އިންޑިއާގެ އެންމެ ބޮޑު އެއް ރޭހުން ސާއިދު ރަން މެޑަލް ހޯދައިފި
އިންޑިއާގެ އެންމެ ބޮޑު އެއް ރޭހުން ސާއިދު ރަން މެޑަލް ހޯދައިފި

އިންޑިއާގެ ބެންގަލޫރުގައި ކުރިއަށްދާ އިންޑިއަން ގްރޯން ޕްރީ އެތުލެޓިކްސް މުބާރާތުގެ 100 މީޓަރު ދުވުމުގެ ރޭހުން ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު މިއަދު ރަން މެޑަލް ހޯދައިފި އެވެ.

އިންޑިއާގެ އެންމެ ބޮޑު އެއް ރޭހުން ސާއިދު ރަން މެޑަލް ހޯދައިފި
އިންޑިއާގެ އެންމެ ބޮޑު އެއް ރޭހުން ސާއިދު ރަން މެޑަލް ހޯދައިފި

ކުރިއަށް އޮތް އޮލިމްޕިކް ގޭމްސްއަށް ތައްޔާރުވުމަށް ތަމްރީން ހެދުމަށް ބެންގަލޫރުގައި ހުރި ސާއިދު މި ރޭސް ކާމިޔާބުކުރީ 10:37 ސިކުންތުން ދުވެގެންނެވެ. މި އިވެންޓުން އޭނާ ގައުމީ ރެކޯޑް ހަދާފައިވަނީ 10:33 ސިކުންތުން ދުވެގެންނެވެ.

ސާއިދުގެ ފަހަތުން ދެ ވަނަ ހޯދި އިންޑިއާގެ ދުވުންތެރިޔާ ކްރިޝްނާ ކުމާރު ރާނޭ ރޭސް ނިންމީ 10:46 ސިކުންތުންނެވެ. ތިން ވަނަ އަށް ދިޔައީ 10:49 ސިކުންތުން ރޭސް ނިންމި އަމިޔާ ކުމާރު މާލިކެވެ. މި މުބާރާތުގައި އިންޑިއާގެ އިތުރުން ސްރީ ލަންކާގެ ދުވުންތެރިން ވެސް ވާދަކުރެ އެވެ.

އޮލިމްޕިކްސް އަށް ދުވުންތެރިން ކޮލިފައިކުރަން އިންޑިއާ އިން ބާއްވާ މި މުބާރާތުގެ މި އިވެންޓުން އިންޑިއާގެ އެއްވެސް ދުވުންތެރިޔަކަށް އޮލިމްޕިކްސް އަށް ކޮލިފައިވެވޭ ޓައިމިން އަށް ދުވެވިފައެއް ނުވެ އެވެ. އޮލިމްޕިކްސް އަށް 100 މީޓަރު އިވެންޓުން ކޮލިފައިވާނީ 10:16 ސިކުންތަށް ވުރެ އަވަހަށް ދުވެގެންނެވެ.

އޮލިމްޕިކްސްގައި ރާއްޖޭގެ ފަރާތުން ސާއިދު އަދި އަފާ އިސްމާއިލް ދުވަނީ، ކޮލިފައިނުވާ ގައުމުތަކަށްދޭ ހާއްސަ ޖާގައިގެ ތެރޭގަ އެވެ.

އިންޑިއަން ގްރޯން ޕްރީގައި ސާއިދު މާދަމާ 200 މީޓަރު އިވެންޓުގައި ދުވާނެ އެވެ. މީގެ އިތުރުން އަފާ ވެސް 200 މީޓަރު ރޭހުގައި ދުވާއިރު ރާއްޖޭގެ އިތުރު ދުވުންތެރިން އަންހެނުންގެ 400 މީޓަރު ރިލޭ އަދި ފިރިހެނުންގެ 400 މީޓަރު ރިލޭގައި ދުވާނެ އެވެ.

ސާއިދު ވަނީ މިދިޔަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ 100 މީޓަރު ދުވުމުން ރަން މެޑަލް އަދި 200 މީޓަރު ދުވުމުންނާއި މި އަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ 100 މީޓަރު އަދި 200 މީޓަރު ދުވުމުން ރިހި މެޑަލް ހޯދައިފަ އެވެ. އޭނާ މި ވަގުތު އިންޑިއާގައި ތަމްރީން ހެދި ނަމަވެސް، އޭނާ އަންނަނީ 2012 ވަނަ އަހަރުން ފެށިގެން، ދުނިޔޭގެ އެންމެ ވަރުގަދަ އެއް ތަމްރީން ސެންޓަރު ޖެމެއިކާގެ ހައި ޕާފޯމަންސް ސެންޓަރުގައި ތަމްރީން ވަމުންނެވެ.