރަންޓެއް

ވާހަކަދެއްކުމާއި އަޑުއެހުމުގެ ކުޅަދާނަކަމުން މަހްރޫމްވެފައިވާ މީހުންނަށް ވަޒީފާ ދީގެން އިންޑިއާގެ މުމްބައިގައި ހުންނަ ރެސްޓޯރަންޓަކުން އިޖްތިމާއީ ޚިދުމަތެއް ފަށައިފި އެވެ.

މުމްބައިގައި ނުކުޅެދޭ މީހުން ވަޒީފާ އަދާކުރާ ރެސްޓޯރަންޓެއް
މުމްބައިގައި ނުކުޅެދޭ މީހުން ވަޒީފާ އަދާކުރާ ރެސްޓޯރަންޓެއް

"މިރްޗީ އެންޑް މީމް" ނަމަކަށް ކިޔާ މި ރެސްޓޯރަންޓުގައި މަސައްކަތްކުރާ މީހުންގެ ތެރެއިން ގިނަ މީހުންނަކީ ވާހަކަ ނުދެއްކޭ އަދި އަޑު ވެސް ނީވޭ މީހުންނެވެ. ރެސްޓޯރަންޓަށް ކާން އަންނަ ކަސްޓަމަރުންނާ މި މީހުން ވާހަކަ ދައްކަނީ ސައިން ލޭންގްއޭޖުންނެވެ.

ރެސްޓޯރަންޓް މެނޫގައިވާ ކޮންމެ އައިޓަމެއް އިންނަނީ ސައިން ލޭންޖްއޭޖް އިމޭޖަކާ ގުޅުވާފަ އެވެ. އެހެންވެ އަތުގެ އިޝާރާތުން އެމީހަކު ބޭނުން އެއްޗެއް އޯޑަރު ކުރަން ކަސްޓަމަރުންނަށް ވަރަށް ފަސޭހަ އެވެ. މި ރެސްޓޯރަންޓްގައި މިވަގުތު ނުކުޅެދުންތެރިކަން ހުރި 50 މީހުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އިންޑިއާގެ އެކި ހިސާބުތަކުގައި މި ރެސްޓޯރަންޓްގެ ގޮފިތައް ހުޅުވަން ތަނުގެ ވެރިމީހާ މިހާރު އެބަ ތައްޔާރުވެ އެވެ. އޭރުން މިފަދަ 500 ވަރަކަށް މީހުންނަށް ވަޒީފާ ދެވޭނެ ކަމަށް ބެލެވެ އެވެ.

"ރެސްޓޯރަންޓްގެ މަސައްކަތް ފެށުމުގެ ކުރިން ކުޑަކޮށް ކަންތައްތައް ކުރާނެ ގޮތް ކިޔައިދިނުން އޮންނާނެ. އަދި މެންދުރު ކާ ގަޑިއަށް ވެސް ރޭގަނޑުގެ ކެއުމަށް ވެސް ވަކިން ކަންތައްތައް ކުރަންވީ ގޮތް ކިޔައިދެން. މިއީ ރެސްޓޯރަންޓްގެ މަސައްކަތް އޮމާންކަމާ އެކު ކުރިޔަށް ގެންދިއުމުގެ ބޭނުމުގައި ކުރާ ކަމެއް،" ސައިން ލޭންގްއޭޖް ސްޕެޝަލިސްޓް ޓްރެއިނާ އަދި ރެސްޓޯރަންޓްގެ ކެޕްޓަން ރަންޖަން ބުންޏެވެ.

ރެސްޓޯރަންޓްގެ ވެރިޔާ ޕްރަޝާންތު ބުނީ އޭނާ އާއި އޭނާގެ ޕާޓްނަރަށް މި ޚިޔާލު އައީ ކެނެޑާގައި ހިންގާ މިފަދަ ރެސްޓޯރެންޓެއްގެ ވީޑިއޯއެއް ފެނިގެން ކަމަށެވެ.

"އަހަރެމެން ކުރިން ވެސް ރާވާފައި އޮތީ ރެސްޓޯރަންޓެއް ހުޅުވަން. އެހެންވެ ކޮންސެޕްޓްއަކާ ދޭތެރޭ ވިސްނަމުން ދަނިކޮށް ކެނެޑާގައި ހިންގާ ރެސްޓޯރެންޓެއްގެ ވީޑިއޯއެއް ފެނި އެފަދަ ރެސްޓޯރެންޓެއް ހެދުމުގެ ޚިޔާލު އައީ. މިއީ ހަމައެކަނި ފައިސާ ހޯދުމަށް ކުރާ މަސައްކަތެއް ނޫން. މި ރެސްޓޯރަންޓްގެ ސަބަބުން މުޖުތަމައުގެ ގިނަ ބަޔަކަށް މަންފާ ކުރާނެތީ އިޖްތިމާއީ ޚިދުމަތެއްގެ ގޮތުން ކުރާ ކަމެއް،" ޕްރަޝާންތު ބުންޏެވެ.

ރެސްޓޯރަންޓަށް މުވައްޒަފުން ހޯދީ އެކި އެންޖީއޯތަކަށް ގުޅައިގެންނާއި ކޮލެޖުތަކަށް ގޮސް މި ތަނާ ބެެހޭ މައުލޫމާތު ހިއްސާކޮށްގެން ކަމަށް ވެސް އޭނާ ބުންޏެވެ.

ރެސްޓޯރެންޓްގެ ޚިދުމަތް ވީހާވެސް އޮމާންކަމާ އެކު ގެންދަން ޕްރަޝާންތު ވެސް މިހާރު ވަނީ ސައިން ލޭންގްއޭޖް ދަސްކޮށްފަ އެވެ.