އޭދަފުށީގެ ހުނަރުވެރި ފޯވާޑް ސައްޓު ޓީސީ އަށް
އޭދަފުށީގެ ހުނަރުވެރި ފޯވާޑް ސައްޓު ޓީސީ އަށް

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ށ. މިލަންދޫ ޓީމަށް މޮޅު ކުޅުމެއް ދެއްކި ބ. އޭދަފުށީގެ ހުނަރުވެރި ފޯވާޑް އިޝާން އިބްރާހިމް (ސައްޓު) އަންނަ ސީޒަނުގައި ޓީސީ ސްޕޯޓްސް ކްލަބަށް ކުޅެން ސޮއިކޮށްފި އެވެ.

ސައްޓު ކުރިން ބުނީ އޭނާ ސަޕޯޓްކުރަނީ ނިއު ރޭޑިއަންޓަށް ކަމަށާއި އެކަމަކު ވަކި ކްލަބަކަށް ކުޅުމުގެ ވިސްނުމެއް ނެތް ކަމަށެވެ. އަދި އޭނާގެ ހަމައެކަނި ޝަރުތަކީ ރަނގަޅު ހުށަހެޅުމެއް ކަމަށް ބުނެފައިވެ އެވެ.

އެނގިފައިވާ ގޮތުގައި އޭނާ ހޯދަން ނިއު އިން ވެސް މަސައްކަތްކުރި އެވެ. އެކަމަކު ޓީސީގެ އޮފާ ރަނގަޅުވުމުން އެ ޓީމަށް ސޮއިކުރީ އެވެ.

އުމުރުން 29 އަހަރުގެ ސައްޓު އޭނާ މިލަންދޫ ޓީމަށް ކުޅުނީ ޕްރެކްޓިހެއް ނެތި އެވެ. އެއީ އޭދަފުށީ ބެންކުގައި ވަޒީފާއަދާކުރަމުން އަންނާތީ ޓީމާ ގުޅެން ދަތިތަކެއް ހުރުމުންނެވެ. އެހެންވެ އޭނާ ކޮންމެ ފަހަރަކު މެޗު ކުޅެން މާލެ އަންނަނީ އެވެ. އެކަމަކު ވެސް އޭނާ ތަފާތު ދެއްކި އެވެ. ފަސް މެޗެއްގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދިއިރު އަށް ގޯލް ޖެހި އެވެ. އެނގިފައިވާ ގޮތުގައި އޭނާ ޓީސީ އަށް ބަދަލުވީ ބެންކުގެ ވަޒީފާ މާލެ އަށް ބަދަލުކޮށްގެންނެވެ.

އޭނާ އަކީ އަންނަ އަހަރުގެ އޭއެފްސީ ކަޕުން ޖާގަ ހޯދާފައިވާ ޓީސީ އަށް އާ ސީޒަނަށް ސޮއިކުރި ފުރަތަމަ ކުޅުންތެރިޔާ އެވެ. ނާއިޒް ހަސަން (ދާދު) ފިޔަވައި މުހިއްމު ހުރިހާ ކުޅުންތެރިން ވެސް ވަނީ ޓީސީގެ ކޮންޓްރެކްޓް އާކޮށްފަ އެވެ. އޭއެފްސީ ކަޕަށް ތައްޔާރުވުމުގެ ގޮތުން އަންނަ ޖެނުއަރީ 3 ވަނަ ދުވަހު ޕްރެކްޓިސް ފެށުމަށް ހަމަޖެހިފައިވާއިރު ބިދޭސީ ހަތަރު ކުޅުންތެރިން ވެސް ގެންނާނެ އެވެ.

އޭއެފްސީ ކަޕުގައި އެ ޓީމު ވާދަކުރަން ޖެހޭނީ ޕްރިލިމިނަރީ ބުރުގަ އެވެ. އެ ބުރުގައި އެ ޓީމު ކުޅޭނީ ބަންގްލަދޭޝްގެ ފެޑެރޭޝަން ކަޕް ޗެމްޕިއަނުންނާ އެވެ. ޕްރިލިމިނަރީ ބުރުގައި ޓީސީގެ ފުރަތަމަ ލެގު ޖެނުއަރީ 23 ގައި އޮންނައިރު ދެ ވަނަ ލެގު އޮންނާނީ ޖެނުއަރީ 30 ގަ އެވެ.

މި ބުރުން ކުރި ލިބިއްޖެ ނަމަ ޕްލޭއޮފުން ފުރުސަތު ލިބޭނެ އެވެ. ޕްލޭއޮފުގައި ބައްދަލުކުރާނީ އިންޑިއާގެ ގަދަބާރު ބެންގަލޫރު އެފްސީ އާއި ބޫޓާނުގެ ޓްރާންސްޕޯޓް ޔުނައިޓެޑް ކުޅެ ކުރި ހޯދާ ޓީމަކާ އެވެ. ޕްލޭއޮފުގެ ލެގުތައް އޮންނާނީ ފެބްރުއަރީ 13 އަދި ފެބްރުއަރީ 20 ވަނަ ދުވަހު އެވެ.

އަދި ޕްލޭއޮފް ބުރުން ކުރި ލިބިއްޖެ ނަމަ ވާދަކުރަން ޖެހޭނީ ނިއު ރޭޑިއަންޓާއި އިންޑިއާގެ ލީގު ޗެމްޕިއަން އައިޒޯލް އެފްސީ އަދި ބަންގްލަދޭޝް ލީގު ޗެމްޕިއަނުންނާ އެއް ގްރޫޕެއްގަ އެވެ.