26 ޑިސެމްބަރ 2017 - 11:29

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހުޅުމާލެ އަށް ދަތުރުކުރަން ބޭނުންކުރި މަގު ބަންދުކޮށް، އާ ޓާމިނަލާއެކު އޭޕްރަންގެ ޖާގަ ބޮޑުކުރުމަށް އާ މަގެއް ހަދައި ބޭނުންކުރަން ފަށައިފި އެވެ.
އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ ކުރިން ހުޅުލޭގެ ހުޅަނގު ދެކުނުން ހަދާފައިވާ މަގުގެ ބަދަލުގައި އަލަށް ހެދި ހަތް މީޓަރު ފުޅާ މަގު އިއްޔެރޭން ފެށިގެން ހުޅުވާލާފައިވާ ކަމަށެވެ.
"ކުރިން ބޭނުންކުރި މަގު އޮތީ އަލަށް ހަދާ އޭޕްރަންގެ ތެރޭގައި. އެހެންވެ އެ މަގުގެ ބަދަލުގައި އާ މަގެއް ހަދައި އާއްމުކޮށް ބޭނުންކުރަން ހުޅުވާލީ،" އޭނާ ވިދާޅުވި އެވެ.
އެ އޮފިޝަލް ވިދާޅުވީ ކުރިން ބޭނުންކުރި މަގުން އިތުރުވާ ބަޔާއެކު އޭޕްރަންގައި އިތުރު ހަ ބޯޓު ޕާކުކުރެވޭނެ ޖާގަ ލިބިގެންދާނެ ކަމަށެވެ. އަދި އާ ޓާމިނަލާއެކު ހަދާ އޭޕްރަން ނިމުމުން ޖުމްލަ 21 ބޯޓު ޕާކުކުރެވޭނެ ޖާގަ ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެއާޕޯޓުގައި އަލަށް ހަދާ 350 މިލިއަން ޑޮލަރުގެ ޓާމިނަލްގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ސައުދީ ބިންލާދިން ގްރޫޕާ އެވެ. އަހަރަކު ހަތް މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ފެންވަރަށް ތަރައްގީކުރާ އެ ޓާމިނަލްގެ މަސައްކަތް ނިންމައި 2019 ވަނަ އަހަރުގެ ތެރޭގައި ހުޅުވާނެ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.