ރައީސް ޔާމީން އަމަލުކުރައްވަނީ އެންމެންނާ މެދު އޯގާތެރިކޮށް: ސަލީމް
ރައީސް ޔާމީން އަމަލުކުރައްވަނީ އެންމެންނާ މެދު އޯގާތެރިކޮށް: ސަލީމް

ރައީސް އަބްދުﷲ ޔާމީން، އެންމެންނާ މެދު ވެސް އަމަލުކުރައްވަނީ އޯގާތެރިކޮށް ކަމަށް ވިދާޅުވެ އެމަނިކުފާނަށް، އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް (ރެޑްވޭވެ ސަލީމް) މިއަދު ތައުރީފްކުރައްވައިފި އެވެ.

ބ. އޭދަފުށީ ބިން ހިއްކުމުގެ މަޝްރޫއުގެ ނިމުން ފާހަގަކުރަން އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ސަލީމް ވިދާޅުވީ އޯގާތެރިކަމާ އެކު ކަންކަން ކުރެއްވުމުން، އިދިކޮޅު ފަރާތްތަކުގެ ވެސް ވިސްނުން ބަދަލުވާނެ ކަމަށެވެ. ރައީސް ޔާމީންގެ ފަރާތްޕުޅުން ފެންނަނީ އެންމެންނާ މެދު ވެސް އޯގާތެރިކޮށް އަމަލުކުރައްވާ މަންޒަރު ކަމަށް ސަލީމް ވިދާޅުވި އެވެ.

"ހަރުކަށި ކަމެއް ނެތި މަސައްކަތް ކުރީމަ ރައްޔިތުން ލޯބިވާނެ. ރައްޔިތުން ވޯޓް ދޭނެ. އަޅުގަނޑުމެންނާ، އިދިކޮޅު ފަރާތްތަކަށް ވެސް އޯގާތެރިކޮށް އިހުސާންތެރިކަމާ އެކީގައި މަސައްކަތް ކުރީމާ މަޑުމަޑުން އެ މީހުން ވެސް އަންނާނީ ބަދަލުވަމުން،" ރައީސް ޔާމީނަށް ކުރިން ފާޑުވިދާޅުވި ސަލީމް ވިދާޅުވި އެވެ.

ޕީޕީއެމްގެ ތެރޭގައި އުފެދުނު ދެބައިވުމުގައި، ރައީސް ޔާމީންގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފަޅިއަށް ސަލީމް އަރާވަޑައިގެންނެވި އެވެ. ރައްޔިތުންގެ މަޖިލީހުގައި ނެގި ވޯޓުތަކުގައި، ރައްޔިތުންގެ އިހްސާސްތަކާ ދެކޮޅަށް ވޯޓު ދެއްވީ މަޖުބޫރުން ކަމަށް ވިދާޅުވެ ރައްޔިތުންގެ ކިބައިން މާފަށް ވެސް އެދިވަޑައިގެންނެވި އެވެ.

އެކަމަކު، އޭނާގެ ވިޔަފާރި އަށް ސަރުކާރުން ދަތިކުރަން ފެށުމުން، އަލުން ރައީސް ޔާމީން ފަޅިއަށް އަރާވަޑައިގެން، ސަރުކާރުގެ ސިޔާސަތުތަކަށް ތާއީދުކުރައްވައި ސަލީމް ގެންދަވަނީ ވާހަކަ ދައްކަވަމުންނެވެ.

ރިޔާސީ އިންތިހާބަށް އިޝާރާތް ކުރައްވައި ސަލީމް ވިދާޅުވީ ސިޔާސީ ވަކި ބޭފުޅަކު ނެތިގެން ކާމިޔާބު ނުލިބޭ ކަމަށް ގަބޫލުކުރުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.

"ކާމިޔާބު ލިބެނީ ވަކި ލީޑަރަކު، ވަކި މީހަކު ހުރެގެން ނޫނީ ވަކި ވައްތަރެއްގެ މީހަކު ހުރެގެން ނޫން ކަން އަޅުގަނޑުމެންނަށް ތާރީހުން އެބަހުރި ސާބިތުވެ އެނގިފައި،" ސަލީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރައީސް ޔާމީނަކީ އެކި ކަންކަމުގައި މަޝްވަރާ ކުރައްވާ ބޭފުޅެކެވެ. ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުމުން، އެކަމާ މެދު އަމަލުކުރަންވީ ގޮތް، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ގާތު އައްސަވައި މަޝްވަރާ ކުރެއްވި ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ.

ސަލީމް ވިދާޅުވި ގޮތުގައި އެ ބައްދަލުވުމުގައި، އެ ޕާޓީއާ ދުރަށް ގޮސްފައިވާ ލީޑަރުން ގެނައުމަށް ހުށަހެޅުމުން ވެސް ރައީސް ޔާމީން ނިންމެވީ ޕާޓީގައި ތިބި ބަޔަކާ އެކު މަސައްކަތް ކުރައްވާށެވެ.

"ދިން ލަފަޔާ އިރުޝާދުގެ މައްޗަށް ބިނާކޮށް އެމަނިކުފާނު ވިދާޅުވީ ހިނގާށޭ ތިމަންނަމެން މިތިބި މީހުން = އިހުލާސްތެރިކަމާއެކު މަސައްކަތްކޮށްގެން ރިޔާސީ އިންތިހާބު ކާމިޔާބު ކުރަން. ނިކަން ބައްލަވާ ހުރި ހިތްވަރު ގަދަކަން." ސަލީމް ވިދާޅުވި އެވެ.