26 ޑިސެމްބަރ 2017 - 14:37

ޕާޓީ ބަދަލުކުރަން ޖެހޭ ސަބަބެއް އޮވެއްޖެ ނަމަ، އެ ޕާޓީން ވަކިވެ އެހެން ޕާޓީއަކާ ގުޅުމަކީ އެއްވެސް މައްސަލައެއް ނޫން ކަމަށް ރައީސް އަބްދުﷲ ޔާމީން ބ. ތުޅާދޫގައި މިއަދު ވިދާޅުވެއްޖެ އެވެ.

އުތުރުގެ ތިން އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެންމެ ފަހު ރަށެއްގެ ގޮތުގައި، ތުޅާދު އަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ޑިމޮކްރަސީ ހިންގާ އެހެން ގައުމުތަކުގައި ކަނޑައަޅާފައި ހުންނަ ގޮތަށް، ރާއްޖޭގައި ވެސް ބަދަލު ނުކުރެވޭނެ ނުވަތަ ދޫނުކޮށްލެވޭނެ އުސޫލްތަކެއް ހުންނަ ކަމަށެވެ. އޭގެތެރޭގައި އިސްލާމީ އުސޫލްތަކާއި، ގައުމުގެ ހައްގުތައް ނިގުޅައިގަތުމަށް މަސައްކަތް ކުރުން ފަދަ ކަންކަން ހިމެނޭ ކަމަށާއި މިފަދަ އަމަލުތައް ހިންގަން ބާރުއަޅާ ޕާޓީތަކުން ވަކިވުމަކީ ރައްޔިތުންނަށް އޮތް ހައްގެއް ކަމަށް ރައީސް ވިދާޅުވި އެވެ.
ޕާޓީތަކުގެ ސިޔާސީ ފިކުރު ނުވަތަ ތަރައްގީ ގެންނަ ގޮތް ތަފާތުވިއަސް އިސްލާމީ އުސޫލްތައް ހިފެހެއްޓުމަކީ، ރައީސް ވިދާޅުވި ގޮތުގައި، ރާއްޖޭގައި އުފައްދާފައިވާ ހުރިހާ ޕާޓީއަކުން ވެސް ކުރަން ޖެހޭނެ ކަމެކެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ޕާޓީ ބަދަލުކުރުމަކީ ދިވެހިންނަށް މާ ފަސޭހަ ކަމަކަށް ނުވެދާނެ އެވެ. އެކަމަކު ޕާޓީ ބަދަލުކުރަން ޖެހޭ ސަބަބެއް މެދުވެރިވެއްޖެ ނަމަ އެކަން ކުރުމަކީ، ގޯހެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
"އެއީ ޝަހާދާ ގާތްނުކުރާ މީހަކު އިސްލާމްދީނަށް ވަނުން ކަހަލަ ކަމެއް. އަލުން ޝަހާދަތް ކިއުން ކަހަލަ ކަމެއް އެއީ. އެހެންވީމަ މި ދެންނެވި ކަހަލަ މުގައްދަސް ގައުމިއްޔަތުގެ ހައްގުތައް، އޭގެ އިންފާރުތައް ފޫއަޅުވާލާ ގޮތަށް ޖާދަ ދޭ ފިކުރުތަކަށް މުއާމަލާތުކުރާ އިސް މީހުން ތިބޭ ޕާޓީތަކުގައި ބައަކަށް ތިބެވޭ ކަމަށް ވަންޏާ އެ ޕާޓީ ދޫކޮށްލުމަކީ ދިވެހިރާއްޖޭގެ ދައުލަތާއި ދިވެހިރާއްޖޭގެ މުގައްދަސްކަން ދެމެހެއްޓުމަށްޓަކައި އޭނަގެ މައްޗަށް ކުރުން ލާޒިމް ކަމެއް،" ރައީސް ވިދާޅުވި އެވެ.
ސަބަބެއް އޮވެގެން ޕާޓީ ބަދަލުކުރުމަކީ މައްސަލައެއް ނޫން ކަމަށް ރައީސް ވިދާޅުވިއިރު، ސަރުކާރުގެ ސިޔާސަތުތަކުން ރައްޔިތުންނަށް ގެއްލުންވަމުންދާ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް ޕީޕީއެމުން ވަކިވާން އުޅުމުން، އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށް ބުނެ އެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި އެވެ. އެ ކޯޓުން އަމުރު ނެރުނީ ޕާޓީ ބަދަލުކުރާ މެމްބަރުންގެ ގޮނޑި ގެއްލޭނެ ކަމަށެވެ. އެކަމަކު އެ ހުކުމްގެ ކުރިން ޕާޓީ ބަދަލުކޮށްފައި ތިބި މެމްބަރުންގެ މައްޗަށް ހުކުމް ނުހިނގާނެ ކަމަށް ސާފުކޮށްފައި ބުނެފައި އޮތް ނަމަވެސް، ޕީޕީއެމުން ހުށަހަޅައިގެން މެމްބަރުންތަކެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފަ އެވެ.
މި މައްސަލާގައި، ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އީސީން ވަނީ ކަނޑައަޅައިފަ އެވެ.