27 ޑިސެމްބަރ 2017 - 06:43

ސަލްމާން ޚާނާއި ކެޓުރީނާ ކައިފްގެ "ޓައިގާ ޒިންދާ ހޭ" ރިލީޒްވިތާ އެންމެ ތިން ދުވަހުގެ ތެރޭ ގިނަ ރެކޯޑްތަކެއް ހަދައިފި އެވެ. މިއީ ދުވަސްތަކަކަށް ފަހު ފިލްމަކަށް ރެކޯޑްތައް ގާއިމް ކުރެވުނު ފުރަތަމަ ފަހަރެވެ. އެންމެ ފަހުން ގިނަ ރެކޯޑްތަކެއް ހަދާފައިވަނީ "ބަހޫބަލީ 2" އެވެ. ނަމަވެސް މިއީ ހިންދީ ބަހުން އަޑުއަޅާފައިވާ ސައުތު އިންޑިއާ ފިލްމެކެވެ.
ތިން ދުވަސް ތެރޭ "ޓައިގާ ޒިންދާ ހޭ" ނުވަ ރެކޯޑެއް ހަދައިފި އެވެ. މިއީ "ބަހޫބަލީ 2"ގެ ރެކޯޑްތައް ނުލަ އެވެ. "ބަހޫބަލީ 2" އަކީ ހުރިހާ ފިލްމުތަކެއްގެ ރެކޯޑް މުގުރާފައިވާ ފިލްމެއް ނަމަވެސް މިއީ ހިންދީ ފިލްމެއްގެ ގޮތުގައެއް ނުބެލެވެ އެވެ.
"ޓައިގާ ޒިންދާ ހޭ" ހެދި ރެކޯޑްތަކުގެ ތެރޭގައި އެންމެ އަވަހަށް 100 ކްރޯޑު (10 ބިލިއަން ރުޕީސް) ލިބުނު ފިލްމުގެ ރެކޯޑް ހިމެނެ އެވެ. މި ފިލްމަށް ވަނީ ތިން ދުވަހުން 114.93 ކްރޯޑު (11.4 ބިލިއަން ރުޕީސް) ލިބިފަ އެވެ. މީގެ ކުރިން މި ރެކޯޑް އޮތީ ސަލްމާންގެ "ސުލްތާން" އަށެވެ. އެ ފިލްމަށް ތިން ދުވަސް ތެރޭ ލިބުނީ 105 ކްރޯޑު (10.5 ބިލިއަން ރުޕީސް) އެވެ.
ފާއިތުވީ އަހަރުތަކުގައި ރިލީޒްކުރި ހުރިހާ ފިލްމުތަކެއްގެ ތެރެއިން ރިލީޒްކުރި ދުވަހު އެންމެ ގިނައިން ލިބިފައިވަނީ ވެސް "ޓައިގާ ޒިންދާ ހޭ" އަށެވެ. އެ ފިލްމަށް އެދުވަހު އެކަނި 45.53 ކްރޯޑު (4.5 ބިލިއަން ރުޕީސް) ލިބުނެވެ.
"ޓައިގާ ޒިންދާ ހޭ" ފްރެންޗައިސްގެ ފުރަތަމަ ފިލްމު "އޭކް ތާ ޓައިގާ"ގެ ރެކޯޑް ވެސް މި ފިލްމުން ވަނީ މުގުރާލާފަ އެވެ. ފުރަތަމަ ފިލްމަށް އެދުވަހު ލިބުނީ 32.93 ކްރޯޑު (3.29 ބިލިއަން ރުޕީސް) އެވެ.
"އޭކް ތާ ޓައިގާ" އަކީ ކެޓުރީނާ ކައިފްގެ ފިލްމުތަކުގެ ތެރެއިން މިހާތަނަށް އެންމެ ރަނގަޅު ފެށުމެއް ލިބުނު ފިލްމެވެ. ކުރިން މި ރެކޯޑް އޮންނަނީ "ދޫމް 3" އަށެވެ.
"ޓައިގާ ޒިންދާ ހޭ" އިން ހަދާފައިވާ އިތުރު ރެކޯޑްތަކުގެ ތެރޭގައި ޗުއްޓީ ނޫން ދުވަހަކު ރިލީޒްކޮށް އެންމެ ރަނގަޅުު ފެށުމެއް ލިބުނު ފިލްމުގެ ރެކޯޑާއި ހަފުތާ ބަންދުގައި އެންމެ ރަނގަޅަށް ހިނގި ފިލްމުގެ ރެކޯޑާއި ސަލްމާންގެ ފިލްމުތަކުގެ ތެރެއިން އެންމެ އަވަހަށް 100 ކްރޯޑު ލިބުނު ފިލްމުގެ މަގާމު ހިމެނެ އެވެ. "ޓައިގާ ޒިންދާ ހޭ" އަކީ 100 ކްރޯޑު ލިބުނު ސަލްމާންގެ 12 ވަނަ ފިލްމެވެ. މިއީ ވެސް ރެކޯޑެކެވެ.