26 ޑިސެމްބަރ 2017 - 13:49

ސައޫދީ އަރަބިއްޔާ އާއި އެ ގައުމާ ގުޅިފައިވާ ލަޝްކަރުގެ މަތިންދާބޯޓުތަކުން ދިން ހޫތީ ހަނގުރާމަވެރިންނާ ދެކޮޅަށް ދިން ހަމަލާތަކުގައި ޔަމަންގެ އާންމުންގެ 71 މީހަކު މަރުވެއްޖެ އެވެ.
ޔަމަންގެ ހަބަރު ފަތުރާ ވަސީލަތްތަކުން ބުނި ގޮތުގައި ވޭތުވެ ދިޔަ 48 ގަޑިއިރުގެ ތެރޭގައި ސައޫދީގެ ގުޅިފައިވާ ލަޝްކަރުން ވަނީ ވަރުގަދަ ހަމަލާތަކެއް ދީފަ އެވެ.
އާންމުން ބުނާ ގޮތުގައި ވެރިރަށް ސަންއާ އަށް އިއްޔެ ވަރަށް ވަރުގަދަ ހަމަލާތަކެއް ދިނެވެ. އިއްޔެ ހެނދުނު ދިން ހަމަލާތަކުގައި އާންމުންގެ 11 މީހަކު މަރުވި އެވެ. އޭގެ ތެރޭގައި ތިން ކުޑަކުދިންނާއި ދެ އަންހެނުން ހިމެނެ އެވެ.
އަލް ޖަޒީރާ އިން ބުނި ގޮތުގައި ސަންއާގައި ހުންނަ ހޫތީންގެ ލީޑަރު މުހައްމަދު އައްރައިމީ ދިރިއުޅޭ ގެއަށް އަމާޒުކޮށް ދިން ހަމަލާތަކުގައި ދެ އިމާރާތް ބިމާ ހަމަވި އެވެ. އަދި އޭނާ އެ ސަރަހައްދުން ފިލައިގެން ދާން އުޅެނިކޮށް އޭނާ ދަތުރު ކުރި ކާރަށް އަމާޒުކޮށް ވެސް ހަމަލާތަކެއް ދިނެވެ.
އޭގެ އިތުރުން ސަންއާގެ ހުޅަނގުގައިވާ ހުދައިދާ އަށް ދިން ހަމަލާތަކުގައި އާންމުންގެ އަށް މީހަކު މަރުވި އެވެ. އޭގެ ތެރޭގައި ދެ އަންހެނުން ހިމެނެ އެވެ. އަދި މެދުތެރޭގެ ސަހަރެއް ކަމަށްވާ ދަމާރްގައި ސަރުކާރުގެ އިމާރާތަކަށް ދިން ހަމަލާތަކެއްގައި އާންމުންގެ ހަތަރު މީހަކު މަރުވި އެވެ.
ހޫތީންގެ ހަބަރު ފަތުރާ ވަސީލަތްތަކުން ބުނާ ގޮތުގައި މިދިޔަ އާދީއްތަ ދުވަހާއި ހޯމަ ދުވަހު އެކަނި ވެސް، ސައޫދީގެ ގުޅިފައިވާ ލަޝްކަރުގެ މަތިންދާބޯޓުތަކުން 50 އަށް ވުރެ ގިނަ ހަމަލާ ދިނެވެ. މި ހަމަލާތަކުގައި 70 އަށް ވުރެ ގިނަ މީހުން މަރުވެ އެތައް ބަޔަކު ޒަޚަމްވި އެވެ.
ވޭތުވެ ދިޔަ 48 ގަޑިއިރުގެ ތެރޭގައި ސައޫދީގެ ގުޅިފައިވާ ލަޝްކަރުން ދިން ހަމަލާތަކުގެ ތެރޭގައި، އެމެރިކާ އެމްބަސީ ގުދުސަށް ބަދަލުކުރުމަށް އެމެރިކާ އިން ނިންމި ނިންމުމާ ދެކޮޅަށް ބޭއްވި މުޒާހަރާއެއްގެ ތެރެއަށް ވެސް ހަމަލާ ދިނެވެ. ނަމަވެސް މި ހަމަލާތަކާ ބެހޭ ގޮތުން ސައޫދީ އަރަބިއްޔާ އާއި ގުޅިފައިވާ ލަޝްކަރުގެ އެހެން ގައުމުތަކުން ވެސް އެއްވެސް އެއްޗެއް ނުބުނެ އެވެ.
ޔަމަންގެ ސަރުކާރާ ދެކޮޅަށް 2014 ވަނަ އަހަރު ފެށި ދާޚިލީ ހަނގުރާމައިގައި މިހާތަނަށް އެތައް ހާސް ބަޔަކު ވަނީ މަރުވެފަ އެވެ. އަދި އެތައް ހާސް ބަޔަކު ޒަޚަމްވެފައިވާ އިރު، ލައްކައަކަށް ވުރެ ގިނަ މީހުން ވަނީ ގެދޮރު ދޫކޮށް އެހެން ތަންތަނަށް ދަތުރުކޮށްފަ އެވެ.
ޔަމަންގެ ދާޚިލީ ހަނގުރާމައިގައި ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރަނީ އީރާންގެ މަދަދާ އެކު ހަނގުރާމަ ކުރާ ހޫތީންނެވެ. އަދި ކުރީގެ ރައީސް އަލީ އަބްދުﷲ ސޯލިހަށް ވަފާތެރި ހަނގުރާމަވެރިން ވެސް ދިޔައީ ހޫތީންނާ ބައިވެރިވެގެން ޔަމަންގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރަމުންނެވެ.
ނަމަވެސް މި މަހުގެ ކުރީކޮޅު އަލީ އަބްދުﷲ ސާލިހް، ހޫތީންނާ ވަކިވެ ޔަމަންގެ ސަރުކާރާ ގުޅެން ނިންމުމުން، ހޫތީން ހަމަލާ ދީ ވަނީ އޭނާ އަވަހާރަ ކޮށްލައިފަ އެވެ. އަދި ހޫތީ ހަނގުރާމަވެރިންގެ ބާރު ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށް ސައޫދީ އަރަބިއްޔާ އިން ބުނެ އެވެ.