26 ޑިސެމްބަރ 2017 - 11:42

މިލާން (ޑިސެމްބަރު 26) – އިޓާލިއަން ކަޕުގެ ކުއާޓާ ފައިނަލުގައި މިރޭ އިންޓައާ ދެކޮޅަށް އަދި އިޓާލިއަން ލީގުގައި އާދީއްތަ ދުވަހު ފިއޮރެންޓީނާއާ ދެކޮޅަށް ރަނގަޅު ނަތީޖާތަކެއް ނުނެރެއްޖެ ނަމަ އޭސީ މިލާނުގެ ކޯޗުކަމުން ޖެނާރޯ ގަޓޫސޯ ވަކިކޮށްފާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
މިލާނުގެ ކުރީގެ މިޑްފީލްޑަރާ ކޯޗުކަން ހަވާލުކުރީ ވިންޗެންޒޯ މޮންޓެލާއާ އެކު ރަނގަޅު ނަތީޖާތަކެއް ނުނެރެވުމުންނެވެ. އެކަމަކު ގަޓޫސޯ އަށް ވެސް އަދި ނަތީޖާތައް ބަދަލެއް ނުކުރެވެ އެވެ. އެގޮތުން އޭނާގެ ކޯޗުކަމުގެ ދަށުން ކުޅުނު ހަތަރު މެޗުން ހޯދުނީ އެންމެ ހަތަރު ޕޮއިންޓެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ގަޓޫސޯ ވަކިކޮށްފި ނަމަ ދެން ވެސް ގެންނާނީ މޮންޓެލާ އެވެ.
ލީގުގައި މިލާން އޮތީ 24 ޕޮއިންޓާ އެކު 11 ވަނައިގަ އެވެ. މިއީ 1981/1982 ވަނަ އަހަރުގެ ފަހުން މިލާނުގެ ނަތީޖާތައް އެންމެ ދަށް ސީޒަނެވެ. އެ ފަހަރު މިލާން ރެލިގޭޓްވި އެވެ. އެ ޓީމަށް މިހާރު އޮތް އުއްމީދަކީ އިޓާލިއަން ކަޕާއި ޔުރޮޕާ ލީގެވެ.
މިލާނުން މި ސީޒަނާ ކުރިމަތިލީ ބޮޑު އުއްމީދުތަކާ އެކު އެވެ. އެގޮތުން ޗައިނާގެ މަހުޖަނަކު އެ ޓީމާ ހަވާލުވެ ބޮޑު ހަރަދެއްކޮށް ނަން މަޝްހޫރު ކުޅުންތެރިން ގެނަ އެވެ. އެކަމަކު ދުނިޔޭގެ އެންމެ މޮޅު އެއް ޑިފެންޑަރު ލިއޮނާޑޯ ބޮނޫޗީ އާއި އާޖެންޓީނާގެ ތަޖުރިބާކާރު މިޑްފީލްޑަރު ލޫކަސް ބިޖްލިއާ އަދި ތުރުކީގެ ހަކާން ޝަނައޮގްލޫ ފަދަ ކުޅުންތެރިންނާ އެކު ވެސް އެކަށީގެންވާ ކުޅުމެއް ނުދެއްކެ އެވެ.