ގްރިޒްމަން ނެތްތަން ފޫބައްދާނީ އޯބަމަޔަން؟
ގްރިޒްމަން ނެތްތަން ފޫބައްދާނީ އޯބަމަޔަން؟

ޑޯޓްމަންޑް (ޑިސެމްބަރު 26) – އެތުލެޓިކޯ މެޑްރިޑަށް ބަދަލުވާން އުޅޭ ކަމުގެ އިޝާރާތެއް ބޮރޫޝިއާ ޑޯޓްމަންޑުގެ ފޯވާޑް ޕިއެރޭ-އެމެރިކް އޯބަޔަމަން ދީފި އެވެ.

ޔޫރަޕުގައި މި ވަގުތު ހުރި އެންމެ ހުނަރުވެރި އެއް ފޯވާޑް އެތުލެޓިކޯއާ ވާދަވެރި ރެއާލް މެޑްރިޑަށް ބަދަލުވާން އުޅޭ ކަމަށް ވެސް އަޑުފެތުރުނެވެ. އަދި އޭނާ ގެންދަން ޔޫރަޕުގެ އެހެން ބައެއް ކްލަބްތަކުން ވެސް މަސައްކަތްކުރި އެވެ. ބެލެވޭ ގޮތުގައި މި ސީޒަނަށް ފަހު އޭނާ އެ ކްލަބް ދޫކޮށްލާނެ އެވެ.

"ޑޯޓްމަންޑުގެ ކޮންޓްރެކްޓް އާކުރުން؟ އަހަރެން އަދި ސޮޔެއް ނުކުރަން. އެއީ ހަގީގަތެއް ނޫން،" އޯބަޔަމަން ބުންޏެވެ. "މާކެޓް އޮތީ ހުޅުވިފައި، އަހަންނަށް ވެސް. ރެއާލް މެޑްރިޑް؟ އެއީ މިހާރު އަހަރެންގެ އެދުމެއް ނޫން. އެކަމާ މިހާރު އަހަރެން އެހާ ބޮޑަށް ނުވިސްނަން."

އޯބަމަޔަން ބުނީ ދުނިޔޭގެ އެކި ހިސާބުތަކުން ކުޅުންތެރިން ހޯދަން އެތުލެޓިކޯ މެޑްރިޑުން މަސައްކަތްކުރާކަން އެންމެންނަށް ވެސް އެނގޭ ކަމަށާއި އަދި ފޯވާޑް އެންޓޮއިން ގްރިޒްމަން އެ ކްލަބް ދޫކޮށްލާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

"ވަރަށް ބައިވަރު ކަންތައް ވެދާނެ. ކޮންމެ ކަމެއް ވެސް ވެދާނެ،" ގްރިޒްމަން ނެތްތަން ފޫބައްދަން އެ ކްލަބަށް ބަދަލުވާނެ ކަމަށް އިޝާރާތްކޮށް އޭނާ ބުންޏެވެ.

އޭސީ މިލާނުން ކެރިއަރު ފެށި އޯބަޔަމަން ވިދާލީ ފްރާންސުގެ ސެއިން-އެޓިއެން އަށް ކުޅުނު ދުވަސްވަރެވެ. އަދި ފަހުން ޑޯޓްމަންޑަށް ބަދަލުވެ އޭނާ ވަނީ ޔޫރަޕުގެ އެންމެ ގޯލާ ރަށްޓެހި އެއް ފޯވާޑަށް ވެފަ އެވެ. އޭނާ ގެންދަން މި ސީޒަނުން މިލާން ވެސް ބޭނުންވި އެވެ. އެކަމަކު ޑޯޓްމަންޑުން ކިޔާ އަގު މާ ބޮޑީ އެވެ.