26 ޑިސެމްބަރ 2017 - 11:49

ރ. މަޑުއްވަރީގައި ފުލުހުންގެ ކާރެއްގެ ބިއްލޫރިގަނޑު ތަޅާލި މައްސަލާގައި އެ ރަށުން އިއްޔެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މިިދިޔަ ބުރާސްފަތި ދުވަހު ހިނގި ހާދިސާއާ ގުޅިގެން ހައްޔަރުކުރީ 41 އަހަރުގެ ފިރިހެނެއް ކަމަށެވެ.
އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
ފުލުހުންގެ ވެހިކަލްތަކަށް ގެއްލުން ދިނުމަކީ ރާއްޖޭގައި މަދުން ނަމަވެސް ހިނގާ ކަމެކެވެ. ފަހުގެ ތާރީހުގައި ފުލުހުންގެ އުޅަނދުތަކަށް އެންމެ ބޮޑަށް ގެއްލުން ދިނީ ފެބްރުއަރީ، 2012 ގައި ވެރިކަން ބަދަލުވުމުން ހިނގައިދިޔަ ހަމަނުޖެހުންތަކުގަ އެވެ. އެ ހަމަނުޖެހުންތަކުގައި ފުލުހުންގެ 100 ވަރަކަށް އުޅަނދުގައި ރޯކޮށްލައި، ބޭނުން ނުކުރެވޭ ވަރަށް ވަނީ އަންދާލައިފަ އެވެ.